މި ރަމަޟާން މަހުގައި ވެސް ތިނަދޫ ސިޓީގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެ ރަށުގެ ކައުންސިލުން މަނާކޮށްފިއެވެ.
އެރަށުގެ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، މި އަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ލިބޭ ޚާއްސަ ދުވަސްތަކަކަށް ހެދޭތޯ ކައުންސިލުން އަދާކުރަންޖެހޭ ދައުރު އަދާކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ދުވާލުގެ ވަގުތު ވެސް، އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ނުބާއްވަން ކައުންސިލުން އެދުނެވެ.
ކައުންސިލުން ވަނީ ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ޚާއްސަކޮށްގެން ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި ޢިމާރާތްތައް ނޫން ތަންތަނުގައި ވެސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް އާއްމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް އެދިފައެވެ.
މީގެ އިތުރުން ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތްތައް ވެސް ކޮންމެހެން ހިންގަންޖެހޭ ޙާލަތެއްގައި ނޫނީ ދުވާލު ނުވަތަ ރޭގަނޑު ނުބޭއްވުމަށް އެދިފައިވެއެވެ.
ރަމަޟާން މަހާ ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް އެކަމެއް ދުރާލާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން، އަދި ރައްޔިތުންނަށް ބުރަޔަކަށް ނުވާނެހެން ވަގުތު ދިގުލައި ނުދާނެހެން އިންތިޒާމް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން ވަނީ އޮފީސްތަކުން ދީނީ ޙަރަކާތްތައް އިންތިޒާމް ކުރާއިރު ވެސް، އެ އިދާރާއަށް އެ ކަންކަމުގެ މަޢުލޫމާތު ދުރާލައި ހިއްސާ ކުރުމަށް އަންގާފައެވެ.
ކައުންސިލުން ވަނީ ކައުންސިލަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި އެ އުސޫލުތަކާއި ޚިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއްވެސް ކަމެއްގައި ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް ބުނެފައެވެ. އަދި އެ ކަންކަމާ ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި ކައުންސިލުން ފިޔަވަޅު ވެސް އަޅަމުންގެންދާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.