މަހްލޫފު ޕީޕީއެމް އިން ވަކިކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޕީޕީއެމުން ވަކި ކުރަން ނިންމައިފި އެވެ.

ޕީޕީއެމް އިން މިގޮތަށް ނިންމާފައި ވަނީ ޕީޕީއެމް ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ ތިން މެމްބަރުންގެ އިއްތިފާގުން ނެވެ. އެކޮމެޓީގެ ނައިބް މުގައްރިރު އަލީ ވަހީދު މިއަދު ވިދާޅުވީ މިސަރުކާރާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ގުޅޭ ގޮތުން މަހުލޫފް ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން އާންމު މެމްބަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެތީ މަހުލޫފް އެ ޕާޓީ އިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ސުލޫކީ ކޮމެޓީ އަށް ވަޑައިގެން ތިން މެމްބަރުންގެ އިއްތިފާގުން މިނިންމާފައި މިއޮތީ މިއަދުން ފެށިގެން އަހުމަދު މަހުލޫފަކީ ޕީޕީއެމް މެމްބަރެއްގެ ހައިސިއްޔަތުން ކެނޑި ޕީޕީއެމް އިން ކަނޑާލެވިފައިވާ މެމްބަރެއްގެ ގޮތުގައި ނިންމެމުމަށް." ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހުލޫފް އެ ޕާޓީ އިން ވަކިކުރީ އޭނާ ޕާޓީ ބަދަލުކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭތީ ނޫން ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ހުށައެޅުނު މައްސަލައަށް ބެލުމަށް ފަހު ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ މަޖިލިސް މެމްބަރު އަލީ އާރިފް ވިދާޅުވީ މަހުލޫފަކީ އެ ޕާޓީ އަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް މަހުލޫފް ނެތުމުން އެ ޕާޓީ އަށް ކުރާނެ އަސަރެއް ނެތް ކަމަށެވެ. މަހުލޫފް "ވަރަށް ކުރިން ވަޑައިގެންފި، ރޫހާ ހިތުން ވަޑައިގެންފި،" ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

މަހުލޫފް އެ ޕާޓީ އިން ވަކިކުރި ނަމަވެސް އެކަންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ. އަދި ހަފްތާއެއްހާ ދުވަސްތެރޭގައި އިސްތިއުނާފްގެ އެ މައްސަލައަށް ގޮތެއް ނިންމޭނެ އެވެ. ނަމަވެސް މިހާތަނަށް ޕީޕީއެމް އިން ވަކިކޮށްފައިވާ އެއްވެސް މެމްބަރަކު އިސްތިއުނާފުކޮށްފައެއް ނުވެ އެވެ.

މަހުލޫފް ޕީޕީއެމް އިން ވަކިކުރުމުގެ ތަންކޮޅެއްކުރިން އެ އޮފީސް ދޮރުމަތީ ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޕީޕީއެމް އިން ވަކިކޮށްފި ނަމަ އެ މައްސަލަ އޭނާ އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ. ޕީޕީއެމްގައި ދެމިހުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ ޕާޓީ ދޫކޮށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި އަޅުގަނޑު ޕާޓީއަކަށް ވަންނާނަންތޯ، ކަނޑާލައިފިނަމަ އެއްވެސް ޕާޓީއަކާއި ނުގުޅި ހުންނާނީތޯ އެއީ އެއްވެސް ހާލެއްގައި އަދި ވިސްނާކަމެއް ނޫން، އަޅުގަނޑު އަދި ބޭނުން ވަނީ މިޕާޓީގައި ހުރެ އަޅުގަނޑު މިކުރާ މަސައްކަތުގައި ކުރިއަށްދާން،" ޕާޓީއިން ވަކިކުރުމުގެ ތަންކޮޅެއް ކުރިން ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް ރައީސް މައުމޫންއާއި ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި ރައީސް މައުމޫންގެ އެއްބާރުލުން ހަދާން ނުނެތޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު