އެމްއެޗް370 ގެއްލުނުތާ ފަސް އަހަރު، އަދިވެސް ހަގީގަތެއް ނޭނގޭ

އެމްއެޗް370 ގެއްލުނުތާ ފަސް އަހަރުވެފައިވާ އިރު ބޯޓަށްވީ ގޮތެއް އަދިވެސް ޔަގީނެއް ނުވޭ -- ފޮޓޯ: އީޕީއޭ

މާޗް އަށެއް، 2014 ގައި މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުފެށި މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370އަށް ވީ ގޮތެއް އަދިވެސް ހޯދިފައި ނުވެއެވެ.

އެބޯޓު ހޯދުމަށް އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާ ފާސްކުރި ނަމަވެސް އެމަސައްކަތް ކާމިޔާބުވާ ގޮތެއް ނުވެ އެވެ. އަދި ހަ ގަޑި އިރުގެ ދަތުރެއް ފެށިތާ 40 މިނިޓު ފަހުން، 239 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެބޯޓު އިންޑިއާ ކަނޑުގެ ދެކުނަށް މިސްރާބު ޖެހީ ކީއްވެގެންކަން ކަމާ ބެހޭ މާހިރުންނަށް އަދިވެސް އެނގިފައި ނުވެއެވެ.

އެހެންކަމުން ފާއިތުވި ފަސް އަހަރު ތެރޭ އެކި ފަރާތްތަކުން ވަނީ ބޯޓަށް ވީ ގޮތާ ބެހޭ ގޮތުން އެކި ވާހަކަތައް ދައްކާފަ އެވެ. އޭގެ ތެރެއިން ބައެއް ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން މިހާރު ޔަގީންވެފައިވީ ނަމަވެސް އެހެން ވާހަކަތަކަކީ ތެދުކަން ނުވަތަ ދޮގުކަން އަދި ނިންމޭނެ ގޮތެއް ނެތެވެ. މިއީ 2014އިން މިއަހަރާ ހަމައަށް އެގޮތަށް ދެކެވުނު ބައެއް ވާހަކަތަކެވެ.

2014: ބޯޓު ދަތުރު ކުރީ އުތުރަށް، ދެކުނަކަށް ނޫން

އެމްއެޗް370 ގެއްލުމުން އެންމެ ފުރަތަމަ ކަމާ ބެހޭ ފަރާތްތަކަށް ގަބޫލު ކުރެވުނު ގޮތުގައި، ބޯޓު ގެއްލުނީ ސެންޓްރަލް އޭޝިއާއާ ދިމާލަށް، އުތުރަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އެގޮތުން، އެމްއެޗް370 ފުރަތަމަ ގެއްލުނީ އޭގެ ދަތުރުފެށިތާ 40 މިނިޓު ފަހުން، އޭގެ ޓްރާންސްޕޮންޑާ ނިއްވާލުމުންނެވެ. އެހާ ހިސާބުން އާދައިގެ ފްލައިޓް ޓްރެކިން ޓެކްނޮލޮޖީއަށް ބޯޓު ގެއްލުނެވެ. ނަމަވެސް އަސްކަރީ ރާޑާ ބޭނުންކޮށްގެން ބޯޓު އޮތް ތަނެއް އިންވެސްޓިގޭޓަރުންނަށް ހޯދުނެވެ.

އެރާޑަރުން އެނގުނު ގޮތުގައި އެމްއެޗް370 ފުރަތަމަ ދަތުރުފެށީ އިރުއުތުރަށް، ބެއިޖިންއާ ދިމާލަށެވެ. އޭގެ ފަހުން ހުޅަނގު ދެކުނަށް މިިސްރާބު ޖަހައި، އަނެއްކާވެސް އިންޑިއާއާ ދިމާލަށް، ހުޅަނގު އުތުރަށް ބަދަލުކުރީއެވެ. އޭގެ ފަހުން ރާޑަރަށްވެސް ގެއްލުނީއެވެ.

އެއަށް ފަހު އެމްއެޗް370 ދަތުރު ކުރި ދިމާ ބަލަން އިންވެސްޓިގޭޓަރުން ބޭނުން ކުރީ ސެޓެލައިޓް ޑޭޓާއެވެ. ސެޓެލައިޓް ޑޭޓާއިން ފްލައިޓު އޮތް ތަނެއް ވަކިން ނުދައްކާނެއެވެ.

އަދި އެމްއެޗް370 ދަތުރު ކުރީ އުތުރަށް ކަމަށް ބުނާ ވާހަކަތައް ސެޓެލައިޓް ނިސްބަތްވާ ކުންފުނިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެފްރިކާގެ އައްސޭރިފަށުން ފްލައިޓުގެ ބައިތައް ފެނުމުން، ބޯޓު ދަތުރު ކުރީ އުތުރަށް ނޫންކަން ފަހުން ދެނެގަނެވުނެވެ.

އެފްރިކާއިން ވަނީ އެމްއެޗް370ގެ ބައިތަކެއް ފެނިފައި -- ފޮޓޯ: އޭއެފްޕީ

2015: "މާސް ހައިޕޮކްސިއާ އިވެންޓެއް" އަދި ވެސްޓަން އޮސްޓްރޭލިއާ ކައިރިއަށް ބޯޓު ވެއްޓުން

ދެހާސްފަނަރަ ވަނަ އަހަރު އިރުމަތީ އެފްރިކާގެ ގޮނޑުދޮށްތަކުން އެމްއެޗް370ގެ ބައިތަކެއް ފެނުނެވެ. އެބައިތައް ފެނުމުން ބޯޓު ވެއްޓި، ހަލާކުވިކަން އެނގުނެވެ. އަދި ބޯޓު ވެއްޓުނީ އިންޑިއާ ކަނޑުގެ ދެކުނަށް، ވެސްޓަން އޮސްޓްރޭލިއާ ކައިރިއަށް ކަމަށް އިންވެސްޓިގޭޓަރުން ނިންމިއެވެ.

އަދި އެދުވަސްވަރު އެމްއެޗް370އަށް ވީ ގޮތާ ބެހޭ ގޮތުން އާ ވާހަކައެއް ދެކެވެން ފެށިއެވެ. އެގޮތުން ކަމާ ބެހޭ މާހިރުން ވަނީ ބޯޓުގެ އަލިފާން ރޯވުން ފަދަ ހާދިސާއެއް ހިނގުމުގެ ސަބަބުން އެމާޖެންސީގައި ބޯޓު ޖެއްސުމަށް ފްލައިޓު ޑައިވާޓް ކުރީ ކަމަށް ލަފާކޮށްފައެވެ.

އަދި އޭގެ ފަހުން ފްލައިޓުގައި "މާސް ހައިޕޮކްސިއާ އިވެންޓެއް" (އޮކްސިޖެން މަދުވުމުގެ ހާދިސާއެއް) ހިނގީ ކަމަށް އެފަރާތްތަކުން ބުނެއެވެ. އޭގެ ސަބަބުން ބޯޓު ޖެއްސުމުގެ ކުރިން ކުރޫ އާއި ފަސިންޖަރުން ހޭނެތި، ބޯޓުގައި ތެޔޮ ހުސްވަންދެން އޮޓޯޕައިލެޓްގައި ދަތުރު ކުރުމަށް ފަހު ވެއްޓުނީ ކަމަށް އެފަރާތްތަކުން ބުންޏެވެ.

މެލޭޝިއާ ސަރުކާރާއި އޮސްޓްރޭލިއަން ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭޓީއެސްބީ)އިންވެސް ބުނާ ގޮތުގައި ބޯޓަށްވީ ގޮތަކީ އެއީއެވެ.

2016: ގަސްތުގައި ބޯޓު ވައްޓާލީ

ދެހާސްސޯޅަ ވަނަ އަހަރު، އެމެރިކާގެ އިންވެސްޓިގޭޓަރުންނާއި އޭޓީއެސްބީން އެމްއެޗް370ގެ ކެޕްޓަން ޒަހަރީ އަހުމަދު ޝާހްގެ ގޭގައި ހުންނަ ފްލައިޓު ސިމިއުލޭޓާ ބެލިއެވެ. އޭގެއިން ދެއްކި ގޮތުގައި ކޮންމެވެސް މީހަކު ވަނީ އެސިމިއުލޭޓަރުން އިންޑިއާ ކަނޑުގެ ދެކުނަށް ދަތުރު ކުރުމަށް ޕްލޮޓްކޮށްފައެވެ.

ނަމަވެސް އެމައުލޫމާތު ހިއްސާ ކުރުމަށް ފަހު އޭޓީއެސްބީން ވަނީ އެއީ ޒަހަރީ ގަސްތުގައި ބޯޓު ވައްޓާލިކަމުގެ ހެއްކެއް ނޫން ކަމަށް ބުނެފައެވެ. އަދި ޒަހަރީގެ އާއިލާއިންވެސް ވަނީ އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން މެލޭޝިއާ ސަރުކާރުންވެސް ވަނީ ޒަހަރީ ގަސްތުގައި ބޯޓު ވައްޓާލި ކަމަށް ބުނާ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ބައެއް މީހުން ވަނީ އެމްއެޗް370ގެ ކެޕްޓަން ޒަހަރީ އަހުމަދު ޝާހް ގަސްތުގައި ބޯޓު ވައްޓާލީ ކަމަށް ތުހުމަތުކޮށްފަ -- ފޮޓޯ: ދި އޮސްޓްރޭލިއަން

2017: އެމްއެޗް370 އޮތް ކަމަށް ބެލެވޭ 25،000 އަކަ ކިލޯމީޓަރުގެ ޒޯން

އެމްއެޗް370 ހޯދުމާ ބެހޭ ތަފްސީލީ ރިޕޯޓެއް 2017 ވަނަ އަހަރު އޭޓީއެސްބީން އާއްމު ކުރި އެވެ. އޭރު އެއިދާރާއިން ވަނީ ބޯޓު ހޯދުމަށް 120،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައެވެ.

އޭޓީއެސްބީއަށް އެމްއެޗް370 ނުހޯދުނު ނަމަވެސް އެއިދާރާއިން ވަނީ ބޯޓަށް ވީ ގޮތާ ބެހޭ ދެ ތިއަރީއަކަށް ތާއިދުކޮށްފައެވެ. ފުރަތަމަ ތިއަރީއަކީ ބޯޓު ވެއްޓުމުގެ ކުރިން ކުރޫ އާއި ފަސިންޖަރުން ހޭނެތުނު ކަމަށް ބުނާ ތިއަރީއެވެ. އެގޮތުން ބޯޓު ކަނޑަށް ވެއްޓުނީ ބާރު ސްޕީޑުގައި ކަމަށާއި އެހެންކަމުން އޭގެއިން އެނގެނީ ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓް ހޭނެތުނުކަން ކަމަށް އޭޓީއެސްބީން ބުންޏެވެ.

އަދި ދެވަނަ ތިއަރީއަކީ ބޯޓު އޮތީ އޭޓީއެސްބީން ބަލަމުން ދިޔަ ސަރަހައްދަށް ވުރެ އުތުރުގައި އޮތް 25،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އަދި އެއިދާރާއިން ވަނީ މުސްތަގުބަލުގައި ބޯޓު ހޯދާ ނަމަ، އެސަރަހައްދު ބަލަން އެދިފައެވެ.

އެއަހަރު އެމްއެޗް370 ހޯދުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާއިން ގުޅިގެން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލިއެވެ.

2018: ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓް ހޭނުނެތޭ

އޭޓީއެސްބީން ކުރިން ބުނި 25،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު އެމެރިކާގެ އަމިއްލަ ކުންފުނި އޯޝެން އިންފިނިޓީން ބެލިއެވެ. ނަމަވެސް އެމްއެޗް370 ފެންނަ ގޮތެއް ނުވިއެވެ.

އޭގެ ސަބަބުން ބޯޓު ވެއްޓުމުގެ ކުރިން ކެޕްޓަން ހޭނެތުނު ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދިއެވެ. އަދި ކުރީގެ ޕައިލެޓު، ސައިމަން ހާޑީ އާއި އެހެން ބައެއް ޕައިލެޓުން ވަނީ ބޯޓު ވެއްޓުނު އިރު ކެޕްޓަން ހޭނުނެތޭ ކަމަށާއި އޭނާ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ބޯޓު ކޮންޓްރޯލު ކުރަމުން ދިޔަ ކަމަށް ބުނެފަ އެވެ. އެހެންކަމުން އޭޓީއެސްބީން ލަފާކުރި ގޮތާ ހިލާފަށް، އެބޯޓަށް އިތުރު 200 ކިލޯމީޓަރަށް ދަތުރުކުރެވުނު ކަމަށް ހާޑީ ލަފާ ކުރިއެވެ.

ނަމަވެސް އޭޓީއެސްބީގެ އިސް އޮފިޝަލުން ވަނީ ހާޑީގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ބޯޓު ކަނޑަށް ވެއްޓުނީ ބާރު ސްޕީޑުގައި ކަން އޭޓީއެސްބީއަށް ލިބިފައިވާ މައުލޫމާތުން ދޭހަވާ ކަމަށް ބުނެފައެވެ.

އެނާކާމިޔާބީއަށް ފަހު އޯޝެން އިންފިނިޓީން އެމްއެޗް370 ހޯދުމުގެ މަސައްކަތް ހުއްޓާލިއެވެ.

އެމްއެޗް370ގައި ދަތުރު ކުރަމުންދިޔަ މީހުންގެ އާއިލާތަކުން ދަނީ ބޯޓަށް ވީ ގޮތެއް ހޯދައި ދިނުމަށް އެދެމުން -- ފޮޓޯ: ރޮއިޓާސް

2019: އެމްއެޗް370 އަދިވެސް ނުހޯދޭ

މިއަދު އެމްއެޗް370 ގެއްލުނުތާ ފަސް އަހަރު ފުރޭ އިރު، އެބޯޓު ހޯދުމަށް މިހާތަނަށް ޖުމްލަ 200،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ އަތްފުނާއަޅާފައެވެ. ނަމަވެސް ބޯޓު ވެއްޓުނު ތަނެއްވެސް، ވެއްޓުނު ސަބަބެއްވެސް އަދި ޔަގީންކޮށް ބުނެދެވޭނެ ބަޔަކު ނެތެވެ.

އަދި އެމްއެޗް370 ގެއްލުމާ ބެހޭ ގޮތުން މެލޭޝިއާއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި އެއްވެސް އާ ވާހަކައެއް ނެތުމުން، ބޯޓުގައި ތިބި ކުރޫ އާއި ފަސިންޖަރުންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވަނީ އެ ބޯޓު ހޯދުމަށް ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅައިފިނަމަ، ބޯޓު ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފެށުމާ މެދު އެގައުމުން ވިސްނާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް