އިންޑިއާ ސިފައިން ބާލަން ހިންގާ ހަރަކާތް މުޅި ރާއްޖޭގައި ހިންގާނަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ

އިންޑިއާ ސިފައިން ބާލަން ހިންގާ ހަރަކާތް މުޅި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު "ސަން" އަށް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ހަރަކާތަށް ހޭލުންތެރިކުރުމަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރުމަށް މިހާރު ނިންމައިފައިވާ ކަމަށެވެވެ.

''އިންޑިއާ ސިފައިން ބާލަން'' މި ނަމުގައި ހުކުރު ދުވަހު އޭނާ ބާއްވަން ނިންމި އިވެންޓް، ދަރުބާރުގެ ނުލިބުމުން މިހާރު ވަނީ ފަސްވެސް ކޮށްފައެވެ. އުމަރު ވިދާޅުވީ އެ ހަރަކާތް ބޭއްވުމަށް އަންނަ ހުކުރު ނޫން ދެން އަންނަ ހުކުރަށް އާޓިފިޝަލް ބީޗް ސަރަހައްދު ލިބޭތޯވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުމަރު ވިދާޅުވީ ދަރުބާރުގޭގައި އެ ހަރަކާތް ބޭއްވަން ހުރަސް އެޅުމުން ސްކޫލެއްގެ ހޯލުގައިވެސް އެ އިވެންޓް ބޭއްވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރުގެ އެ އިވެންޓް ބޭއްވުމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ހުކުރު ދުވަހަށް ދަރުބާރުގޭ ހަކުރާ މާލަން ދީފަ އެވެ. ނަމަވެސް މިއަދު ޕްލޭނިން މިނިސްޓްރީން އުމަރަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީގެ މުހިންމު ބޭނުމަކަށް ހުކުރު ދުވަހު ދަރުބާރުގެ ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެ ދުވަހަށް އެތަން ދެވެން ނެތް ކަމަށެވެ.

އެހެންކަމުން ހަކުރާ މާލަން ހިފުމަށް ދެއްކި ފައިސާ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ވަޑައިގެން ހަވާލުވުމަށް އެދޭ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލައި ގައުމީ ހަރަކާތަކްތަކެއް ކުރިއަށް ގެންދިއުމަށް އުމަރު ވަނީ ނިންމަވައިފައެވެ. އެ ހަރަކާތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން "މަގުމަތީ ޕޯސްޓަރު ޖެހުމާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ، ސައިކަލު ލޯރީ ބުރު" ފަދަ ހަރަކާތްތައް މި ގައުމީ ހަރަކާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ދަރުބާރުގޭގައި އިވެންޓް ބާއްވާން އުޅޭތީ ރާއްޖޭގެ ސިފައިން ކަންބޮޑުވާ ކަމަށްވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މާރިޔާއަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ ރާއްޖޭގެ ސިފައިން ކަންބޮޑުވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ.

comment ކޮމެންޓް