ތަރައްގީގެ މަސައްކަތްތަކަށް އެމެރިކާއިން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީ ދެނީ

ދެ އެއްބަސްވުމެއްގައި ރާއްޖެއާ އެމެރިކާއާ ދެމެދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހިންގި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް އެމެރިކާ އިން ތިން މިލިއަން ޑޮލަރުގެއެހީ ދޭން ނިންމައިފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމެއް ކަމަށްވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓްގައި މިއަދު ވަނީ ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ސޮއިކުރެއްވި އިރު، އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސް އެޖެންސީ ފޮ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ މިޝަން ޑިރެކްޓަރު ރީޑް އެއިޝްލިމަން އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއޯޔޫ އޮން ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ ނަމުގައި އެހެން އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކުރެއްވި އިރު އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒްއެވެ.

ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ރާއްޖެއިން ސޮއިކުރީ 2003 ވަނަ އަހަރު އެވެ.

އަދި މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މިއެއްބަސްވުމުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް