ހއ. ހޯރަފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މާފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ހުއްޓާލަން ޓްރާންސިޝަން ކޮމިޓީން ނާންގާ ކަމަށް އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި އެމްޓީސީސީއިން ބުނެފި އެވެ.
އެމްޓީސީސީ އިން މިހެން ބުނެފައި މިވަނ،ީ ޓްރާންސިޝަން ކޮމިޓީން އެމްޓީސީސީއާ ބައްދަލު ކުރި އިރު ހއ. މާފިނޮޅު އެއާޕޯޓުގެ މަސައްކަތް ހުއްޓާލަން އެ ކޮމިޓީން ބުނި ކަަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެއާޕޯޓުގެ މަސައްކަތް ހުއްޓާލަން އުޅޭ ކަމުގެ އަޑުތައް ހޯރަފުށީގައި ފެތުރިފައި ވަނިކޮށެވެ.
އެމްޓީސީސީ ކޮންސްޓްރަކްޝަންގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް "ސަން" އަށް ވިދާޅުވީ ޓްރާންސިޝަން ކޮމިޓީއިން ބައްދަލުކޮށް، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެންގި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
"ޓްރާންސިޝަން ކޮމިޓީއިން އެދިފައި ވަނީ އެމްޓީސީސީއިން ކުރިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓެއް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް،" ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ނުކުރެވޭތީ ރީޖަނަލް އެއާޕޯޓްސްއާ ވާހަކަ ދެއްކުމަށްފަހު ވަގުތީ ގޮތުން އެއާޕޯޓުގެ މަސައްކަތް މެދު ކަނޑާލާފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުވުމާއެކު އަލުން މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފިނޮޅު ހިއްކައި އެއާޕޯޓް އެޅުމަށް ޓުރިޒަމް މިނިސްޓްރީން އެމްޓީސީއާ ހަވާލުކުރީ މިދިޔަ މޭ މަހު 28 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 64 މިލިއަން ރުފިޔާށެވެ.
މާފިނޮޅުގައި އެއާޕޯޓު އަޅަނީ 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ އެއާޕޯޓުގައި ވެސް ތަރައްގީ ކުރަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އާންމުގޮތެއްގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްތަކުގައި ވެސް ތަރައްގީ ކުރާ ސައިޒުގެ ރަންވޭއެކެވެ. އެ ރަންވޭގެ ދިގުމިނަކީ 1.2 ކިލޯމީޓަރެވެ.