ރެހެންދި ހަދީޖާއާ ގުޅޭ ގޮތުން ކިޔައިދޭ ތާރީހު އަލުން ދިރާސާކުރުމަށް ޝިދާތާ ގޮވާލައްވައިފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ފޮޓޯ// ޖެންޑާ މިނިސްޓްރީ

ރާއްޖޭގެ ރަނިކަން ކުރެއްވި އައްސުލްތާނާ ރެހެންދި ހަދީޖާ އާ ގުޅޭ ގޮތުން ތާރީހީ ގޮތުން ދެކެވެމުން އަންނަ ވާހަކަތައް އަލުން ދިރާސާކުރުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ގޮވާލައްވައިފި އެވެ.

އަންހެނުންގެ ދުވަހާ ގުޅުވައިގެންދޭ ރެހެންދި އެވޯޑު ދިނުމަށް މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ރަސްރަސްކަލުންނާއި ރަނިންގެ ވާހަކަތައް ތާރީހުގައި ގެނެސްދިނުމުގައި މިންތީގެ ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށެވެ.

"އައްސުލްތާނާ ހަދީޖާ ރެހެންދި، ރެހެންދި ހަދީޖާގެ ވާހަކަ ދައްކަނީ ދެ ފިރިކަލުން އަވަހާރަކޮށްލި ނުފޫޒު ގަދަ އަންހެނެއްގެ ގޮތުގައި. ތާރީހީ ލިޔެކިޔުންތަކުގައި ކޮއްކޯފުޅާއި ދެ ފިރިކަލުން އަވަހާރަކޮށްލި ކަމަށް އޮތް ނަމަވެސް، އެގޮތަށް އެކަމަނާ އަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައެއް ނުވޭ." ޝިދާތާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ 8 މާޗެވެ.

ޝިދާތާ ވިދާޅުވީ ތާރީހުގައި ބުނެފައިވާ އެފަދަ ހާދިސާތައް ހިނގާފައިވާ ޒަމާނުގައި ރަސްކަން ވާރުތަވަމުން އައިސްފައިވާ ގޮތާއި ރަސްކަމެއް ފޭރިގަތުމުން ނުވަތަ ބަޣާވާތެއް ކުރުމުން ގާނޫނުގެ ތެރެއިން އަމަލު ކުރަމުންދާ ގޮތާއި އެފަދަ ހާދިސާތައް ހިނގި އިރު ކުށްވެރިވާ ފަރާތްތަކަށް ޝަރުއީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިއާޔަތްކޮށް ކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ރެހެންދި ހަދީޖާގެ ޒައާމަތުގައި ހިނގާފައިވާ ހާދިސާތައް ރަސްރަސްކަލުންގެ ވެރިކަމުގައި ވެސް ހިނގާފައިވާ އިރު އެފަދަ ރަސްކަލުން ސިފަކޮށްފައި ވަނީ ބަތަލުންގެ ގޮތުގައި،" ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރެހެންދި ހަދީޖާގެ ތާރީހު ގެނެސްދީފައި ވަނީ ކަނބަލަކާ މެދު އެންމެ ނުބައި ތަސައްވަރު އުފެދޭ ގޮތަށް ކަމަށެވެ.

"އެފަދަ ގޮތަކަށް ރެހެންދި ހަދީޖާގެ ޝަހުސިއްޔަތު ސިފަކޮށްފައި އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން،" ޝިދާތާ ވިދާޅުވި އެވެ.

"ރެހެންދި ހަދީޖާގެ ރަނިކަމުގައި ހިނގި ކަމަށް ބުނާ ހާދިސާތައް އަލުން ދިރާސާކޮށް އެކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް ތާރީހު އިލްމުވެރިންނަށް ގޮވާލަން،"

ޝިދާތާ ވަނީ ރެހެންދި ހަދީޖާ އަށް ފަހު ރަސްކަން ކުރެއްވި އެކަމަނާގެ ދެ އަންހެން ކޮއްކޯފުޅާ މެދު ކަން ހިނގި ގޮތް ސާފުކުރުމަށް ވެސް ތާރީހު ދިރާސާކުރާ ފަރާތްތަކަށް ގޮވާލައިފަ އެވެ.

"ތާރީހީ ހާދިސާތައް އަދުގެ ޖީލުތަކާ ހަމައަށް ގެނައުމުގައި ތަފާތު ކުރުން ގެންގުޅެފައިވޭ،" ޝިދާތާ ވިދާޅުވީ ތާރީހުގެ ފަތްފުއްތައް ދިރާސާކޮށް އެ ފަދަ ހާދިސާތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ތާރީހާއި ބަހުގެ ތެރެއިން މިންތީގެ ތަފާތުކުރުން ފެންނަ ކަމަށާއި އެފަދަ ވިސްނުންތައް މިއަދު ބަދަލު ކުރަން ޖެހޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ. ދިވެހި އަންހެނުންނަށް އިޖްތިމާއީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ޒަމާންތަކެއް ކުރިން ދީފައިވާ ކަމަށާއި ތާރީހަށް ބަލާ އިރު ދިވެހި އަންހެނުން އެ ދާއިރާތަކުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"އެކަން އެގޮތަށް އޮއްވައި އަންހެނުންގެ ހައްގުތައް ހޯދަން މިއަދު ނިކުންނަން ޖެހުމަކީ ވިސްނާލަން ޖެހޭ ކަމެއް،"

ޖެންޑާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުރި ބިނާތަކާއި އިމާރާތްތަކަށް ނަން ކިޔުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި އެއީ އަންހެނުންނަށް ބޭ އިންސާފެއް ކަމަށެވެ.

comment ކޮމެންޓް