ހއ. މާފިނޮޅުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައި، އެއާޕޯޓު އެރަށާ އެއްފަޅެއްގައި އޮންނަ ހޯރަފުއްޓަށް ބަދަލުކޮށްފިއެވެ.
މި އެއާޕޯޓު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއަށެވެ.
މިއަދު އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ސަރުކާރުން ވަނީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް ނުހިންގުމަށް ނިންމާފައި ކަމަށެވެ.
މާފިނޮޅު އެއާޕޯޓު މަޝްރޫއު ހިންގަން އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް 2018 ޖުލައި ގައި ފެށި ނަމަވެސް، އެމްޓީސީސީގެ ހެޑް އޮފް ޕްރޮޖެކްޓްސް އަހްމަދު ލަތީފް ވިދާޅުވީ އެ ރަށުގައި އެއްވެސް ވަރަކަށް ބިން ހިއްކާފައި ނުވާ ކަމަށެވެ.
"ކުރީ ސަރުކާރުގައި މާފިނޮޅު ހިއްކުމުގެ ނިޔަތުގައި މަހާޖައްރާފާ އާއި އެހެން އެކްސަސަރީސްތައް ގެންގޮސް ހޯރަފުށި ކައިރީ އަޅާފައިވޭ. އެހެންނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވޭ،"
އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރީ "އަލަށް ހުރި ރީތި ރަށްތައް ހަލާކު ނުކުރަން" ކަމަށެވެ.
އެހެންކަމުން މާފިނޮޅުގައި އެއާޕޯޓު އެޅުމުގެ ބަދަލުގައި މިހާރު އެ އެއާޕޯޓު ހޯރަފުށީގައި އަޅަން ނިންމާފައިވާކަމަށް ޝާހު ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި ހޯރަފުއްޓަކީ މިހާރުވެސް ބިން އޮތް ރަށަކަށްވާތީ، އެގްޒިސްޓިިން ލޭންޑެއް ވީމާ، އެތަން ހިއްކައިގެން އެތަން ބޮޑުކޮށްގެން އެތަނުގައި އެއާޕޯޓު އަޅާގޮތަށް މިހާރު އޮތީ،"
މިހާރު އެ މަސައްކަތާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާ ކުރުމުންދާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކުރާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހު ވިދާޅުވިއެވެ.
"ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކުރަމުން މިދަނީ ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް،"
އެމްޓީސީސީއިން މިހާރުވެސް ތިން އެއާޕޯޓޭއްގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ.