އަހަރުގެ ސުޕަސްޓާރަކަށް ރަންވީރު!

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި 'ހެލޯ! ހޯލް އޮފް ފޭމް އެވޯޑްސް 2019' ހަފްލާގައި ދިން އަހަރުގެ "ސުޕަސްޓާ"ގެ އެވޯޑު ހުނަރުވެރި އެކްޓަރު ރަންވީރު ސިންގް ހޯދައިފި އެވެ.

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެވޯޑު ހަފްލާގައި އެންމެ ފާހަގަ ކޮށްލެވޭ އެވޯޑުތައް ގެންދިޔައީ ރަންވީރު، ވިކީ ކޯޝަލް، އާޔޫޝްމަން ޚުރާނާ އަދި ސޯނަމް ކަޕޫރެވެ.

ފިލްމު 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އިން ވިކީ ވަނީ ''އައުޓްސްޓޭންޑިންގް ޓެލެންޓް (ފިރިހެން)''ގެ އެވޯޑު ހޯދައިފަ އެވެ. ސޯނަމް އަށް "ޕާތު-ބްރޭކިންގް ޕާފޯމަންސް އޮފް ދަ އިޔާ" ލިބުނު އިރު އަހަރުގެ "ސިނެމެޓިކް ޑެބިއު"ގެ އެވޯޑު ގެންދިޔައީ ޖާންވީ ކަޕޫރެވެ.

ބެލުންތެރިންގެ އެންމެ މަގްބޫލު އެކްޓަރުންގެ އެވޯޑު ލިބުނީ އާޔޫޝްމަން ޚުރާނާ އަދި ކެޓްރީނާ ކައިފް އަށެވެ. އެންމެ ވާސަޓައިލް އެކްޓަރުގެ އެވޯޑު އަދިތީ ރާއޯ ހައިދަރީ އަށް ލިބުނު އިރު، އަހަރުގެ އެންމެ ސްޓައިލިޝް އެކްޓަރަކަށް ހޮވުނީ ފަރްހާން އަޚްތަރު އެވެ.

ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގިވަޒަންކޮށް ދިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ގެންދިޔައީ ޝަރްމީލާ ޓަގޯރްއެވެ.

comment ކޮމެންޓް