ނިހާންގެ ދައުވަތު މަހްލޫފަށް: ސަރުކާރުން ވަކިވެ އިދިކޮޅާ ގުޅިވަޑައިގަންނަވާ!

ނިހާން އަދި މަހްލޫފު އެކު މައްސަކަތް ކުރެއްވި އިރު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަހްލޫފު އެބުރު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިހާން މަހްލޫފަށް ދައުވަތު ދެއްވި -- ސަން ފައިލް ފޮޓޯ

ކުޅިވަރާ ބެހޭ ވަޒީރު އަހްމްދު މަހްލޫފު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ދެއްވައިފި އެވެ.

މަހްލޫފުއާ ގުޅޭ މަސައްލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ގެންދާނީ މިވަގުތު އޭނާ ހުންނެވީ ވަޒީރު ކަމުގެ ސަސްޕެންޝަނެއްގައެވެ.

މަހްލޫފާ އެކު ސިޔަސީ މައިދާނުގައި އެކޮށް ގިނަ ދުވަސްތަކެއް މީގެ ކުރިން ކުރެއްވި ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ ދުށް ހިތްވަރުގަދަ ކެރޭ ސިޔާސީ ބަތަލުން އުފެއްދެވީ ޑީއާރުޕީ އަދި ޕީޕީއެމް ތެރެއިން ކަމަށެވެ.

"ހިތްވަރު ގަދަ ކެރޭ ސިޔާސީ ލީޑަރުން އުފެދިފައިވަނީ ޑީއާރުޕީ، ޕީޕީއެމް ތެރެއިން. ޒުވާނުންގެ ވަޒީރު އަހްމަދު މަހްލޫފް ވެސް ދެން އަވަހަށް ވަޑައިގަންނަވާ،" މަހްލޫފު އާއެކު ޑީއާރުޕީ އަދި ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރެއްވި ނިހާން ވިދާޅުވިއެވެ.

"ދޮގުވެރި/ މަކަރުވެރި އެމްޑީޕީ" ދޫކޮށް "ރަައްޔިތުންގެ ފަޅިއަށް" އެރުމަށް މަހްލޫފަށް ނިޙާން ދައުވަތު ދެއްވި އެވެ.

ނިހާން ކުރި ޓްވީޓަށް ރައްދު ދެއްވާ މަހްލޫފް ވިދާޅުވީ، އޭނާ ހުންނަވީ ރައްޔިތުންގެ ފަޅީގައި ކަމަށާއި ވަޒީރުކަމުން ވަކި ކުރިޔަސް އަދި ގޭގައި ހުންނަ ޖެހުނަސް އޭނާ ހުންނަވާނީ އޭނާ ހުންނެވި ގޮތުގެ މަތީގައެވެ.

މަހްލޫފު ސިޔާސީ މަސައްކަތް ފެއްޓެވީ އޭރުގެ ޑީއާރުޕީ އިން ނެވެ. އަދި ފަހުން ޑީއާރުޕީ ބައިބައިވެ، ރައީސް މައުމޫން އުފެއްދެވި ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރާކާތްތެރިވެ އެޕާޓީއާ މަހްލޫފު ގުޅިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ދެ ދައުރު ފުރުއްވި މަހްލޫފާ ޕާޓީއާ މެދު މައްސަލަތަކެއް ޖެހި 2015 ވަނަ އަހަރު ފެބްރުއަރީ މަސް ތެރޭ މަހްލޫފު ޕާޓީން ވަކިކުރިއެވެ. އޭރު ޕީޕީއެމް އިން ބުނީ މަހްލޫފު ކަނޑާލުމަށް ނިންމީ އޭރުގެ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ގުޅޭ ގޮތުން މަހްލޫފު މަހްލޫފު ދައްކާފައިވާ ވާހަކަތެއްގެ ސަބަބުން އާންމުން މެމްބަރުންގެ ހިތްތަކުގައި ނުތަނަަވަސްކަން އުފެދޭތީ ކަަމަށް ބުނެެއެވެ.

https://sun.mv/52324

ފަހުން މަޖިލިސްގައި އިންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންނެވި މަހްލޫފު އޭރުގެ ސަރުކާރުގައި ހިނގި ބައެއް ގޯސް ކަންތައްތަކާ ދެކޮޅަށް ވާހަކަ ދައްކާ އޭރުގެ އިދިކޮޅު ފަރަތްތަކާއެކު މައްސަކަތް ކުރެއްވިއެވެ. ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން މަހްލޫފު ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އައެވެ.

އެންމެ ފަހުން ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު މަހްލޫފު ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިތަވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުން ކުރި އެސްއޯއެފް އެކައުންޓުން މަހްލޫފުގެ އެކަންޓަށް 30،000 ޑޮލަރު ވަން މައްސަަލަ އޭސީސީން ދަނީ ބަލަމުންނެެވެ. އެ މައްސަލަ ބަލައި ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަހްލޫފު ވަޒީރު ކަމުން ސަސްޕެންޑް ކޮށްފައެވެ.

މަހްލޫފު ވިދާޅުވަނީ އެނާ ކޮރަޕްޝަންގެ ފައިސާގައި ޖެހިފައި ނުވާ ކަމަށާއި އެސްއޯއެފް އިން ކޮށްފައިވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އަދި އެކަމުގައި އޭނާގެ ގާނޫނީ ކުށެއް ކޮށްފައި ވާ ނަމަ ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.

comment ކޮމެންޓް