އައިޓީބީގެ ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަޝްހޫރު މިއުޒިކް ބޭންޑް އިކުއެޓިކް ވައިބް ބޭންޑުން "މަގޭ ރާއްޖެ"ގެ ނަމުގައި ލަވައެއް ލޯންޗުކޮށްފިއެވެ.
އެލަވަ ލޯންޗްކޮށްފައިވަނީ އައިޓިބީ ފެއާ އާއި ގުޅުވައިގެން ބޭއްވި މޯލްޑިވިއަން ނައިޓްގައެވެ.
ބޭންޑްގެ އިސް މެންބަރެއް ކަމަށްވާ ޝައްމޫން މުހައްމަދުގެ އަމިއްލަ ޅެމަކަށް ތައްޔާރުކުރި އިރު އެ ލަވައިގެ ރާގަކީ ވެސް އަމިއްލަ ރާގެކެވެ.
ޝައްމޫން 'ސަން' އަށް ބުނީ އެ ލަވައަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެ ލަވައާ މެދު ބޭންޑްގެ އެހެން މެމްބަރުން ވެސް ހިތްހަމަޖެހޭ ކަމަށެވެ.
"މަގޭ ރާއްޖެ ރެކޯޑް ކުރެވުނީ މީގެ ދެ އަހަރު ކުރިން ޖަރުމަނުގައި. އެތަނުގެ ސްޓޫޑިއޯއެއްގައި ލަވަ ރިކޯޑްކުރެވުނީ 2017 ވަނަ އަހަރުގެ އައިޓީބީ ފެއާގައި ރާއްޖެ ތަމްސީލް ކުރުމަށް ކުރި ދަތުރުގައި. ލަވައިގެ މަސައްކަތް ނިންމުމަށް ތިން މަސް ނެގި،"
'މަގޭ ރާއްޖެ' ލަވައިގެ ވީޑިއޯ މިހާރު ޔޫޓިއުބުން ބަލާލެވޭއިރު އެ ލަވައިގެ މަންޒަރުތައް ނަގާފައިވަނީ އައްޑޫ، އަރިއަތޮޅު، ހދ، ހއ އަދި ކ އަތޮޅުގައެވެ.
"ލަވައިގެ ވީޑިއޯ ހެދުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ގްރެފައިޓް އައިލޭންގެ ފަރާތުން. އަދި ސުޖޫ ގާސިމް އާއި ކުޑަ ޓެޑްގެ ފަރާތުން،"
ޝައްމޫން ބުނީ ލަވައިގެ މަންޒަރުތަކުގައި އެއްވެސް ރިސޯޓެއްގެ މަންޒަރެއް ނުހިމެނޭނެ ކަމަށާއި އެ ލަވަ އަޑުއަހާލާފައި ފަހުރުވެރިކަމާއެކު މަގޭ ރާއްޖެއޭ ބުނެވޭ ކަމަށެވެ.
"ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު. ވަރަށް ހިތްހަމަޖެހޭ ލަވައާ ދޭތެރޭ. ޕީޕް އަދި ބޭންޑުން އިސްނަގައިގެން ކުރި މި މަސައްކަތް ދިވެހިން ބަލައިގަތީތީ ވަރަށް އުފާކުރަން. ބޭންޑުން އަބަދުވެސް އަމިއްލަ ރާގު ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިއްވަރެއް މިއީ،" ޝައްމޫން ބުންޏެވެ.
މީގެ ކުރިން ވެސް އެ ބޭންޑް ވަނީ އައިޓީބީ ފެއާގައި ރާއްޖެ ތަމްސީލްކޮށްފައެވެ. އެ ބޭންޑަކީ 2010 ވަނަ އަހަރު އުފެދުނު ބޭންޑެކެވެ. 'މަގޭ ރާއްޖެ' އާއެކު އައިޓީބީ ފެއާގައި ރާއްޖެ ހަމަ ރަނގަޅަށްވެސް ގުގުމާލައިފިއެވެ.