ކަނބަލުން ވިހެއުމުން ދިނުމަށް ސަރުކާރުން ނިންމާފައިވާ ޗުއްޓީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
އިއްޔެ އިން ފެށިގެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ މައިންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، އަދި ބަފައިންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް މުސާރައާ އެކު ހަމަޖެހިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ އިއުލާނުކުރައްވައިފިއެވެ.
"މި ބަދަލު ސަރުކާރު ހިއްސާވާ ކުންފުނުތަކުން ވެސް ގެނައުމަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން،" ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މިރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
ވިހެއުމުން ދޭން ނިންމާފައިވާ ޗުއްޓީ ފުރިހަމަ ވެގެން ދާނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން ކަން ރައީސް ފާހަގަކުރެއްވި އެވެ.
މައިންނަށް ހަ މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު އަދި ބައްޕައިންނަށް މުސާރަ އާއެކު އެއް މަސްދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދޭން ޕީޖީ އޮފީހުން ވެސް ވަނީ ނިންމާފަ އެވެ. އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންވެސް ވަނީ އެ އުސޫލުން އަމަލު ކުރަން ނިންމާފަ އެވެ. އެގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ އެގޮތަށް އަމަލު ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.