ސްޕެއިންގެ ބާސެލޯނާއަށް މިހާރު ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އުސްމާން ޑެމްބެލޭ އަކީ ކުރިން އެކުލަބަށް ކުޅުނު ނޭމާ ޖޫނިއާއެއް ވުރެން މޮޅު ކުޅުންތެރިއެއް ކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއު ބުނެފިއެވެ.
ރެކޯޑް 222 މިލިއަންގެ އަގަކަށް ނޭމާ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް 2017 ވަނަ އަހަރު ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ނޭމާ ވިއްކާލައިގެން ބާސެލޯނާއިން ގަތް ފުރަތަމަ ކުޅުންތެރިއެއްގެ ގޮތުގައި ވެގެން ދިއައީ ޖަރުމަނުގެ ބްރޮޝިއާ ޑޮޓްމަންޑަށް ކުޅެމުންދިޔަ ޑެމްބެލޭ އެވެ.
ޑެމްބެލޭ ބާސެލޯނާއަށް ބަދަލުވި ފުރަތަމަ ސީޒަނުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ މިހާރު ދަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނި ގިނަ ގޯލު ތަކެއް ޖަހައި ތަފާތު ދައްކަމުންނެވެ.
ނޭމާ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އޭނާ ބާސެލޯނާއަށް އެނބުރި އަންނަން ބޭނުންވާ ކަމަށް ބުނެ ގިނަ ވާހަކަތައް ދޭތެރެ ދޭތެރެއިން ދަނީ ފެތުރެމުންނެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުން ވެގެން އެ ކުލަބުގެ ރައީސްއަށް ވެސް ގުޅާފައިވާ ކަމަށްވެއެވެ.
ނަމަވެސް އެ ވާހަކަތައް ދޮގު ކުރަމުން ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއު ބުނެފައިވަނީ އެކުލަބުން އަނބުރާ ނޭމާ ގެންނަން ބޭނުން ނުވާ ކަމަށާއި އުސްމާން ޑެމްބެލޭއަކީ އޭނަ ނެތްތަން ފޫބައްދާނެ ކުޅުންތެރިއެއް ކަމަށެވެ.
"ނޭމާ ވިއްކާލި ލާރިން އަހަރަމެން ގަތީ ޑެމްބެލޭއާއި ކޮޓީނިއޯ. ޑެމްބެލޭ އަކީ ނޭމާއަށް ވަކިން ދޫ ނުކުރާނެ ވަރުގެ މޮޅު ކުޅުންތެރިއެއް،" ބާޓޮމެއު ގެ ވާހަކައިގައި ބުންޏެވެ.
ބާސެލޯނާއިން ވޭތުވެ ދިޔަ ޓްރާންސްފާ މާކެޓުގައި ވެސް ވަނީ ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއެ ކުރުވާފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޒުވާން މިޑްފީލްޑަރު ޑެ ޔޮންގް އެވެ. ރަސްމީ ގޮތެއްގައި އޭނާ ބާސެލޯނާގެ ޓީމާއެކު ގުޅޭނީ މިހާރު ކުރިއަށްދާ ސީޒަން ނިމުނީމައެވެ.
މިވަގުތު އަޔެކްސްއަށް ކުޅެމުން އަންނަ ޑެ ޔޮންގްގެ އިތުރުން އެ ޓީމުގެ ޒުވާން ކެޕްޓަން ޑެ ލީޙް ހޯދަން ބާސެލޯނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް ކޮޅަށް ހަތަރު ގޯލު ޖަހާ އަޔެކްސް އިން ކުއާޓާއަށް ދަތުރު ކުރިއިރު އެ ދެ ކުޅުންތެރިންގެ ހުނަރު ވަނީ މުޅި ދުނިޔެއަށް ފެނިގެން ގޮސްފައެވެ.