ތައިލޭންޑުގެ ބޮޑުވަޒީރުކަމަށް ޕްރިންސެސް ނޮމިނޭޓު ކުރި ޕާޓީ އުވާލައިފި

ތައިލޭންޑުގެ ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާގެ ނަން ހުށަހެޅި ތައި ރަކްސާ ޗާޓް ޕާޓީގެ މެމްބަރުން -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (މާޗް 7): ތައިލޭންޑުގެ ބޮޑުވަޒީރުކަމަށް އެގައުމުގެ ޕްރިންސެސް އުބޮންރާތުނާ މަހިދޮންގެ ނަން ހުށަހެޅި ތައި ރަކްސާ ޗާޓް ޕާޓީ އުވާލަން އެގައުމުގެ ދުސްތޫރީ ކޯޓުން ހުކުމްކޮށްފި އެވެ.

ދުސްތޫރީ ކޯޓުން އެފަދައިން ނިންމީ، ތައި ރަކްސާ ޗާޓް ޕާޓީން ބޮޑުވަޒީރު ކަމަށް ޕްރިންސެސް އުބޮންރާތުނާ ނޮމިނޭޓު ކުރީ އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ ކޮމިޝަނުން ކޯޓަށް މައްސަލަ ހުށަހެޅީ ރަސްގެފާނު މަހާ ވަޖިރަލޮންކޯން، ޕްރިންސެސް އުބޮންރާތުނާ އިންތިހާބުގައި ވާދަ ކުރެއްވުމާ ދެކޮޅު ހެއްދެވުމުން ކަމަށް ބެލެވެ އެވެ.

ޕްރިންސެސް އުބޮންރާތުނާ ވަނީ 1972 ވަނަ އަހަރު އެމެރިކާ މީހަކާ ކައިވެނި ބައްލަވައިގެންނެވި އިރު ޝާހީ ހައިސިއްޔަތު ދޫކޮށްލައްވައިފައެވެ. އެހެންކަމުން އެކަމަނާ ވަނީ އާއްމު ރައްޔިތެއްގެ ގޮތުގައި ބޮޑުވަޒީރުކަމަށް ވާދަކުރުމަކީ އެކަމަނާއަށް ލިބިފައިވާ މަދަނީ ހައްގެއްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރަސްގެފާނު ވަޖިރަލޮންކޯން ވަނީ އެކަމަނާއަކީ އަދިވެސް ޝާހީ އާއިލާގެ މެމްބަރެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޝާހީ އާއިލާގެ މެމްބަރުން ސިޔާސީ މަގާމުތަކަށް ވާދަކުރުމަކީ ގައުމުގެ "ސަގާފަތާއި އާދަކާދަޔާ ހިލާފު" ކަމެއް ކަމަށް ވިދާޅުވެ، ބަޔާނެއް ނެރުއްވައިފައެވެ.

ތައި ރަކްސާ ޗާޓް ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ތާއިދުކުރާ ފަރާތްތަކުން އުފައްދާފައިވާ ޕާޓީއެކެވެ. އެއީ ޝިނަވަތުރާއަށް ތާއިދު ކުރާ މައި ޕާޓީ ކަމަށްވާ ޕުއޭ ތައި ޕާޓީއާ އެކު ކޯލިޝަނެއް ހަދައި، މިމަހު ބާއްވާ އާއްމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމުގެ ގޮތުން ހެދި ޕާޓީއެކެވެ. އަދި އެޕާޓީ އުވާލުމަކީ ޝިނަވަތުރާއަށް ތާއިދު ކުރާ ފަރާތްތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަވާނެ ކަމެކެވެ.

ތައިލޭންޑުގައި މިމަހުގެ 24އިގައި ބާއްވާ އިންތިހާބަކީ 2014 ވަނަ އަހަރު އެގައުމުގެ ބޮޑުވަޒީރު ކަމަށް ޕްރަޔުތު ޗަންއޮޗާ ވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. އޭނާ ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ޔިންގްލަކް ޝިނަވަތުރާގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހުގަ އެވެ.

ޝިނަވަތްރާ އާއި ކޮއްކޯފުޅު ޔިންގްލަކް މިހާރު ދިރިއުޅުއްވަނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގައެވެ. ދެހާސްއަށްވަނަ އަހަރު ޝިނަވަތުރާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް