ސައުދީ ވަލީއަހުދުގެ ބާރުތައް ކުޑަކޮށްފި

ސައުދީ އަރަބިއާގެ ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން --

ރިޔާޒް (މާޗް 18): ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައެއް މާލީ އަދި އިގުތިސާދީ ބާރުތައް ކުޑަކޮށްފި ކަމަށް ގާޑިއަން ނޫހުން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުގައިވާ ގޮތުން ވަލީއަހުދުގެ ބާރުތައް ކުޑަކުރަން ނިންމެވިކަން ސަލްމާން ރަސްގެފާނު މިނިސްޓަރުންނަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އަދި އެ މިނިސްޓަރުންގެ ބައްދަލުވުމަށް ބިން ސަލްމާނަށް ދައުވަތު އެރުވި ނަމަވެސް ވަލީއަހުދު ވަނީ ބައްދަލުވުމަށް ހާޒިރުވާން ދެކޮޅު ހައްދަވާފައެވެ.

ސައުދީ ޝާހީ އާއިލާއިން ރަސްމީ ގޮތެއްގައި އެބަދަލާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ނަން ހާމަކުރަން ބޭނުން ނުވާ ފަރާތްތަކާ ހަވާލާދީ ގާޑިއަންގައި ވާގޮތުން، ރަސްގެފާނުގެ ފަރާތުން ގައުމުގެ އިންވެސްޓްމެންޓުތަކާ ގުޅުން ހުރި ކަންތައްތައް ދެން ބަލަހައްޓާނީ ރަސްގެފާނުގެ އަރިސް މުޝީރެއް ކަމަށްވާ މުސައިދު އަލް އައިބާނެވެ. އޭނާ ވަނީ ދާދި ފަހުން ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައެވެ.

އަދި ސައުދީ ސަރުކާރުގެ މުހިންމު ބައްދަލުވުންތަކާއި އިވެންޓުތަކުން ވަލީއަހުދު މުހައްމަދު ނުފެންނަތާ ދުވަސްތަކެއް ވެއްޖެކަމަށާއި، އެފަދަ އިވެންޓުތަކުގެ ފޮޓޯތަކާއި ނޫސް ބަޔާންތަކުން ވަލީއަހުދު ނުފެންނަ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ ކުރިން ގާޑިއަން ނޫހުން ވަނީ، މިދިޔަ އޮކްޓޯބަރު މަހު ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި ފަހުން ސަލްމާން ރަސްގެފާނާއި ވަލީއަހުދުގެ ގުޅުން ގޯސްވާން ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި މިދިޔަ މަހު ރަސްގެފާނު މިސްރަށް ވަޑައިގެންނެވި ފަހު، ރަސްގެފާނަށް އެންގެވުމަކާ ނުލައި ވަލީއަހުދު ސަރުކާރުގެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމުން އެގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

ނަމަވެސް އެމެރިކާގައި ހުންނަ ސައުދީ އެމްބަސީން ވަނީ ދެބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި މަރާލި ހާޝުގްޖީއަކީ ވަލީއަހުދަށް ތަކުރާރުކޮށް ފާޑު ކިޔައި އުޅުނު ނޫސްވެރިއެކެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ވަނީ ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ވަލީއަހުދު ކަމަށް ވުން އެކަށީގެންވާ ކަމަށް ބުނެފައެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް