އެލައިޑާއި ސްޓެލްކޯއިން ވެސް ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްފި

ވިހެއުމާ ގުޅިގެން މައިންނަށް ހަ މަސް އަދި ބައްޕައިންނަށް އެއް މަސް ދުވަހުގެ ޗުއްޓީދޭ ގޮތަށް އެލައިޑް އިންޝުއަރެންސް އަދި ސްޓެލްކޯ އިންވެސް ހަމަޖައްސައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ވައުދު ތަންފީޒުކުރަން ނިންމާފައިވާކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއާ އެކު ސިވިލް ސާވިސް އިން މިއަދު ވަނީ ސިވިލް ސާވިސްގެ ގަވައިދަށް ބަދަލު ގެނެސް އާންމުކޮށްފަ އެވެ. އަދި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވަނީ މި ބަދަލަށް އަމަލު ކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

ސިވިލް ސާވިސްގެ ގަވައިދަށް ގެނައި ބަދަލާ އެކު މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން އެ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާ އެކު މަންމަ އަށް ލިބޭނެ އެވެ.

އަދި ބަލިވެ އިނުމުން ވަޒީފާއަށް ނުކުތުމަށް ސިއްހީ ހާލަތު ތަންނުދޭ ކަމަށް ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ނުހިގާ ގޮތަށް 28 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

މީގެ އިތުރުން ޕެޓާނިޓީ ލިވްގެ ގޮތުގައި 30 ދުވަސް މުސާރަ ހިނގާ ގޮތަށް ބައްޕަ އަށް ދޭން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ފިރިހެން މުވައްޒަފަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް ވަޒީފާ އާއި ބެހޭ ގާނޫނުގައި ބުނާ ގޮތުގެ މަތިން ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭ ގޮތަށް ތިން ދުވަހުގެ ޗުއްޓީއެއް އަދި މި ތިން ދުވަސް ހަމަވުމަށް ފަހު ދަރިފުޅަށް ހަތް މަސް ވުމާ ދެމެދު 27 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން ލިބޭނެ އެވެ.

ސްޓެލްކޯ އާއި އެލައިޑްގެ އިތުރުން އެސްޓީއޯ އާއި އެމްއޭސީއެލް އިންވެސް ވަނީ މި ސިޔާސަތަށް އަމަލު ކުރަން ފަށައިފަ އެވެ.

comment ކޮމެންޓް