ފިރިމީހާގެ ޕެންޝަން ފައިސާއިން އަނބިމީހާއަށް ހައްޖަށް ދެވޭގޮތް ހަދަނީ

ރައީސް ސޯލިހު މިއަދު ޅ. ނައިފަރަށް ވަޑައިގަތުމުން ރައްޔިތުން ސަލާންކުރަނީ --- ފޮޓޯ/ އެމްޑީޕީ

އަނބިމީހާގެ ފައިސާއިން ފިރިމީހާ އަށް، ފިރިމީހާގެ ފައިސާ އިން އަނބިމީހާއަށް ހައްޖަށް ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފަރުޟު ހައްޖު އަދާކޮށްފައި ހުރި މީހެއްގެ ޕެންޝަން ފައިސާއިން، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް ހެދުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

ޕެންޝަނުގެ ގާނޫނަށް ބަދަލު ގެނެސް ފަރުލު ހައްޖު އަދާކުރުމަށް ޕެންޝަނުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

"އަޅުގަނޑަށް އެނގޭ އެއީ އަދި ބަދަލުތަކެއް ގެންނަން ޖެހޭ ކަމެއްކަން. ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް، މިސާލަކަށް ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހަކު އޭނާގެ އަނބިމީހާ އަށް ދެވޭކަހަލަ ފުރުސަތެއް ހޯދައިދެވޭ ގޮތަށް، ނުވަތަ ފަރުޟު ހައްޖެއް އަދާކޮށްފައި ހުރި އަނބިމީހާ އޭނާގެ ފިރިމީހާ އަށް އެ ފައިސާ އިން ހޭދަކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމުގެ ވާހަކަ އަޅުގަނޑާ ބައްދަލުވާ ރައްޔިތުން އެބަ ދައްކާ،" ރައީސް ވިދާޅުވީ މިއީ ވިސްނާލުން ރަނގަޅު ކަމެއް ކަމަށާއި އެބަދަލު ގެނައުމަށް، ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން ބަލަމުން ގެންދާނެ ކަމަށެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތަށް ހަދަން މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސް ބިލު ފާސްކޮށްފައިވަނީ ފެބުރުއަރީ 27 ވަނަ ދުވަހު އެވެ.

މި އިސްލާހާ އެކު ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށުން މާއްދާތަކެއް ވަނީ އިތުރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާ އިރު މަހަކު 2،000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވާންޖެހޭ ކަމަށް އިސްލާހުގައިވެ އެވެ.

ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.

comment ކޮމެންޓް