ދޮރުމަތީ ހުރި މީހާ ފެނުމާއިއެކު ހަޔާތީގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިއްޖެއެވެ. އޯޓަމް ބްލޭޒުން އޮޅިގެންވެސް ފެންނާނެކަމަށް ހީނުކުރާ މީހެކެވެ. ހަޔާތީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ލައްޕާލިއެވެ. އެއާއިއެކު ދޮރުމަތީ ހުރީ އެކަކު ނޫންކަން އެނގުނެވެ.
މި ދެމީހުން މިއައީ ކީއްކުރަން ހެއްޔެވެ؟ ނޫސްތަކުން އެ ޚަބަރު ފެނުމުގެ ކުރިން އެޚަބަރު އެމީހުން އަމިއްލަގޮތުން އައިސް ދޭންވެގެން ކަން ނޭގެއެވެ.
"ޕްލީޒް ކަމް އިން ސަރ..." އެލީން ދައުވަތު ދިނެވެ.
"އައްސަލާމް އަލައިކުމް...." ކާޒިމްއާއި މިކާލް އިސްލާމީ ރީތި ސަލާމުން ސަލާމްކޮށްލުމުން ހަޔާތީ ސަލާމުގެ ޖަވާބު ދިނެވެ. ގެއަށް ވަދެފައި މިކާލްއާއި ހަޔާތީގެ ނަޒަރު ސިކުންތުކޮޅަކަށް ނަމަވެސް ބަދަލުވުމާއެކު ހަޔާތީ އިސް ޖެހީ ކުށްވެރިއެއްފަދައިންނެވެ.
ތުނިކޮށް ވެހެމުންދާ ވާރޭގެ ތިކިތައް މިކާލްގެ އިސްތަށިގަނޑުގައި ހަރުލާފައިވާއިރު އޮރެންޖް އަލީގައި ވިދާ ބަބުޅައެވެ. ޖުނިޕާ ފެހިކުލައިގެ ޓީޝާޓަކާއި ސޯޓެއްގައި މިކާލް ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖިހާދީ މިކާލް ޒުވާންވާވަރަކަށް ފިރިހެންވަންތަވަނީއެވެ. ތުނިކޮށް ކޮށާފައިވާ ތުނބުޅި ޑައިކޮށްލާފައެވެ. ދެން ހުރީ ކާޒިމްއެވެ. އަމްރާންގެ އެއް އަތެވެ. އެންމެ އިތުބާރުކުރި އެކުވެރިޔާއެވެ. ޝައުންއާއި ތައިމޫރުއާއި އެއް ހަމައެއްގައި އުޅުނު އެކެކެވެ. ކާޒިމްހުރީ މިގަޑީގައިވެސް ރަސްމީކޮށެވެ. އަތްދިގު ގަމިހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައެވެ. ބެލުންތިރިކުރަން ހަޔާތީ ހިތަށް ވިސްނައިދިނެވެ. ހަޔާތީ ދުރަށް ބަލަންފެށިއެވެ. އެލީން އެހާކުރު ހެދުމެއްލައިގެން ހުރިއިރުވެސް އެމީހުންގެ އަތުގައި އެލިގެންފާނެ ކަހަލައެވެ.
ކާޒިމް ސޯފާގައި އިށީދެލާފައި މިކާލްއާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"މިއައީ ވާހަކައެއް ބުނެލަން....."
"އަޅުގަނޑުމެންނަށް އެނގޭ ސަރ. ނޫސްތަކުގައި އެބައޮތް.............." އެލީން އެއްލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލައިފިއެވެ. ހަޔާތީގެ ހިތްވެސް އިތުރަށް ނުތަނަވަސްވެ ބިރުވެރިކަމުން ފުރިގެން ދިޔައެވެ. މިކާލްއާއި ކާޒިމްގެ ފަރާތުން އިވެންއުޅޭ ވާހަކަ އެމީހުންނަށް މާ ކުރީއްސުރެ އެގިއްޖެއެވެ. މިކާލްގެ "މަރު" ގެ ޚަބަރު ލިބުނުދުވަހު ހަޔާތީއަށް ކުރެވުނީ ދާދި އެއްގޮތް ވޭނީ އިހުސާސެކެވެ. މޭގައިވާ ހިތް އެތިކޮޅުތަކަށް ބުރައިގެންދާ ފަދައެވެ. ނަމަވެސް ދުލުކުރިއަށް އައީ އެންމެ ލަފުޒެކެވެ.
"إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ"
"ޕްރެޒިޑެންޓް އަވަހާރަވެއްޖެކަމަށް ބުނެ ނޫސްތަކުގައި ސްޕްރެޑްވަނީ ރަގަޅު ޚަބަރެއް ނޫން. ޕްރެޒިޑެންޓް އަމްރާން އިޒް ޑުއިން ވެލް......ހީޒް ފައިން. އަސްލު އެއްބަޔަކު އެއްޗެއް ޖަހާއިރަށް އެހެން ނޫސްތަކުން ބަލަ ބަލާ ތިބެފައި ވާނުވާ އޮޅުން ނުފިލުވާ ބައެއް ފަހަރު ދޮގު ޚަބަރުވެސް ގެނެސްދޭ. އަމްރާން އިޒް ރިކަވަރިން. އިޓްސް ޖަސްޓް ފުޑް ޕޮއިޒަނިން. ލިސްޓީރިއާ ކަން ނޭނގޭ. ހީ ވިލް ބީ ބެކް އިން މާލެ ސޫން..." ކާޒިމްގެ ޖުމްލައާއިއެކު ހަޔާތީއަށް ކުޑަކޮށް ހެވިއްޖެއެވެ. އެ ޖުމްލައިން ހިތަށް ލިބުނު ފިނިކަމަކީ ހަމައެކަނި މިކާލްގެ ސޫރަ ދެކެފައި ލިބުނު ފިނިކަމެއްނޫނެވެ. އަމްރާންއަށްޓަކާ ހިތުގައި އިހުސާސްތަކެއްވާކަން ހަޔާތީއަށް މި އެނގުނީ އަމްރާން ބަލިވެ މަރާއި ހަގުރާމަކުރާ ހިސާބަށް ދިޔުމުންނެވެ. މިކާލްއާއި އޭނަގެ ކައިވެނީގެ ބާބު ނިމި އޭނަ މިވަނީ އަމްރާންގެ އަނބިމީހާގެ މަގާމުގައެވެ. ވީއިރު މިކާލްގެ މައްޗަށް އޭނަގެ އެއްވެސް ހައްގެއްނެތެވެ.
"ޔޭ ޔޭ ދެޓްސް ގުޑް ނިއުސް......." އެލީން ޖޯޝާއެކު ތޫލި އަޑަކުން ހަޅޭއްލަވައިގެންފާ މައިތިރިވީ އިހުތިރާމް ކުރަން ޖެހޭވަރުގެ މަތީ މަގާމެއްގައިވާ ބަޔަކު ކައިރީގައި ތިބިކަން ހިތަށް އަރާފައެވެ.
"އެ ޓެރިބަލް ނިއުސް ފެނިފަ ހަމަ ނައިޓްމެއާއެއްހެން ހީވީ. ވަރަށް އުފާވެރި ޚަބަރެއް ތިގެނެސް ދެއްވީ. ޔޫ އާ ލައިކް އެންޖެލްސް. މައި ނައިޓްސް އިން ޝައިނިން އާމާ........ސައިކޯ މާޑަރާއަކާއި އެކީ މިއޮތް ބޮޑުގޭގައި އެކަނި ހުއްޓާ ތި ބޭފުޅުން ވަޑައިގަތީމަ ވަރަށް އުފާވެއްޖެ. ޝީ ސްލެޕްޑް މީ ރިއަލް ހާޑް. ކިރިޔާ ނު ސަލާމަތް މިވީ. އެނީވޭސް ވާރޭވެސް އެބަވެހޭ. ފިނިކަން ކަނޑުވައިލަން އައި ވިލް ބްރިންގް ޔޫ ކޮފީ. ވީ ކެން ސެލެބްރޭޓް..........." އެލީން ދުއްވައިގަތެވެ. އޭނަ އުޅެނީ ހަމަ ކުޑަކުއްޖެއްހެންނެވެ.
ލިބުނު ޚަބަރަކުން ހަޔާތީގެ ހިތުގައިވާ ބުރަދަން ލުއިވެ މީހާ މުޅިން ހަމަޖެހިއްޖއެވެ. ނަމަވެސް ކުރިމަތި މިކާލް އިނުމުން ތަފާތު އިހުސާސްތަކުން ހިތް އެނބުރެނީއެވެ. ވަހުތާނެއްފަދައިންނެވެ.
ފަނަރަވަރަކަށް މިނިޓްފަހުން އެލީން ކޮފީތަބައް ހިފައިގެން އައިއިރު ކުޑަކޮށް މޭކަޕްކޮށްލާ ނަލަހެދިލައިގެން ކަން ހަޔާތީއަށް ފާހަގަކުރެވުނެވެ. އަގުބޮޑު ސެންޓުގެ މީރުވަސްވެސް ހިފައިލިއެވެ. ފިރިހެނުންގެ ޝައުގުވެރިކަން އަތުލާ އެމީހުން ހިތް ޖައްސުވަން ގިނަ އަންހެންކުދިން ބޭނުންވާ ފަދައިން އެލީންވެސް އެކަމަށް އެދިއެދި ހުރިކަން ހާމަކޮށްދީފިއެވެ. ފިރިހެނުންނަށް ދެއްކެންވެގެން މޭކަޕްކުރީއެވެ. ޝައިތާނާ އެފަދަ ކުޑަ ކުޑަ ފުރުސަތަކަށް ބަލަބަލާ ހުންނަނީ ފާފަކުރުވަންވެގެން ކަމުން މިފަހަރުވެސް ކާމިޔާބުކުރިއެވެ. ހަޔާތީ އެހެން އިންއިރު އެކަމާއި ވިސްނިއެވެ.
"ތެންކްސް ފޯ ދަ ކޮފީ. ހަމަ ފަސްޓްލޭޑީއާއި ފޭސް ޓު ފޭސް ބައްދަލުކޮށްފައި މިވާހަކަ ބުނަންވެގެން މިއައީ..................." ކާޒިމް އާއި މިކާލް ތެދުވެގެން ނިކުންނާން ހިނގައިގަތެވެ. ދަމުން މިކާލްއާއި ހަޔާތީގެ ނަޒަރު ބައްދަލުވި ސިކުންތުކޮޅު އެދެލޮލުން ބުނަން ނޭގޭފަދަ ރިހުމެއްގެ ކުލަ ފެނުނުހެން ހީވެފައި ހަޔާތީގެ ހިތަށް ގޮތެއްވެލިއެވެ. މެޔަށް ބާރުކުރިއެވެ. ބަސްނުމޮށެ އެ ބަލައިލި ނަޒަރުން ހާސް މެސެޖް ދީފިއެވެ.
"ސޯ ސްވީޓް އޮފް ޔޫ ގައިސް ޓު ވިޒިޓް އަސް......ތެންކިއު ސޯ މަޗް.." އެލީން ފްލާޓްކުރާފަދަ ގޮތަކަށް ތުއިވެލަމުން އިސްތަށިގަނޑުގެ ބުޅިކޮޅަކާއި ކުޅެލަމުން މޮޑެލްއެއްހެން ހުއްޓިލައިގެން ދޮރުމަތީގައެވެ. ބޮޑުވަރޭ ހަޔާތީގެ ހިތަށް އެރިއެވެ. ނަމަވެސް އެކަހަލަ ކުދިން އުޅޭނީ ސިކުނޑިއަށް ފެންނަހާ މަގަކުންނެވެ.
އޭނަވެސް "އެކްސްޓްރީމިސްޓް"އަކަށް ވަނީހެއްޔެވެ؟ ދީނީގޮތުން ހައްދު ފަހަނަޅާދިޔުމަކީ ކިހާވަރެއްގެ ކަމެއް ބާވައޭ ހިތަށް އެރިއެވެ. ދީނީގޮތުން ހައްދު ފަހަނަޅާފާނެބާވައެވެ. އެކަމާއިމެދު އަދި އޭނައަކަށް ގޮތެއް ނުނިންމެއެވެ. ޖިހާދުގެ މައްސަލައިގާ ނޫނީ މިކާލް ޔަގީނުންވެސް ދީނުގެ އިން ފަޅާލާފައެއް ނުދެއެވެ.
އެލީން އެނބުރި ބަލައިލުމުން ހަޔާތީ ފޫހިވީވަރުން އަނބުރާލާފައި ވަދެގެން ހިނގައިގަތްއިރު ސޯފާމަތީ އޮތް ފޯނުމަތިން ހަދާނެއްނުވިއެވެ. އެލީން ފުންމައިގެން އައިގޮތަށް ފޯނު ނެގިއެވެ. ހަޔާތީ އޭގައި ޕާސްވޯޑް ޖަހާއިރު އޭނަވަނީ ދެކެފައެވެ. ދިގުކަމުން އެހެން މީހަކު އެ ޕާސްވޯޑް ދެނެގަންނަން މަސައްކަތްކުރާނެކަމަށް ހަޔާތީ ހިޔެއްނުކުރާނެއެވެ. އެލީންވަނީ ޕާސްވޯޑް ހިތުދަސްކޮށްފައެވެ. މިފަދަ ދަނޑިވަޅެއް ނުލިބޭނެކަން އެނގިހުރެ ވަގުތުން ފޯނު ނަގާފައި ޕާސްވޯޑްޖެހިއެވެ. އަދި ވައިބާ މެސެޖްތަކަށް ބަލަންފެށީ ފަރުވާތެރިކަމާއެކުގައެވެ. ސަޖަލްއާއި ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ސްކްރޯލް ކޮށްލާފައި ދެން އަވަސްކަމާއިއެކު އޭނަ މެސެޖްތަކެއް ކޮށްލިއެވެ. ސަޖަލް ހޭލާއިން ކަމުން އޭނަ އުޅެގަތީ ހަޔާތީ ބުނިކަންތައް ކުރުމަށެވެ. އެލީން އޭނަ ކުރި މެސެޖްތައް ފޮހެލުމަށްފަހު އެތެރެއަށް ވަންނާން ހިނގައިގަތީ ނަށާލަމުންނެވެ.
ފާޚާނާއިން ނިމިގެން އެނދަށް އަރާފައި ފޯނު ނުގެނެވޭކަން ހަދާންވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ނުކުމެގެން އައިއިރު ފޯނު އޮތީ ސޯފާމަތީގައެވެ.
"ނަސީބެއްނު އެލީން ލޮލުގައި އަޅައިނުގަތްކަން.." ހަޔާތީ ފޯނު ހިފައިގެން ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެލިގޮތަށް ދެފަރާތަށް ފުރޮޅި އޮވެ އެކި ކަންތަކާއިމެދު ވިސްނިއެވެ. އަމްރާންއާއި މިކާލްދެކެ އެއްފަހަރާ ލޯބިވެވެނީބާވައޭވެސް ހިތަށް އެރިއެވެ. އޭނައަށް ނޫނީ މިގޮތަށް ދެފިރިން ލިބޭނެ އަންހެންކުއްޖެއް މިދުނިޔޭގައި ވާނެ ބާވައެވެ. ފުރަތަމަ ފިރިމީހާ މަރުވީކަމަށް ހީކޮށް އެހެން މީހަކާއި އިނީމަ ފުރަތަމަ ފިރިމީހާ އެނބުރި އައިއެވެ. މިކާލްގެ ލޮލުން މިރޭ އެފެނުނު ރިހުމާއި ހިތްދަތިކަން ޔަގީނުންވެސް އޭނަގެ ހިތަށް އުދަގޫކުރުވައިފިއެވެ. އަނެއްކޮޅުން އަމްރާންއާއިމެދު އެހާ ބޮޑަށް ހަމްދަރުވީ އެބަވެއެވެ. ދާންވީ ކޮޅެއް ނޭގި ހަތަރުއަގޮޅި ކަންމައްޗެއްގައި މަންޒިލްއަށް ދާން ނޭގި ހުއްޓުން އަރާފައި ހުރި މީހެކޭ އޭނަ ތަފާތެއް ނެތެވެ. ހަދާނެ ގޮތެއް ނުވިސްނިގެން އެންމެފަހުން އޭނަ ދެލޯ މަރާލައިގެން އޮވެ އޭނަގެ ޝަކުވާތައް ހުށަހެޅީ އެންމެ ފަރާތަކަށެވެ. އޭނައަށް މަގެއް ދެއްކެވުމަށް އެދުނެވެ. ހަލާކުވެފައިވާ ހިތަށް ފިނިކަމެއް ލިބޭނެ މަގެއް ތަނަވަސްކޮށް ދެއްވަން އެދުނެވެ. ކޮންމެވެސް އެކެއްގެ ލޯބި ހިތުން އެއްކޮށް ފޮހެލާ ހަދާން ނައްތާލުމުގައި އެހީތެރިވެދެއްވަން އެދުނެވެ. މޫނުގައި އަތް އަޅާލައިގެން އޮތްވާ އިނގިލިތަކުގެ ދޭތެރެއިން ކޯދުލާފައި ކަރުނަ ފާއްދައިލިއެވެ.
އަމްރާންއާއި މިކާލްއަށްޓަކާ ހިތުގައި ޚާއްސަ މަގާމެއް ދެވިފައިވާކަން މިރޭ އިހުސާސްކުރެވުނުއިރު ދެމީހުންނަށް އުފާވެރިކަމާއި ނަސީބު ދެއްވުމަށް އެދި ދުޢާކުރެވުނެވެ. އޭނަ މިރޭ ކަރުނަ އޮއްސީ އޭނަގެ ހަޔާތަށް އައި ލޯބިވާ ދެމީހުންނަށްޓަކައެވެ. އޭނައަށްވުރެ ދީނާއި ޖިހާދު މުހިއްމުވެ އޭނަ ދޫކޮށްލާފައި ދިޔަ މިކާލްއަށްޓަކާވެސް އެހިތުގައި ނުރުހުމެއް ނެތެވެ. އޭނަ އެ ލޯތްބަށްޓަކާ ދީވާނާވެ ފަހަތުން އުޅުނު ދުވަހު އޭނަ ބޭޒާރުކޮށް ނިކަމެތިކޮށްލި އަމްރާންއަށްވެސް އޭނަ މާފުދީ ހިތް ހެޔޮކޮށްފިއެވެ. ކުށްކުރުމުން މާފުކުރުމަކީ އިސްލާމް ދީން ދަސްކޮށްދީފައިވާ އެންމެ ރީތި އެއްސިފައަށް ވީ ހިދު އޭނަ މިރޭ އެކަން ކޮށްފިއެވެ. ހިތް ސާފުކޮށްފިއެވެ.
ހަޔާތީ އިސްތިޚާރާ ނަމާދުކުރިއެވެ. މިކާލްއާއި އަމްރާންއާއި ދެމީހުންކުރެ ހޮވަންވީ ކާކުކަން އުދަގޫވެ އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް އެންމެ ރަގަޅު ގޮތް ދެއްކެވުން އެދުނީއެވެ. ދުޢާކޮށް ނިންމާލުމަށްފަހު ދަމު ނަމާދުކުރިއެވެ. ރޭގަނޑު ތިންބައިކޮށްފައި ފަހު ބައިގާ އެ އިލާހު ދުނިޔޭގެ އުޑަށް ތަޖައްލީ ވޮޑިގަންނަވާއިރު ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކުރުމަށްވުރެ ސަވާބު ލިބޭނެ އެހެން ކަމެއް އޮންނާނެހެއްޔެވެ؟ ޔަގީނުންވެސް ދަންވަރު ހޭލެވިގެން ނަމާދުކޮށް ދުޢާކުރުމުން ހަލާކުވެފައިވާ ހިތަށް ލިބޭ ޝިފާއެއްކަމުގައި ވިއެވެ.
ފަތިސް ނަމާދުކޮށް ޒިކުރުކޮށް ހަދައިގެން ކޮޓަރިން ނިކުންނަ ހިތް ނުވެފައި ހަޔާތީ ވަރަށް ގިނައިރުވާންދެން އޮތެވެ. ފޯނު ނިއްވާލައިގެން އޮތީ އެޗްއެމް އިން ގުޅައިގެން އަމްރާންގެ ޚަބަރު އޮޅުން ފިލުވަން އުޅޭނެތީ އެކަމާހެދިއެވެ. އަމްރާންގެ ޚަބަރުތައް އިރުއިރުކޮޅާ ޖަހާނެކަމެއް ނެތެވެ. އަންހެންކުދިންވެސް މޮޔަވެގެން އެފްބީގައި ވާވަރު އޭނައަށް ވަނީ ފެނިފައެވެ. މީހަކާއި އިނަސް އަންހެންކުދިން ސިޔާސީ ލީޑަރެއްގެ ނަމުގައި ކަމަށް ހަދާފައިވެސް ވާ ލޯތްބެއްގެ ބޮޑުކަމުން އޭނައަށް އުދަގޫވާވަރެވެ. އަށެއް ޖަހަން އުޅެނިކޮށް ކާކޮޓަރިއަށް ވަންއިރު އެލީން ގޮނޑިއަކަށް ދެފައި އަރުވާލައިގެން އައިޕެޑުން އިނގިރޭސި ލޯބީގެ ލަވައެއް އަހާލަން އިނެވެ. ކުރިމަތީގައި ހޫނު ކޮފީއާއި ބިސްގަނޑަކާއި ސެންޑްވިޗެއް އަދި ބޭކަންވެސް ހުއްޓެވެ. ހަޔާތީ ވަދެ އައްސަލާމް އަލައިކުމް އޭ ކިޔުމުން އެލީން ޖަވާބު ދިނީ އިގިރޭސިވެލާފައެވެ.
"މޯނިން......."
އެލީން ލަވަ މަޑުކޮށްލާފައި ހަޔާތީއަށް ބަލައިލީ ވަރަށް ހިނިއައިސްފާ އިނދެއެވެ.
"ފަސްޓް ހަޒްބެންޑަކީ އެއީތަ؟ މިކާލްވެސް ވަރަށް ހެންސަމް. އެޓްލީސްޓް ޔޯ ޓޭސްޓް އިން މެން އިޒް ގުޑް. ބޯތް އާ ހޮޓް............ކޮބާ ސިކްރެޓަކީ؟ މިހާ ކަޓުކޮށް ޑްރެސްކޮށްފައި ހުންނައިރުވެސް އެކުދިންނަށް ހަމަ ރީތިވަނީ ދިސް ވޯކިން ބޯލް އޮފް ސްނޮޓް؟ " އެލީންގެ މަލާމާތުގެ ޖުމްލައިން ހަޔާތީއަށް އަސަރެއްނުކުރިއެވެ.
"އެލީންއަށް ހީވަނީ ކީކޭ. ނޭކެޑްކޮށް ހުރެ މީހުންގެ ކުރިމަތީ އެނބުރުނީމަ ފިރިހެނުންނަށް މާ ކަމުދާނެކަމަށްދޯ. އިތާމުތް ފޮރުވައިފައި ހުއްޓަސް ޖަވާހިރެއް. އަންހެންކުދިންވެސް ވާން ޖެހޭނީ ފޮރުވިފައިވާ މުތްތަކަށް ކަން އެނގޭތަ؟ ދީނުގައިއެގޮތަށް އޮންނަނީ އަންހެންކުދިންނަށްޓަކާ. އަންހެންކުދިންނަށް ރަގަޅަކަށް. އިއްފަތްތެރި މާތް އަންހެންކުދިން އަންބަކަށް ހަދަންބޭނުންވާ ފިރިހެނުންއުޅޭނެ. އަމްރާންއާއި މިކާލްއަކީ އޭގެ މިސާލެއް. މަހުރަމުންނާއެކު ނޫނީ ތަންތަނަށްނުދާން އޮންނަނީވެސް އަންހެންކުދިންގެ ރައްކަލަކަށް. ދެން ބުނޭ ސާދަ ވަނަ ގަރުނު ނޫނޭ އެކާވީސް ވަނަ ގަރުނޭ.........." ހަޔާތީ މައިލޯ ގިރަންވެގެން މައިލޯ ދަޅުނެގިއެވެ.
އެވަގުތު އެލީންއަށް ބަލައިލާފައި އެލޮލުން ފެނުނު ނުސިޔާނުކަން ހަޔާތީގެ ހިތަށް ބިރުވެރިކަން ވައްދައިފިއެވެ. ހަޔާތީއަށް ޝައްކުވިކަން އެނގި އަދި ނުލަފާ ހިންޏެއް ހީލިއެވެ. އަމްރާންއާއިހެދި މޮޔަވެގެން އުޅެމުން ޒަހަރު ދޭން ކެރުނިއްޔާ މިކަހަލަ އެއްޗަކަށް ޒަހަރު އަޅާފައި ނުހުންނާނެބާވައެވެ. ފަހަރެއްގައި ހަކުރުދަޅަށްވެސް ޒަހަރު ލާފާނެއެވެ. "ޕާފެކްޓް މާޑާ ވެޕަން" ގެ ވާހަކަތައް އިވުނީ ހަމަ އެލިންގެ ދުލުންނެވެ. ހަޔާތީ މައިލޯ ދަޅު ބަހައްޓާފައިގޮސް އޮރެންޖެއް ނަގައިގެން ޖޫސް ހަދަންފެށިއެވެ.
"ހަހަ.......އަހަންނާއިމެދު ޝައްކުކުރީތަ؟ ވަގަކަށް ހީވާނީ ދެންވެސް ތިބޭނީ ވަގުންނޭ. އެގޮތަށް ކިލާސްއިންނަށް ހީވާނީ ދެން ތިބެނީ އޭނަ ކަހަލަ މީހުންނޭ ނޮޓް ބޭޑް. ޔޫ އާ ވައިސް. ހިޔަޅަކަށް ދޫނުކުރޭ...." އެލީން މަޖާވިވަރުން ހިނިގަނޑެއް ޖަހާލައިފިއެވެ. އުލުން ބިސްގަނޑު ކަމުން ބުނެލިއެވެ. ޓިފެނީ ފެހިކުލައިގެ ޓީޝާޓަކާއިއެކު ސްކިނީއެއް ލައިގެން އިންއިރު އެލީންގެ ލޫޅާފަތި ހަށިގަނޑުގެ ބޮޑުބަޔެއްވަނީ ހާމައަށެވެ. ޓީޝާޓުގެ އަތެއް ނެތުމާއިއެކު އެތެރެއިން ލާފައި ހުރި އެއްޗެހީގެ ފަށްވެސް ހުރީ ހާމައަށެވެ. ޓީޝާޓު ފޮތިކަމުން ގަޔަށް ހިފާފައެވެ.
ހަޔާތީވެސް ދެބިހުން ބިސްގަނޑެއް އަޅައިގެން އިށީދެ ދޮންކެޔޮވަކެއްގެ ތޮށި ނޮޅައިލިއެވެ.
ފޯނު ހުޅުވާލުމާއެކު މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. ފެނުނީ ހިތަށް ނާރާވަރުގެ ސުރުޚީއެކެވެ.
"ޕްރެޒިޑެންޓަށް ޕޮއިޒަންދީގެން އެސެސިނޭޓްކުރަން އުޅުނުކަމަށް ފަސްޓްލޭޑީ ތުހުމަތު ކުރައްވައިފި"
"ސުބުހާނަﷲ...." ހަޔާތީ ކޮށިއަރާގޮތްވިއެވެ.
"ކިހިނެއްވީތަ؟ "އެލީން އިނީ ނުލަފާ ހިންޏެއް އައިސްފައެވެ. ހަޔާތީ ވަގުތުން ސަޖަލްގެ ފޯނަށް ގުޅައިގެން ވާހަކަދެއްކިއެވެ. އޭނަގެ ފޯނުން މެސެޖްކޮށްފައި އެ ޚަބަރު ލިޔާށޭ ބުނިކަމުގައި ސަޖަލް ބުނުމާއެކު ވީގޮތް ހަޔާތީއަށް ޔަގީންކުރެވިއްޖެއެވެ. އެލީން ފާރައަށް ހުރެފައި ލިބުނު ފުރުސަތުގައި އޭނަގެ ފޯނުން ސަޖަލްއާއި ވާހަކަދެއްކީއެވެ.
"އެލީން ދޮގުނަހަދާ ބުނޭ. މިފޯނުން އެއްވެސް މީހަކަށް މެސެޖްކުރިންތަ؟ މަގޭ ނަމުގައި. އަހަރެން ކަމަށް ހެދިގެން....." ހަޔާތީގެ މޫނު ރަތްވެގެން ދިޔުމާއިއެކު އެލީންއާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ.
"ޔެސް އައި ޑިޑް. ސޮރީ ޑާލިން. އެކަމަކު ކާޒްއާއި މިކާލް ލިސްޓީރިއާއޭ ކިޔައިގެން އުޅުނަސް އަހަންނަށް އެނގޭ ހަޔާތީ ރެންއަށް ޕޮއިޒަން ދިންކަން. ސޯ ފަސްޓްލޭޑީއަށް އެންމެ ރަގަޅަށް އެކަން ހިނގިގޮތް ކިޔައިދެވޭނީ. ސޯ ފުލުހުން އަންނާނެ ސުވާލުކުރަން ބީ ރެޑީ...." އެލީން ހިނގަނޑެއް ޖަހައިލިއެވެ.
"އިޑިއަޓް..............." ހަޔާތީގެ ލޮލަށް ކަރުނަ އައެވެ.
"ކިލޭޝަން ތެރަޕީއާއި ބޭނުންކުރި ޕޮއިޒަންވެސް ހަޔާތީ އަމިއްލައަށް އިއުތިރާފްވެފައި އޮތީ. ހެވީ މެޓަލް ތައް ހަށިގަނޑުން ނެރެލަން ޗިލޭޝަން ތެރަޕީ ހެދިވާހަކަވެސް ހަޔާތީ އަމިއްލައަށް ސަޖަލް ކައިރި ބުނީ. މަށެއްނޫން......." އެލީން އިނީ ހިތްހަމަޖެހިފައެވެ.
"ޗިލޭޝްންއޭ ވަޓް ދަ ހެލް އިޒް ދެޓް. މިއީ ދުވަހަކު އަޑު އެހި އެއްޗެއް ނޫން. މީގައި މިއޮތް ޕޮއިޒަން ނަމަކީވެސް ކުރިއަކުން ދަންނަ އެއްޗެއް ނޫން. އެލީން ޔޫ ޑެވިލް. ތިއީ ރަގަޅަށްވެސް އިންސާނެއްގެ ސިފައިގާ ހުރި ޑެވިލްއެއް. ހައު ކްރުއެލް. އިންސާނިއްޔަތުގެ ކަންފުޅެއް ހުރި އަންހެނެއްނަމަ މީހެއްގެ ފުރާނަ ދުއްވާލާކަށް ނޫޅޭނެ. އަމިއްލައަށް އެހުރިހާ ކަމެއްކުރި މީހާއަށް އެނގޭނީ ކޯންޗެއްކަން ބޭނުންކުރީ. އެލީން ތިކުރި ކަންތައް ވަރަށް އަވަހަށް އަދި ބޭޒާރުވާނެ އިންޝާﷲ. އެދުވަހަކަށް މި އިންތިޒާރުކުރަނީ....." ހަޔާތީ އެހެން ނޫސްތައް ހުޅުވިއިރު އެހެން ނުސްތަކުގައިވެސް ހުރީ އެވާހަކަތަކެވެ. މިހާރު އޮތީ އަމްރާން އަވަހާރަވެއްޖެކަމަށް ލިޔެވުނީ ހާލު ސީރިޔަސްވުމުން އެގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީގެން ކަމުގައެވެ. އެކަށީގެންވާ ވަގުތު ފަރުވާ ދެވުމުން ހާލު ރަގަޅުވަމުން އަންނަކަމުގައެވެ.
ހަގީގަތް ހާމަވުމުން ރައްޔިތުން ކެކި އަރައިގަތެވެ. އެންމެ ލޯބިވާ ޒުވާން ލީޑަރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރިއެވެ. ރުޅިވެރިކަމާއިއެކު މަގުތަކަށް ނުކުތީ ތަފާތު ލިޔުންތައް ހުރި ބެނާސްތައް ހިފައިގެންނެވެ. ވަގުތުން ގާތިލު ހޯދާ ދަން ޖައްސާ މަރާލަން ސަރުކާރަށް ގޮވަމުންނެވެ. ސިފައިންނަށްވެސް ތުހުމަތުކުރިއެވެ. ސިކިއުރިޓީއިންނަށް ވެސް ޝައްކުކުރިއެވެ. އެވަރު ބޮޑުކަމެއް ހިންގިއިރު މުވައްސަސާތަކުން ތިބީ ނިދާފައިހެއްޔެވެ؟ ރައީސަކު އަވަހާރަކޮށްލަން ރާވާއިރު ސިއްރު އެޖެންޓުންނަށް ޝައްކެއް ހިލަމެއް ނުވަންޏާ ބްލޫޓޫތު އިއާ ޕީސްތައް ކަންފަތުގައި ޖަހައިގެން ތިބުމުގެ ބޭނުމެއްނެތެވެ. މީހުން ރުޅިގަދަވެގެންގޮސް މުޒާހަރާ ހޫނުވެ އެންމެފަހުން ސިފައިންނާއި ކުރިމަތިލުންތައް ހިންގާ ބައެއްމީހުންނަށް އަނިޔާވިއެވެ. ނޫސްވެރިންތަކަށް ގެއްލުންވެ ކެމެރާތައް ހަލާކުވެ ސަފުތައް ބޮއްސުންލާ ހިސާބަށް ކަންތައް ދިޔައެވެ. ޕެޕާސްޕްރޭ ޖަހައިގެން ހާލު ދެރަވި މީހުންތައް ހޮސްޕިޓަލަށް ގެންދެވުނުއިރު އޭގެ ތެރޭގައި މުސްކުޅި އަންހެނެއްވެސް ހިމެނުނެވެ. ނޫސްވެރިންނަށް އަނިޔާވިޔަސް ކެރޭ ނޫސްވެރިން ތިބީ ލައިވްކޮށް މުޒާހަރާ ގެނެސްދޭން އަތުކުރިއޮޅާފައެވެ.
އެލީން ސިޓިންރޫމްގެ ކައުޗްގައި ކަންނެތްކޮށް އޮށޯވެލައިގެން އޮވެ ޗިޕްސްކަމުން ދިޔައިރު ނަޒަރު އަމާޒުވެފައިވަނީ ޓީވީއަށެވެ. ހޫނުވަމުންދާ މުޒާހަރާ ތަކާއި ބެނާތައް ފެނި ހިތުގައި ބިރުވެރިކަން އަށަގަތެވެ. ސިއްރު އެޖެންޓުން މިކަމުގެ އެންމެ އަޑިއަށް ފީނާ އަސްލު ގާތިލު ހޯދާނެބާވައެވެ.
"ނޮޕް ސިފައިންގެ ތެރޭވެސް އެބައުޅޭ މިކަމަށް ސަޕޯޓްކުރާ ބަޔެއް........" އެލީން އެކަނި އޮވެވެސް ހިނިގަނޑެއް ޖަހައިލިއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްކޮށްލަން ބޭނުންނުވިޔަސް އިރުއިރުކޮޅާ ސޯލްޖާސް އޮފް މަހުދީގައި ކުރެވެމުންދާ ދީނީ ބަހުސަށް ބަލައިލެވެއެވެ. ސޯޝަލް މީޑިއާގައި އެލީން އެންމެ ކުރާ ހިތްވާކަމަކީ ލާދީނީ އަދި ދީނީ މީހުންގެ ހަގުރާމައިގެ އަލިފާންގަނޑަށް ދަރު އަޅާ އިތުރަށް އެންދުމެވެ. ހޫނުވާވަރަކަށް އެލީންއަށް ނޭގޭ އުފަލެއް ލިބެއެވެ. މިހާރު އެ ޕޭޖުގައި އޮތީ ޕްރެޒިޑެންޓް އަމްރާންއަށް ޒަހަރުދީގެން މަރަން އުޅުނު ޚަބަރެވެ. އެލީން މީހުންނަށް ސާބިތުކޮށްދޭން ބޭނުންވަނީ އެކަމުގެ އިސް މޭސްތިރިއަކީ ފަސްޓް ލޭޑީ ހަޔާތީ ކަމެވެ. ތަފާތު އެކައުންޓްތައް ހުޅުވައިގެން އޭނަ ބަހުސްކުރާއިރު އެކަން ރޭކާ ލާނެ މީހެއްނެތެވެ.
ފަނަރަ ދުވަސް ފަހުން އަމްރާން މާލެއައި ދުވަހަކީ ރައްޔިތުން ދުވަހަކު އުފާނުވާވަރަށް އުފާވެރިކަން ލިބުނު ދުވަހެކެވެ. ރައީސްއާއި ކުރިމަތިވި މަރުގެ އެތިފަހަރުން މިންޖުވެގެން އައުމުން އީދަކަށްވިއެވެ. ފްލައިޓްގެ އިންތިޒާރުގައި މާ ކުރީއްސުރެން އެއާޕޯޓާއި މާލޭގައި ކިޔޫ ހަދައިފިއެވެ. އަމްރާންއާއެކު ސެލްފީ ނަގާހިތުން ވަރުގެ ކޮޅަށް ނަލަހެދިލާ މޭކަޕްކޮށްގެން ތިބި އަންހެންކުދިންގެ ދެލޯ އަމްރާން ދުށުމަށް ބޭގަރާރުވެފައެވެ. ރައްޓެހިގެން އުޅޭ ކުއްޖާއަށްވުރެވެސް އިސްކަން ދެވެނީ އަމްރާންއަށެވެ. ވޯލްޕޭޕަރު އަދި ޕްރޮފައިލްގަވެސް އަމްރާންއެވެ. ފިރިހެންކުދިން އެކަމާ ހަސަދަވެރިވިޔަސް އަމްރާންއަކީ އެމީހުން ލޯބިކުރާ ސިޔާސީ ލީޑަރުކަމުގައިވުމުން އެކަމާއި އަރައިރުންވާކަށް ތަނެއްނޯވެއެވެ. އެކުދިންގެ ޕްރޮފައިލްގަވެސް އަމްރާން ވިއްޔާއެވެ.
އަމްރާން ރަތްދޫލައިގެ މަތިން ހިނގާލާފައި ގޮސް މިނިސްޓްރުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި ކެބިނެޓް މެމްބަރުން އަދި އޮފީސްތަކުގެ ވެރިންނާއި ސަލާމްކުރަމުން ދިޔައެވެ. ނަމަވެސް އާއްމުންނާއި ސަލާމްކުރާކަށް މަޑެއްނުކުރެއެވެ. ލޯންޗަށް އެރީއެވެ. މީސްތަކުންނާއި ދުރުވާން އުޅުނަސް ރައްޔިތުންގެ ބޭނުންތައް ފުއްދާދޭތީ ޝަކުވާއެއް ނެތެވެ. މާލެއަށް ލޯންޗު މަޑުކުރުމަށްފަހުވެސް ހަށި ފާރަވެރިން އަވަހަށް މީސްތައް ދުރުކުރަމުންގޮސް އަމްރާން ކާރަށް އެރުވިއެވެ. ސްޕޯކްސްޕާސަން ބުނީ އަމްރާންއަށް "ޑައިޖެސްޓިވް އަޕްސެޓް" ފަދަ މައްސަލައެއް ދިމާވީކަމަށެވެ. ނޫސްތަކުގައި އެކަހަލަ ވާހަކައެއް ފެތުރުނަސް އެއީ ހަގީގަތެއް ނޫންކަމުގައެވެ. އަމްރާންވެސް ގެއަށް އައުމުގެ ކުރިން އޮފީހަށް ވަނެވެ. ޕްރެސް ކޮންފްރެންސްގައި ވާހަކަދެއްކިއެވެ. ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރިއެވެ.
ހަޔާތީ ހެދުނުން ފެށިގެން އަވަދިނެތި އުޅުނީ ޗެރިޓީ އިވެންޓެއްގައެވެ. އެއަށްފަހު ހޮސްޕިޓަލަށްގޮސް ބަލިމީހުންނަށް ޒިޔާރަތްކުރިއެވެ. ކޮންމެވެސް ވަރަކަށް ކަދުރާއި މޭވާ ހަދިޔާކުރިއެވެ. އޭރު ހަޔާތީގެ ހިތުގައިވަނީ ސަދަގާތެއް ކަމުގައެވެ. މީޑިއާތަކަށް ފިލައިގެން އެ މަސައްކަތްކުރިޔަސް ސިއްރުން ކުރެވޭކަމަކަށް ނުވިއެވެ. ކުރާހާ ކަމަކަށް ފާރަލާމީހުން މީޑިއާތަކަށް ޚަބަރުދީ އެ ވާހަކަތައް ނޫހުގައި ޖެހުމާއި ކޮމެންޓްކުރުމުގެ ސިލްސިލާއެއް ފެށިދެއެވެ. ހޮސްޕިޓަލުން ނިމިގެން އެހިސާބުގައިވާ ގޭގެއަށް ގޮސް ރައްޔިތުންގެ ހާލު އޮޅުން ފިލުވިއެވެ. ބޭނުންވާ ކަންތައްތައް އެހިއެވެ.
ގެއަށް އަންނަމުން ހަޔާތީއާއި ސަޖަލް މަޑުކޮށްލީ އޯޓަމްބްލޭޒް ގޯތިތެރޭގައިވާ ވިނަތަކުގެ މަތީގައެވެ. އެއްފަރާތުގައި އިންދާފައިވާ ގަދަފެހިކުލައިގެ ވިނަގަނޑު މަތީ އިށީދެލައިގެން ޖޫގޯ ބޯލަން ތިބިއިރު ދެކުދިންވެސް ދައްކަނީ ދީނީ ވާހަކައެކެވެ. ހަޔާތީގެ ސަބަބުން ސަޖަލްގެ ދީންވެރިކަން އިތުރުވެ ދީނީ ކަންތައް ބަލާ އޮޅުންފިލުވަން ކުރިއަށްވުރެ ފޯރިހުރެއެވެ.
"ފަސްޓް ލޭޑީ. ބޯމަތިވަމުން މިއަންނަނީ ރޯދަމަސް. އެނީ ސްޕެޝަލް އިވެންޓްސް؟ " ސަޖަލް މަޑުމަޑުން އަހައިލިއެވެ.
"ޔެސް.....ގުރުއާން އަދި މަދަހަ މުބާރާތެއް ސްޕޮންސާކުރަން އެޗްއެމްއިން ނިންމާފައި އެބައޮތް. އަދި ކޮންމެ ދުވަހަކު ދީނީ ދަރުސްދޭން އަރަބި ޝޭޚުން ގެންނަގޮތަށް އޮތީ. އަދި ވަރަށް މުހިއްމު އެހެން ކަމެއް އެބައޮތް. މިއީ އަސްލު އަހަރެން މިކާލްއަށް ވެފައިވާ ވައުދަކަށްވެފައި އެޗްއެމްއިން ސީދާ ދީނީ ޗެނެލްއެއް ނުގެނެސްދެވޭތީ އަހަރެން ނިންމިކަމެއް. އަދި ސިކްރެޓެއް އިނގޭ. ރޯދަމަހު ފުރަތަމަ ދުވަހު ހުޅުވާނަން އިތުރު ޗެނެލްއެއް. އައްނޫރު ކަހަލަ ނަމެއް ކިޔާނީ. އެ ޗެނެލްގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭނީ ހަމައެކަނި ނިގާބު އަޅާފައި ތިބޭ އަންހެންކުދިންނަށް. އަހަރެމެން ތެރޭވެސް މިހާރު އެބައުޅޭ ހުނަރު ހުރި ވަރަށް ގިނަކުދިން. އަންހެން ކަނބަލުންނަށް ޚާއްސަ ޓީވީއެއް ހުރީމަ ކިހާ އުފާވާނެ. މުޅިންވެސް ދީނީ ޕްރޮގްރާމްތައް ގެނެސްދޭނީ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް އަޅަން އަމްރާންކައިރީ އެދޭނަން. އެތާގައިވެސް މުޅިން އަންހެން ޑޮކްޓަރުންނަށް މަސައްކަތްކުރެވޭގޮތަށް އޭރުން ދީނަށް ލޯބިކުރާ ކުދިން ހިތްހަމަޖެހޭނެ. ޕްރެޒިޑެންޓްގެ ބޮލަށް އެރިގެން ދީނީ ކަންތައްތަކަށް އަހައްމިޔަތުދޭނެ ސަރުކާރެއް ރައްޔިތުންނަށް ލިބޭނެ އިންޝާﷲ........" ހަޔާތީގެ ހިތުގައި ޔަގީންކަމެއްވިއެވެ.
"މިހާރު ޕްރެޒިޑެންޓް ވަޑައިގަންނަވަން އުޅުއްވާނެ. ބިޒީކަމުން އެތާކަށްވެސް ނުދެވުނު. އަހަރެން ގޮސްލާނަން..." ސަޖަލް ތެދުވެ ހަޔާތީގެ ގައިގާ ބައްދާލީ ބާރަކަށެވެ. "ކީޕް ގޮއިން ފަސްޓް ލޭޑީ. އެންމެންގެ ލޯބި ލިބޭނެފަދަ ކުއްޖެއް ތީ. ލަވް ޔޫ........."
ހަޔާތީ ފެންވަރާ ތާޒާވެލުމަށްފަހު އަތްދިގު މުށިކުލައިގެ ހެދުމެއްލައިގެން ސްކިނީއެއްލުމަށްފަހު އަނދުން އެޅީ ކުޑަކޮށެވެ. ލޮލުގެ ރީތިކަން އެތައް ގުނަ އިތުރުވިއެވެ. ތުންފަތުގައި ނޫޑް ލިޕްގްލޮސްކޮޅެއް ހާކާލުމަށްފަހު ސިޓިންރޫމްގެ ސޯފާއެއްގައި ގޮސް އިށީނެވެ. ޓީވީ ހުޅުވާލުމާއިއެކު ސްކްރީން ފުރާލާފައި ދައްކައިލީ އެލީންގެ ރީތި މޫނެވެ. ކެމެރާމަނުންނަށްވެސް ރީތި އަންހެންކުއްޖަކު ހުރިއްޔާ ވަކިން ފާހަގަކުރާނެއެވެ. އެލީން ޕްރެޒިޑެންޓް ބަލާދިޔައީ ދިވެހި ހެދުމެއްގައެވެ. ގަޔަށް ހިފާފައިވާ ހެދުމުގައި ހުރިއިރު ބައްޓަން ރީތިކަމުން ފާހަގަކުރެވެއެވެ. އިސްތަށިގަނޑު ޖެލް ލާ މައިތިރިކޮށްފައި ބޮލުގައި އަޅާ ފޮތިކޮޅު އަޅާލާފައިވާއިރު ނިކަން އަންހެންވަންތައެވެ.
"އަމްރާންއަށް ވިހަ ދީފައި އަދި ރިސީވްކުރަން ގޮސް އެބަހުރި. ލަދުގެ ކަންފުޅެއްވެސް ނެތް. ކޮންކަހަލަ އަންހެންކުއްޖެއް...................." ހަޔާތީ ކިޔައިލިއެވެ.
"އަމްރާން ކުރިއަށްވުރެ އަހަރެން ދެކެ ހޭޓްކުރާނެކަން ނޭގޭ. ޕޮއިޒަން ދިނީ އަހަރެން ކަމަށް ހީކުރާނީ. އަހަރެން ހަދާ ކޮފީގެ ރަހަ އޭނައަށް އެނގޭނެ. މީރުވެގެންވެސް އުޅެނީނު. އެނީވޭސް ފަސްޓްލޭޑީގެ ގޮތުގައި ހުރެ ދީނަށް ޚިދުމަތްތަކެއް ކޮށްދެވެން ހުރިވަރަކަށް ކޮށްދީފައި ދެން ދާނީ އިންޝާﷲ. ނޫނީ އަމްރާން މިގެއިން ނެރެލީމަ. ގޭގެއަށްގޮސް ހާލު ބަލައިލާ މުސްކުޅިންނަށް އެހީތެރިވެދެވުނީމަ ލިބޭ ހިތްހަމަޖެހުން ކިހާ ބޮޑު އެހެންނޫންނަމަ މިކާލްއާއި އަމްރާންއާއި ދޭތެރޭ ތާށިވެ ހަތަރުދަމު ކަރުނަ އޮއްސަން ޖެހޭނީ."
ހަޔާތީ ވިސްނުމެއްގައި އިންދާ ގޭގެ ދޮރު ހުޅުވާލާފައި އަމްރާން ވަނުމުން ހަޔާތީ އިސްއުފުލާ ބަލައިލިއެވެ. ބަލިވެއުޅެފައި އައި މީހެއް ފާޑެއްނުޖަހައެވެ. މޫނުމަތި އެހާ ތާޒާއެވެ. ކަޅުނޫކުލައިގެ ސޫޓެއްލައިގެން ރަސްމީކޮށް ހުރިއިރު ދެލޯ ފޮރުވާފައިވަނީ ރޭބަން އައިނަކުންނެވެ. އެތައް ދުވަހެއް ފަހުން އަމްރާން ބޭނުންކުރާ ހިތްގައިމު ސެންޓުގެ ވަސް ނޭފަތުގައި ހިފައިލުމުން ތަފާތު އިހުސާސެއް ކުރެވުނެވެ.
"ވެލްކަމް ހޯމް މިސްޓަރ ޕްރެޒިޑެންޓް..." ހަޔާތީ ކުޑަކޮށް ހިނިތުންވެލިއިރު އިޚުލާސްތެރިކަން ފާޅުވާން ހުއްޓެވެ. އަމްރާން އެއްޗެކޭ ބުނުމުގެ ކުރިން އެލީން ފަހަތުން ވަދެފައި ވަގުތުން އެ ވަގުތުކޮޅު ހަލާކުކޮށްލައިފިއެވެ. އަމްރާން ނެތީސް މިކާލް މިގެއަށް އައިވާހަކަ ކިޔާދީފައި ނުލަފާ ހިނިގަނޑެއްޖަހައިލިއެވެ. އަމްރާންއަށް ކޮފީ ދީފައި ހަޔާތީ ސިފައިން އައުމުގެ ކުރިން އެހުރިހާ ހެއްކެއް ނައްތައިލިގޮތާއި އަމްރާން މަރާލަން ޒަހަރުދިން ކަމަށް މައުލޫމާތު ދިނީވެސް ހަޔާތީކަމުގައި ބުނެ ހެއްކެއްގެ ގޮތުން ނޫހުގައި ހުރި އާޓިކަލްތައް ދެއްކިއެވެ.
"ޑޯންޓް ޓްރަސްޓް ހާ ރެން. މިކާލްގެ ރޭވުމަކުން އެސެސިނެޓްކުރަން ފޮނުވައިގެން އުޅޭ އެޖެންޓެއް...މިކާލްއަކީވެސް ސިކްރެޓް އެޖެންޓެއް. މިދެމީހުންވެގެން ބޮޑު ރޭވުމެއް އެބަ ރާވާ......." އެލީންގެ ވާހަކަތައް ހުއްޓުވީ އަމްރާންއެވެ.
"އިނަފް........އެލީން ސްޓޮޕް ދިސް ނޮންސެންސް.." އަމްރާން ގެ ކޮލުގެ ކަށިގަނޑަށް ގެނައި ހަރަކާތުން އޭނަ ރުޅިއައިކަން އެނގުމުން އެލީން ޖެހިލުންވެފައި އަނގަޔަށް ގޮތެއް ހަދާލައިފިއެވެ. އަމްރާން ހަރުކޮށް ހިގާލާފައި ގޮސް ސިޑިން އެރުމުން އެލީން ނުބައިގޮތަކަށް ހީލުމަށްފަހު އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ހަޔާތީ ބޯ ހޫރައިލިއެވެ. މިގޮތަށް އަންހެންކުއްޖަކު އެގޭގައި ހުރުމުން އެދެމީހުންގެ ކައިވެންޏަށްވެސް އޭގެ އަސަރު ނުބައިގޮތަކަށް އެބަކުރެއެވެ. ދޭތެރެ ޖައްސަން އެލީން ވަރެއްނެތެވެ. ފިލްމެއްގެ ނުބައި ބައި ކުޅެން ފޮނުވާލަން އެކަށީގެންވާ ކުއްޖެކޭ ހިތަށް އަރުވާފައި ހަޔާތީ ގަސްތުކުރީ އަމްރާންއަށް ހަގީގަތް ކިޔައިދިނުމަށެވެ. އޭނަގެ ކުށެއްނެތްކަން އަމްރާންއަށް ހާމަކޮށް ދޭންވާނެއެވެ. އެލީންއާއިމެދު ޝައްކުކުރެވޭ ވާހަކަވެސް ބުނާނެއެވެ. ނަމަވެސް ކޮފީހެދީ އޭނައެވެ. ކޮފީއަށް ޒަހަރު ނާޅާކަން އޭނަ ސާބިތުކޮށްދޭނީ ކިހިނެއްހެއްޔެވެ؟
ޖެހިގެން އައި ދުވަހު ހަޔާތީގެ ހިތުގައި ސުވާލު އުފެދޭ ފަދަ ޕާރުސަލެއް އަމްރާންގެ ކޮޓަރިން ފެނުނެވެ. ހުޅުވާލާފައި ބަލައިލިއިރު ރީތި ގަޑިއެކެވެ. ޖަވާހިރުތައް ޖަހާ ނުލާހިކު ރީތިކޮށް ގަތާލަފައިވާ ގަޑިއެކެވެ. "ހެޕިބާތުޑޭ. ލަވް ޔޫ" އަމްރާން ކާކަށް ދޭން ތައްޔާރުކޮށްފައިވާ އެއްޗެއްހެއްޔެވެ؟ މިއަދަކީ އޭނަގެ އުފަންދުވަހެއް ނޫނެވެ. އެލީންގެ އުފަން ދުވަހެއް ނޫންކަންވެސް ޔަގީނެވެ. ދެން ކާކަށް ހެއްޔެވެ؟ އެ ޕާރުސަލަށް ފާރަލާން ހުއްޓާ އަޒިކިއަލް އެ ޕާރުސަލް ހިފައިގެން ނުކުތްތަން ފެނުމުން ހަސަދައިގެ އޮއިވަރެއް ނާރުތަކުގައި ހިގައިލިއެވެ.
ހަވީރު އަމްރާން ފުރަންދާ ވާހަކަ ހަޔާތީ ކައިރި ބުނީ އަޒިކިއެލްއެވެ. ހަޔާތީ ސުވާލުކުރުމުން ބުނީ ނުރަސްމީ ދަތުރެއްގައި ކޮންމެހެން ފުރަންޖެހިގެން ކަމަށެވެ. އަޒިކިއަލް އެހާވަރުން ފޮރުވަނީ ކޮންކަމެއް ބާވައޭ ހިތަށް އަރާފައި ހުރެ އަމްރާންއާއި ސުވާލުކޮށްލާކަށް ނުކެރުނެވެ. އެހާ ސީރިޔަސްއެވެ. ނޫނީ ކުރިއަށްވުރެ ބޮޑާވީނޫން ކަމެއް ނޭގެއެވެ. އެހާ ލޯބި ލިބެންޏާ ދެން މީހަކު ފޮނި ނުވާވަރެއް ނޫނެވެ. އެތައް ބަޔެއްގެ ހިތުގެ ވިންދެވެ.
ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައީ ހަލުވިކޮށެވެ. ހަޔާތީ އެކި ކަންތައްތަކުގައި އަވަދިނެތި އުޅެން ޖެހުމުން ދުވަސްތައް ދިޔައި ކިހިނެއްކަމެއްވެސް ނޭގުނެވެ. ޚިޔާލުކުރާކަށް ހިތާމަކޮށް ވިސްނާ އެކަނިވާނެ ފުރުސަތެއް އޭނަ ނަފުސަށް ނުޖައްސައެވެ. ހިތާމަތަކާއި ކުރިމަތިލާނެ ގޮތްތައް އޭނަވަނީ ދަސްކޮށްފައެވެ. ފަސްޓްލޭޑީގެ ގޮތުގައި ހުރެވެސް ބޮޑަށް އިސްކަން ދިނީ ދީނީ ކަންތައްތަކަށެވެ. ގޭގައިވެސް އެންމެ މުހިއްމުވީ ހެއްދެވި ފަރާތަށް ވަގުތު ދިނުމެވެ. ނަމާދުކޮށް ގުރުއާން ކިޔަވާ ތަފްސީރު ބަލާ ޒިކުރުކުރުމެވެ. އެހެން އުޅެމުން ތިރީގައި ހުރި ހުސް ކޮޓަރިއެއް ނަމާދުކުރާ ޚާއްސަތަނަކަށް ހެދިއެވެ. ގޭގެ އެންމެ "ފެވެރިޓް ރޫމް" އަކީ އެތަން ކަމުގައިވިއެވެ. އެތަނުގައި ނަމާދުކޮށްގެން ގުރުއާން ކިޔަވަން އިންނައިރު ނަފުސާއި ރޫހަށް އެލިބޭ ހިތްހަމަޖެހުމާއި ފިނިކަން އެހެންކަމަކާއި އަޅާ ނުކިޔޭނެއެވެ.
ފަތިސް ނަމާދަށްފަހު ކޮފީއެއް ގިރާލައިގެން އޭނަ ބެލްކަންޏަށް ނުކުމެލިއެވެ. ވާރެއިން ތެމިފައިވާ އެތައް ސަތޭކަ ފިނިފެންމާތަކަށް ޝަބްނަމްގެ ތިކިތަކުން ވިދާތަން ފެނިފައި އެ މަންޒަރު ހިތްގައިމުކަމާއިއެކުވެސް ކުޅަދުންވަންތަކަން ހިތަށް އެރިއެވެ. ކޮންމެވެސް ވަރަކަށް ފުސްކޮށް މާހައުލު ފެންނާތީ ބޭރަށް ނިކުންނަ ހިތް ނުވެފައި ހުއްޓާ ކާރެއް މަޑުކޮށްލިތަން ފެނުނެވެ. އަމްރާން އައީބާވައެވެ.
ކާރުން އަމްރާންއާއި އެކީ ފޭބި މެހުމާން ފެނުމުން ހަޔާތީގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ.
(ނުނިމޭ...)