އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމާމެދު މެލޭޝިއާއިން ވިސްނަނީ

އެމްއެޗް370 ގެއްލުމުގެ ހާދިސާގެ ފަސްވަނަ އެނިވާސަރީ އެ ބޯޓުން ގެއްލުނު މީހުންގެ އާާއިލާތަކުން ފާހަގަކުރަނީ--- ފޮޓޯ: ރޮއިޓާސް

ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާގެ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމާމެދު ވިސްނަމުންދާކަމަށް މެލޭޝިއާއިން ބުނެފިއެވެ.

އެމްއެޗް370 ގެއްލުނީ 2013 ވަނަ އަހަރު މާޗް 8 އެވެ. ބޯޓު ގެއްލުނު އިރު އެ ބޯޓު ދިޔައީ މެލޭޝިއާއިން ޗައިނާއަށް ދަތުރުކުރަމުންނެވެ. ބޯޓު ގެއްލުނުތާ މިއަދަށް ފަސް އަހަރު ފުރޭއިރު އެކަމުގެ ހަނދާންތައް ބޯޓުން ގެއްލުނު މީހުންގެ އާއިލާތައް މިއަދު ވަނީ އާކޮށްފައެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ އެ ބޯޓު ހޯދުމަށް ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅައިފިނަމަ އެކަމަށް މެލޭޝިއާއިން އެއްބާރުލުންދޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ފައިސާ ދޫކުރާނީ ބޯޓު ފެނިއްޖެނަމަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާއިންވެސް އެ ބޯޓު ކަނޑުއަޑިން ބަލައި ހޯދުމަށް ކުރި މަސައްކަތްތައް 2017 ވަނަ އަހަރު ޖެނުއަރީ މަހު ވަނީ ހުއްޓާލައިފައެވެ. އެކަމަށް 141.6 މިލިއަން ޑޮލަރު ވަނީ ހޭދަވެސް ކޮށްފައެވެ. ނަމަވެސް ބޯޓުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ބޯޓު ހޯދުމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީއިން ކުރި މަސައްކަތުންވެސް ބޯޓުގެ އެއްވެސް ހިލަމެއް ފެނިފައެއް ނުވެއެވެ. އެ މަސައްކަތް އެ ކުންފުނިން ހުއްޓާލީ މިދިޔަ މޭމަހުއެވެ.

އޯޝަން އިންފިނިޓީއިން ވަނީ އެ ބޯޓު ހޯދުމުގެ މަސައްކަތަށް އަނެއްކާވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ކުންފުނިން ވަނީ އެފަދަ މަސައްކަތްތަކަށް ހާއްސަ ޓެކްނޮލޮޖީތަކެއްވެސް ފައްކާކޮށްފައެވެ. އެ ކުންފުނިން މިދިޔަ އަހަރު ނޮވެމްބަރު މަހު ވަނީ އާޖެންޓީނާއިން ގެއްލުނު ސަބްމެރިންވެސް ހޯދައިފައެވެ.

comment ކޮމެންޓް