ޖޭޕީގެ މިނިސްޓަރުން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ގާސިމް އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އެ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނަވަނީ: އެޖޭޕީގެ މިނިސްޓަރުން ޖޭޕީގެ ކެންޑީޑޭޓުންނަށް ތާއީދު ކުރުމަށް ގާސިމް ވަނީ އެދިވަދައިގެންފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ވަޒީފާގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ ޕާޓީގެ މަޖިލިސް ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާޙިމް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު މިގޮތަށް އެދިވަޑައިގެންފައި މިވަނީ އެ ޕާޓީގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައި ބައިވެރިވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގަ އެވެ.

ގާސިމް މިގޮތަށް އެދިވަޑައިގެންނެވީ މިއަދު އެޕާޓީގެ ކައުންސިލް މެމްބަރުންގެ "ވަޓްސްއެޕް" ގުރޫޕަށް ކުރެއްވި ދިގު މެސެޖްގަ އެވެ. އެ މެސެޖްތަކުގެ ސްކްރީންސޮޓްތައް "ސަން" އަށް ވަނީ ލިބިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ "ވަޓްސްއެޕް" ގުރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވީ، އެ ޕާޓީގެ މަޖިލިސް ކެންޑިޑޭޓުން ހޮވުމަށް ޕާޓީގެ މެމްބަރުންނާއި ޕާޓީގެ ފަރާތުން ސަރުކާރުގެ ވަޒީފާތައް ލިބުނު މީހުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޖޭޕީ މީހުން ކުރިމަތިލާފައިވާ މަޖިލިސް ގޮނޑިތަކަށް އެބޭފުޅުން ހޮއްވޭތޯ ހުރިހާ ޖޭޕީގެ މެމްބަރުން ގަދަ އަޅާ މަސައްކަތް ކޮށްދެއްވުމަށް. އެއީ [ޖޭޕީގެ ފަރާތުން] ވަޒީފާގައި ތިއްބެވި އެންމެހާ ބޭފުޅުން ވެސް ހިމެނޭ ގޮތަށް،" ގާސިމް ކައުންސިލް މެމްބަރުންނަށް ފޮނުވި މެސެޖުގައި ލިޔުއްވި އެވެ.

ޖޭޕީގެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާއެއްގެ އެހެން ކެންޑިޑޭޓަކަށް ތާއީދުކޮށް އެއްވެސް މަސައްކަތެއް ނުކުރުމަށް ވެސް ގާސިމް ކައުންސިލް މެމްބަރުންގެ އަރިހުން އެދިވަޑައިގެންވި އެވެ.

ގާސިމް މިގޮތަށް ވިދާޅުވި އިރު އެ ޕާޓީއަށް ނިސްބަތްވާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ލ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ނިސްބަތްވާ ގަމު ދާއިރާ އާއި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ދެ ދާއިރާ އަކީ ވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ދެ ދާއިރާ އެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ވަޒީފާއެއްގައި ހުރި މީހަކަށް އެ މަގާމު ލިބިފައި ވަނީ "ޖޭޕީގެ ބުރަކަށި މަތިން" ކަމަށެވެ.

މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ މާގާމުގައި ދެމިހުންނެވުމުގެ ބޭނުމުގައި އެޕާޓީން ވަކިވުމުގެ ކުރިން ފުރަތަމަ ކުރައްވަން ވީ ކަމަކީ އެ މަގާމަކުން އިސްތިއުފާ ދެއްވުން ނޫންތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

"އެއީ ނޫންތޯ ފިރިހެން ކަމަކީ ނުވަތަ އަންހެން ކަމަކީ ނުވަތަ އިންސާނިއްޔަތު ކަމަކީ،" ގާސިމް އަނެއްކާ ވެސް ސުވާލު އުފެއްދެވި އެވެ.

ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއެކު މަޖިލިސް އިންތިހާބަށް ނިކުންނަވަން މަޖުބޫރުވީ އެމްޑީޕީން މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން "ވީ ވައުދު އުވާލައި، ހިޔާނާތްތެރިވެ މަކަރުވެރިވެ އަނިޔާވެރި" ވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، އެމްޑީޕީން އެގޮތަށް އަމަލު ނުކުރި ނަމަ އެޕާޓީގެ ފަރާތުން ވާދަ ކުރާނީ 22 ދާއިރާއަށް ކަމަށެވެ.

ލީކްވި ސިކްރީން ޝޮޓްތަކަކީ ސައްހަ ސްކްރީން ޝޮޓްތަކެއްކަން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ގާސިމްގެ މެސެޖާއި އަލީ ވަހީދުގެ ޖަވާބުގެ ސްކްރީންޝޮޓް --

ގާސިމް މިއަދު އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ އަރިހުން ޖޭޕީގެ ކެންޑީޑޭޓުންނަށް ތާއީދު ކުރުމަށް އެދިވަޑައިގެންފައިވާ އިރު، އެ ޕާޓީން މީގެ ކުރިން ތާއީދު ކުރި އިދިކޮޅު 32 ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް އެދިވަޑައިގެންފައެއް ނުވެ އެވެ. އަދި އެކަން އަލީ ސޯލިހް ވެސް ކަށަވަރުކޮށްދިނެވެ.

ގާސިމް މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނެރުއްވާ 32 ކެންޑިޑޭތަކަށް ތާއީދު ކުރެއްވުމަށް ނިންމަވައިފަ އެވެ. އެ ނިންމުމަށް ޖުމްހޫރީ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ދަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ގާސިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަލީ ވެސް ވަނީ ގާސިމްގެ އެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އޭގެ އިތުރުން އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު ވެސް ވަނީ އެ ޕާޓީގެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

comment ކޮމެންޓް