އަންނަ އަހަރުގެ ކުރީކޮޅު މާލެއާ ހުޅުމާލެއަށް އެއްވިއުގައަކުން ކަރަންޓް ފޯރުކޮށްދެވޭނެ: ސްޓެލްކޯ

ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ އިންޖީނުގެ --- ފޮޓޯ: ސްޓެލްކޯ

އަންނަ އަހަރު ކުރީކޮޅު މާލެއާ ހުޅުމާލެ އެއްވިއުގައަކުން ކަރަންޓް ފޯރުކޮށްދެވޭވަރުވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލޭގައި ހިންގާ ޕަވާސްޓޭޝަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސްޓެލްކޯ ސުޕްރިންޓެންޑެންޓް އިންޖިނިއަރު އިބްރާހިމް ރައޫފް ވިދާޅުވީ ހުޅުމާލެ ޕަވާ ހައުސްއިން މާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް އަޅާ އިންޓަކަނެކްޝަން ޓްރާންސްމިޝަން ލައިންގެ ޑިޒައިން ކުރުމުގެ މަސައްކަތް ނިންމައި އަމަލީ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން އަޅާ އިންޖީނުގެ އަންނަ މަހު ނިމޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެތަން ނިމުމުން ހުޅުމާލެއަށް ކަރަންޓް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވި އެއްވެސް ދަތިކަމެއް ނެތި ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ރައޫފް ވިދާޅުވިއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފެންއާ ހަވާލުކޮށްގެން ސްޓެލްކޯއިން ހުޅުމާލޭގައި ހަދާ ޕަވާ ޕްލާންޓުން މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައި ވަނީ 132 ކިލޯވޮޓޯގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. އަދި އެ ކޭބަލުން ކުއްލި ހާލަތްތަކުގައި މާލޭގެ އިތުރުން ހުޅުލެއަށް ކަރަންޓް ދޭން ބޭނުންކުރެވޭނެ ކަމަށް ސްޓެލްކޯއިން ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް