އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަަށެވެެ. އެގޮތުން ދުނިޔާގެ ބާޒާރުގައި މި ހަރުގެ ކުރީ ކޮޅުން ފެށިގެން ސާފުނުކުރާ ތެލުގެ އަގު 30 އިންސައްތަ ބޮޑުވެފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެގޮތުން އީރާން އަދި ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
ކުރިން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10.89 ރުފިޔާ އަށެެވެ. ނަމަވެސް މިއަދުން ފެށިގެން ޑީސަލް ލީޓަރެއްގެ އަގު 11.61 ރުފިޔާ އަށް ވަނީ ބޮޑުކޮށްފަ އެވެ.
އަދި ޕެޓްރޯލް ލީޓަރެއް 10.19 ކުރިން ވިއްކަމުން ދިޔަ ނަމަވެސް ދެން ލީޓަރެއް ވިއްކާނީ 10.79 ރުފިޔާ އަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ރާއްޖެއަށް އެސްޓީއޯ އިން އެތެރެކުރަނީ ސާފުކޮށްފައި ހުންނަ ތެލެވެެ.
އެސްޓީއޯ އިން މި އަހަރުގެ ޖެނުއަރީ މަހު ޑީސަލް އަދި ޕެޓްރޯލްއިން ވަނީ އަގުހެޔޮކޮށްފަ އެވެ. އެގޮތުން ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އޭރު އަގު ހެޔޮކުރި އެވެ.