ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މެހެމާންދާރީ އަދާކުރުމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތަމްސީލު ކުރައްވާ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު މެންދުރު އެ އަތޮޅު އުކުޅަހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރުކުމާއަށް އަނެއްކާވެސް ފާޑު ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ދާއިރާތަކުގެ ތެރެއިން އެންމެ ދެރަ އަހްލާގެއް ފެނުނީ އެންމެ "ކުއްޖެއް" ގެ ފަރާތުން ކަމަށެވެ.
"86 ދާއިރާގެ ތެރެއިން، މި ދެރަ އަހުލާގެއްގެ މި ފެނުނީ އެންމެ ކުއްޖެއް، އަޅުގަނޑު އުއްމީދު ކުރަން އަހުމަދު [ރުކުމާ] ވެސް ވީހާވެސް އަވަހަކަށް ނުކުންނަވާ އޭނާ އަލުން އަނބުރާ ރިވެތިގޮތަށް އެނބުރިއްޖެ ކަމަށް ބުނެ މި މަސައްކަތް އެތަނުގައި ނުކުރައްވާނެ ކަމަށް."ރުކުމާ އަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައިސް ނަޝީދު ވިދާޅުވީ، ރުކުމާ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ނަމަ ހެންވޭރު ހުރިހާ ގެއަކަށް ވަންނާނެ ކަމަށާއި އެ ގޮނޑި ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.
"[އިންތިހާބުގައި ވާދަ]ކުރައްވައިފިއްޔާ ހުރިހާ ހެންވޭރު ގެއަކަށް އަޅުގަނޑު ވަންނާނަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެން އެގޮނޑި މާ ބޮޑަށް ނަގާނަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެވާހަކަތައްކަށް ރައްދު ދެއްވާ ރުކުމާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ކޮންމެ ގެއަކުންވެސް ރައީސް ނަޝިދަށް ފުރިހަމަ މެހެމާންދާ އަދާ ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
Henveiru dhekunu dhaairaage komme ge’akunves raees @MohamedNasheed ah furihama mehemaandhaaree eh adhaakurumah dhaairaage MP ge haisiyyathun ilthimaas kuran. pic.twitter.com/JRGe9umV99
— Rukuma (@RukumaA) March 12, 2019
އެމްޑީޕީގެ ޕްރައިމަރީން ބަލިވި ރުކުމާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ އަށް ދެވަނަ ދައުރަކަށް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ރުކުމާ އަމިއްލަ ގޮތުން ވާދަ ކުރައްވެމަށް ނިންމެވުމުން ނަޝީދު އަންނަނީ ރުކުމާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ސުޕްރީމް ކޯޓުން މިދިޔަ މަހު ފަހު ކޮޅު ވަނީ ބާތިލް ކޮށްފައެވެ. އެއާއެކު އެމްޑީޕީ ޕްރައިމަރީން ބަލިވި ހަތަރު ކެންޑީޑޭޓަކު އަމިއްލަގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރެއެވެ.