އެކުގައި މަސައްކަތްކުރި ބަޔަކަށް ޒަހަރު ދިން ޖަރުމަނު މީހަކު އުމުރަށް ޖަލަށް

ކްލޯސް އޯގެ ޝަރީއަތުގައި އޭނާ ވަނީ ވާހަކަ ދައްކަން ދެކޮޅު ހަދާފަ -- ފޮޓޯ: ސީއެންއެން

ބާލިން (މާޗް 9): އެކުގައި މަސައްކަތްކުރަމުން ދިޔަ ބަޔަކަށް ޒަހަރު ދިން މައްސަލައިގައި ޖަރުމަނުގެ މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޖަރުމަނުގެ ހުޅަނގު އުތުރުގައި ހުންނަ ފެކްޓަރީއެއްގައި މަސައްކަތް ކުރަމުން ދިޔަ 57 އަހަރުގެ މީހާ ވަނީ، އޭނާއާ އެކު މަސައްކަތް ކުރަމުން ދިޔަ މީހުންގެ ކާއެއްޗެއްސައް ތަކުރާރުކޮށް ޒަހަރު އަޅާފައި ކަމަށް ފުލުހުން ބުންޏެވެ.

ޖަރުމަނުގެ ނޫސްތަކުގައި ކްލޯސް އޯގެ ނަން ދީފައިވާ އެމީހާ ހައްޔަރު ކުރީ މިދިޔަ އަހަރެވެ. އެއީ އޭނާއާއެކު މަސައްކަތް ކުރި މީހެއްގެ ސޭންޑްވިޗަށް "ހުދު ކުލައިގެ ޕައުޑަރެއް" އަޅާ މަންޒަރު ސީސީޓީވީން ފެނުމުންނެވެ.

އެ ހާދިސާ ތަހުގީގުކުރުމުން އެނގުނު ގޮތުގައި ކްލޯސް އޯ ސޭންޑްވިޗަށް އެޅީ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެއް ކަމަށްވާ ލެޑް އެސެޓޭޓްއެވެ. އަދި އޭނާގެ ގެ ބަލައި ފާސްކުރުމުން އޭނާ ވިހަ މާއްދާތައް ހަދާ، ރައްކާކޮށްފައިވާކަން ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.

ކްލޯސް އޯގެ ޝަރީއަތުގައި އޭނާ ވަނީ ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. އެހެންކަމުން އޭނާއާއެކު މަސައްކަތް ކުރި މީހުންނަށް ޒަހަރު ދިނީ ކީއްވެގެންކަން އަދި އެނގިފައި ނުވެއެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތުގައި ސައިކޮލޮޖިސްޓަކު ވަނީ ކްލޯސް އޯ އެމީހުންނަށް ޒަހަރު ދިނީ، އޭގެ ސަބަބުން ވާނެ ގޮތެއް ބަލަން ކަމަށް ވިދާޅުވެފައެވެ.

ކްލޯސް އޯއާއެކު މަސައްކަތްކުރި އެކަކުގެ ހަށިގަނޑުން ވަނީ މުޅިން ވާގި ނެތިފައެވެ. އަދި އިތުރު ދެ މީހެއްގެ ކިޑްނީއަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެއީ ގަސްތުގައި މީހަކު މެރުންހާ ސީރިއަސް އަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި ކްލޯސް އޯ ގަސްތުގައި މީހަކު މަރަން މަސައްކަތް ކުރިކަން ސާބިތުވެ، އޭނާ އުމުރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް