ރޮނާލްޑޯގެ ހިތްގައިމު ހެޓްރިކާ އެކު ޔުވެންޓަސް ކުއާޓާއަށް

އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހެދުމަށްފަހު ކުރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ސަޗާ ޕިސަނީ

ކުރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ހެޓްރިކަކާ އެކު އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ޔުވެންޓަސް އިން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައި ވަނީ 0-3 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގުގައި 0-2 ގެ ނަތީޖާ އަކުން ޔުވެންޓަސް ބަލިވި ނަމަވެސް ރޭގެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

އެތްލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހެދުމަށްފަހު ކުރިސްޓިއާނޯ ރޮނާލްޑޯ އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ސަޗާ ޕިސަނީ

ރޭގެ މެޗުގެ އެންމެ އުސް އައްޔަކަށް ވެގެން ދިއައީ އުމުރުން 34 އަހަރުގެ ކުރިސްޓިއާނޯ ރޮނާލްޑޯގެ ގޯލު ތަކެވެ. ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ ލަގަބު ވެސް ދަމަހައްޓަމުން އަންނަ ރޮނާލްޑޯ އަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ މިހާތަނަށް ފަސް ފަހަރު އެ މުބާރަތް ކާމިޔާބު ކޮށްފައިވެއެވެ. އެއަށް ވުރެން ގިނައިން އެ މުބާރާތް ކާމިޔާބު ކުރެވުނު ކުޅުންތެރިޔަކު ނުވާ އިރު ރޮނާލްޑޯ އަކީ އެ މުބާރާތުގެ އެންމެ ގިނަ ގޯލު ވެސް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް 124 ގޯލު އެ މުބާރާތުގައި ޖަހާފަ އެވެ.

ފުރަތަމަ ލެގުގައި ލިބުނު ފައިދާގެ ބޭނުން ނުހިފި އެތުލެޓިކޯ ރޭގެ މެޗުން ބަލިވެ މުބާރާތުން ކެޓި އިރު އެ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ވަނީ ރޮނާލްޑޯއަށް ތައުރީފު ކޮށްފަ އެވެ. ރޮނާލްޑޯ މިހާތަނަށް އެކި އެކި މުބާރާތް ތަކުގައި އެތްލެޓިކޯ މެޑްރިޑް ކޮޅަށް ވަނީ 25 ލަނޑު ޖަހާފަ އެވެ.

ރޭގެ އެ މެޗު ފެށުނު ގޮތަށް ޔުވެންޓަސް އިން ދިޔައީ އެ މީހުންގެ މުޅި ޓީމު ކުރިއަށް ޖައްސައިގެން އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ބަދަލުގައި ޓީމު އެއްކޮށް ފަހަތަށް ޖައްސައިގެން އެތްލެޓިކޯ ބެލީ ޑިފެންސް ކުރެވޭތޯ އެވެ.

ޔުވެންޓަސްގެ ނުރައްކާތެރި ހަމަލާތައް ގިނަ ކުރަމުން ގޮސް އެތްލެޓިކޯގެ ޑިފެންސަށް "އޮބި" ނޯންނަ ވަރު ވިއެވެ. އަދި ނަގައިދިން ކޯނަރަކުން ޔުވެންޓަސް ގެ ކެޕްޓަން ޖޯޖީނިއޯ ކެއިލީނީ ގޯލެއް ޖެހި ނަމަވެސް ރެފްރީ ވީއޭއާރު މެދުވެރިކޮށް އެ ގޯލު ބެލުމަށް ފަހު ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ރޮނާލްޑޯ ވަނީ ހިތްގައިމު ގޯލެއް ޖަހައި ޔުވެންޓަސްއަށް އުންމީދު އާ ކޮށްދީފައެވެ. ފުރަތަމަ ހާފު 0-1 ގެ ނަތީޖާ އަކުން ނިންމާލި ނަމަވެސް ޔުވެންޓަސް ވަނީ ދެ ވަނަ ހާފުގައި އެ ޓީމުގެ އަސްލު ފެންވަރު ދައްކާލާފަ އެވެ.

ދެވަނަ ހާފު ފެށިގެން ދިއައީ ރޮނާލްޑޯގެ އިތުރު ގޯލަކާ އެކު އެވެ. 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެގްރިގޭޓްކޮށް އެއްވަރު ވެފައި ވުމުން ޔުވެންޓަސް އެނބުރި އައުމަކުން މޮޅުވެ ކުއާޓާއަށް ދިއުމަށް ކުރަމުން އައި އުއްމީދު އިތުރަށް ވަރުގަދަ ކޮށް އެ ޓީމުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔެއް ކަމަށްވާ ޕޯލޯ ޑީބަލާ ވަނީ ކުޅެން ނެރެފަ އެވެ.

ޔުވެންޓަސް އަށް ކުއާޓާގެ ޖާގަ ޔަގީން ކުރުމަށް މެޗު ނިމެންދަނިކޮށް ފުރުސަތު ލިބުނީ އެތްލެޓިކޯގެ އޭރިއާ ތެރެއިން ޔުވެންޓަސްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ އެއްގެ ސަބަބުންނެވެ. ޕްރެޝަރު ޕެނަލްޓީ ތަކަށް ހާއްސަ، ރޮނާލްޑޯ އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލާ އޭނަގެ ހެޓްރިކް ފުރިހަމަކޮށް ޔުވެންޓަސް އަށް ކުއާޓާގެ ޖާގަ ޔަގީން ކޮށްދިނެވެ.

ރޮނާލްޑޯގެ މި ހެޓްރިކާއެކު އޭނަ ވަނީ އެންމެ ވާދަވެރި ލިއޮނެލް މެސީއާ ހެޓްރިކް ރެކޯޑްގެ ގޮތުން ހަމަހަމަ ވެފަ އެވެ. އެ ދެ ކުޅުންތެރިން ވެސް ޗެމްޕިއަންސް ލީގުގައި އަށް ފަހަރު ހެޓްރިކް ހަދާފައި ވެއެވެ.

comment ކޮމެންޓް