މި ސަަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ސަޕްލައި ފެން ފޯރުކޮށްދެނީ ރާއްޖޭގައި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
އިސްކުރު ފެނަކީ ބުއިމަށް އެކަށީގެންވާ ފެންކަން ކަށަވަރުކުރަން ކޮށްދިނުމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވަނީ ފެނުގެ ޓެސްޓުތަކުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.
އެ ޓެސްޓުތަކަކީ އެފްޑީއޭއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެންމެ ފަހުން ތިން ހަފްތާ ވަންދެން ކުރި ޓެސްޓުތަކެއްކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ސުވާލެއް އެބައުޅޭ ޕެލެޓަބަލް ވޯޓާ (ރަހަމީރު ފެން) އާ މެދު. އަަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ކިޔާ އަޑުއިވޭ ކްލޮރިން ލެވަލް ވަރަށް ދަށްކޮށޭ ހުންނަނީ. ނަމަވެސް އާންމުކޮށް ވަރަށް ގިނައިން އިވޭނެ އެމްޑަބްލިއުއެސްސީން ދޫކުރާ ފެނުގައި ވަރަށް ވަސްގަދައޭ،" ސާޖިދާ ވިދާޅުވިއެވެ.
އަދި އެމްޑަބްލިއުއެސްސީން ދޫކުރާ ފެނުގައި ވަސް ގަދަވުމުން ރަހައަށް ބަދަލު އަންނަ ކަމަށާއި ނަމަވެސް އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ރައްކާތެރި ބޯން ކެރޭ ފެން ކަމަށް އޭނާ ވިދާޅުވއިެވެ.
"ރައްކާތެރިކަން މި މެޝާކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތިންކަންކަމެއް ތެރޭގައި. އެއީ ފިޒިކަލް ކޮންޓެމިނޭޝަން، މައިކްރޯބިއަލް ކޮންޓެމިނޭޝަން އަދި ކެމިކަލް ކޮންޓެމިނޭޝަންއިން. މިކަހަލަ އެއްވެސް ކަމެއް ނެތިއްޔާ އޭގެ މާނައަކީ ހަށިގަނޑަށް ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް ނުވާނެއޭ." އޭނާ ވިދާޅުވިއެވެ.
އަދި ބޯންކަމުދޭތޯ ސުވާލު އުފައްދާއިރު ކޮންމެހެން ރަަހައަށް ބަލަން ނުޖެހޭ ކަމަށާއި އަދި މިއީ "ކޮންސިއުމާ" އެ ބަލައިގަތުމުގައި އުޅޭ މައްސަލައެއްކަމަށް ސާޖިދާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކޮލެޓީ މިންގަނޑު ކަނޑައަޅާފައި ހުރިއިރު އެބަހުރި އަޅާފައި ރައްކާތެރި މިންގަނޑުތަކަށް ވުރެ ހައިކޮށް. އެއީ މިހާރު އީޕީއޭގެ މިންގަނޑުވެސް މިހާރު މި އިންނަނީ އަދި އެއަށްވުރެ ހައިކޮށް. ހަގީގަތަށް ބުނަންްޏާމު މިހާރުވެސް އަޅުގަނޑުމެންނަށް ލިބެނީ ކޮލިޓީ ފެނޭ." ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ ޖަރާސީމް ހުރިތޯ ބަލަން ކުރާ ފީކަލް ޓެސްޓްތަކުން ޑަބްލިއުއެޗްއޯއިން ކަނޑައަޅާފއިވާ މިނަތަކުން ބަލައި ފެން ތަަޣައްޔަރުވެފައިވާ ކަމުގެ އަސަރެއް ފެނިފައި ނުވާ ކަމަށެވެ. އަދި ޑަބްލައިއެޗްއޯއިން ރާއްޖެ ވަޑައިގެންނެވި ބޭފުޅުންވެސް މި ސަރަހައްދުގެ ގައުމުތަކާ ބަލާއިރު އެންމެ ރަނގަޅު ސަޕްލައިފެން ދޫކުރަނީ ރާއްޖެއިން ކަމަށް ވިދާޅުވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.