ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޢުނީއަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންދަވަން ނިންމެވީ އޭނާ އާ ސުވާލުނުކޮށް ކަމަށާއި އެ ނިންމުމާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް މުޢުނީ ވިދާޅުވެއްޖެ އެވެ.
މުޢުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އެމްޑީޕީން މިއަދު ވަނީ މުޢުނީއަށް ކުރާ ތާއީދު އަނބުރާ ގެންދެވުމަށް ނިންމަވާފައެވެ. އަދި މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި އެކަމަކު އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް އެޕާޓީން މިއަދު ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން މުޢުނީ "ސަން" އަށް ވިދާޅުވީ، އެ ނިންމެވުން އޭނާ އަށް އެނގިގެން ދިޔައީ ނޫސްތަކުން ކަމަށާއި އެ ނިންމުން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ. އެނާގެ ބަހެއް ނެތި އެމްޑީޕީން ނިންމެވި ނިންމެވުމާ މެދު ކަންބޮޑުވާ ކަމަށް މުޢުނީ ވިދާޅުވިއެވެ.
"[ޕާޓީގެ ފަރާތުން] އެއްވެސް ކަހަލަ ނިންމުމެއް ނިންމާފައިވާ ކަމަށް އަޅުގަނޑަކަށް އަންގާފައި ނެތް. ޕާޓީގެ ގުނަވަނަކުން އަޅުގަނޑާ ސުވާލުކޮށްފައިވެސް ނެތް. ކުޑަމިނުން އެއީ މުޢުނީގެ ކުރީގެ އަނބިމީހާތޯ ވެސް ސުވާލުކޮށްފައި ނެތް. އަޅުގަނޑުގެ ބަހެއް ނެތި ޕާޓީގެ މި ނިންމުމާ ދޭތޭރެ ވަރަށް ބޮޑަށް ކަންބޮޑުވޭ،" މުޢުނީ ވިދާޅުވިއެވެ.
މުޢުނީ އޭނާއާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ވެސް އޭނާ ދޮގު ކުރެއްވިއެވެ. މުޢުނީ ވިދާޅުވީ، އެ ތުހުމަތަކީ މީގެ 11 އަހަރު ކުރިން އޭނާ ވަރިކުރި އަންހެނުނަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކެއް ކަމަށާއި އެ ފަދަ މައްސަލައެއް އެއްވެސް ކޯޓަކަށް ވެސް ފުލުހުންގެ މުއަސަސާއަކަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
"[ކުރާ ތުހުމަތުތަކަކީ] ކަނޑައެޅިގެން ދޮގެއް. އެއީ ހަމަ ޒަތީވެ. ސިޔާސީ ގޮތުން ބަޔަކު މީހުންނަށް ފާއިދާ ހޯދުމަށްޓަކައި،" ބަޔަކު ކުރާ ކަމެއް ކަަމަށް މުޢުނީ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކުރީގެ އަންހެނުނާ ކައިވެނި ރޫޅުނުތާ 11 އަހަރު ވެއްޖެ. އަޅުގަނޑަށް އަދި ދުވަހަކުވެސް ޕޮލިހަކުންވެސް އަދި އެއްވެސް ތާކުންވެސް [އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމުގެ] އިޝާރާތެއް ކޮށްފައި ނެތް،"
މުޢުނީއާ މެދު ފިޔަވަޅު އެޅީ ޕާޓީގެ އިސްފަރާތްތަކުން!
އެކަމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަދި އެ ޕާޓީގެ މަޖިލިސް ކެމްޕެއިން މެނޭޖަރު، އަފްޝަން ލަތީފް މިއަދު "ސަން" އަށް ވިދާޅުވީ، މުޢުނީގެ ތާއީދު އަނބުރާ ގެންދެވުމަށް ނިންމެވީ ޕާޓީގެ އިސް ފަރާތްތަކުން ކަމަށާއި އެ ނިންމުމަކީ ޕާޓީގެ ގަވައިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމެއް ކަމަށެވެ.
"ސިޔާސީ ނިންމެވުމެއް ވުމުން [އެފަދަ] ނިންމެވުން ނިންމަވާނީ ޕާޓީގެ އެންމެ އިސްފަރާތްތަކުން. މަޝްވަރާ ކޮށްފައި، ޕާޓީގެ އެންމެ އިސްފަރާތްތަކުން ފެނިވަޑައިގަތީ [މުޢުނީ] އަކީ އަޅުގަނޑުމެންނަށް ތާއީދު ކުރެވޭ ކެންޑިޑޭޓެއް ނޫން ކަމަށް." އަފްޝަން ވިދާޅުވިއެވެ.
އެ ނިންމުން ނިންމަވާފައި ވަނީ މުޢުނީއާ ސުވާލުނުކޮށް ކަމަށް ބުނާ ވާހަކަ ތަކަށް ރައްދު ދެއްވާ އަފްޝަން ވިދާޅުވީ، މުޢުނީއަށް ޖަވާބުދާރީ ވާން ފުރުސަތު ދިން ކަމަށެވެ. އަދި މިއަދުވެސް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު، މުޢުނީއަށް ގުޅުއްވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް މުޢުނީ ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.
"މިއަދު ހެނދުނު ކެމްޕެއިން މެނޭޖާރު މުޢުނީއަށް ގުޅުއްވި. މުުޢުނީ ފޯނަށް ޖަވާބެއް ނުދެއްވާ،" އަފްޝަން ވިދާޅުވިއެވެ.
"ކެމްޕެއިން މެނޭޖަރު [މީގެކުރިންވެސް] މުޢުނީއާ ވާހަކަ ދެއްކެވި. ވާހަކަ ދައްކަވާފައި ޕާޓީގެ ފަރާތުން ދަންނަވާފައި އޮންނާނެ މުޢުނީ ގެ ނަން [ކުރެވޭ ތުހުމަތުތައް] ކްލިއާ ކުރެއްވުމަށް. ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެ ތުހުމަތުތަކެއް ކުރެވޭތާ،" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، މުޢުނީ އަށް އަދިވެސް އެ ތުހުމަތުތަކުން ބަރީއަތް ވުމަށް ފުރުސަތު އެބައޮތް ކަމަށެވެ. އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ ކަންތައްތަކަކީ އަންހެނުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރު ކުރަން ކަމަށާއި އެފަދަ ބޮޑެތި ތުހުމަތު ތަކެއް ޕާޓީގެ ކެންޑީޑޭޓަކާ މެދު ކުރެވުމަކީ ޕާޓީގެ ކަންބޮޑުވުމެއް ކަމަށެވެ.
ޕާޓީން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އޭނާ ހުންނެވީ ކެމްޕެއިނާގެން ކުރިއަށް ގޮސް އެމްޑީޕީއަށް މަޖިލިސްގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ނެގުމަށް ކަމަށް މުޢުނީ ވިދާޅުވިއެވެ.
މުޣުނީއާ ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވަނީ ތިނަދޫގައި އެމްޑީޕީއަށް ދެކޮޅަށް ހިނގާލުމެއްވެސް ބާއްވާފަ އެވެ.