ސައުދީ ރަސްގެފާނާއި ވަލީއަހުދުގެ ގުޅުން ހީނަރުވެފައިވާ ކަމުގެ ރިޕޯޓުތަކެއް

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ފޮޓޯ: އޭޕީ

ލަންޑަން (މާޗް 6): ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ގުޅުން ހީނަރުވެފައިވާ ކަމަށް ގާޑިއަން ނޫހުން ރިޕޯޓުކޮށްފި އެވެ.

އެނޫހުގައިވާ ގޮތުން ރަސްގެފާނާއި ވަލީއަހުދާ ދެމެދު ވަނީ، ދެބޭފުޅުން ޔަމަނުގެ ހަނގުރާމަ ފަދަ މައްސަލަތަކާ ގުޅިގެން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭ ގޮތުން ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ ތުރުކީގައި މަރާލި ފަހުން، ދެބޭފުޅުންގެ ގުޅުން ވަނީ ގޯސްވާން ފަށައިފަ އެވެ.

ނަމަވެސް ރަސްގެފާނާއި ވަލީއަހުދުގެ ގުޅުމަށް އެންމެ ބޮޑަށް ބުރޫ އެރީ ފެބްރުއަރީ މަހު ރަސްގެފާނު މިސްރަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. ނަން ހާމަކޮށްފައި ނުވާ މީހަކާ ހަވާލާދީ ގާޑިއަންގައިވާ ގޮތުން، އެދަތުރުފުޅުގައި ރަސްގެފާނުގެ މުޝީރުން ވަނީ، ވަލީއަހުދު ރަސްގެފާނާ ދެކޮޅަށް ފިޔަވަޅެއް އަޅުއްވަފާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އޭގެ ސަބަބުން ރަސްގެފާނާ އެކު މިސްރަށް ދިޔަ ސެކިއުރިޓީ ޓީމުގެ ބަދަލުގައި، އިންޓީރިއާ މިނިސްޓްރީން އާ ސެކިއުރިޓީ ޓީމެއް މިސްރަށް ފޮނުވި އެވެ. އަދި ރަސްގެފާނުގެ ސެކިއުރިޓީ ޓީމުގައި ހިމެނޭ މިސްރުގެ މީހުން އެޓީމުން ދުރު ކުރި ކަމަށް ވެސް ގާޑިއަންގައިވެ އެވެ.

އެދަތުރުފުޅަށް ފަހު ރަސްގެފާނު ސައުދީއަށް އެނބުރި ވަޑައިގެންނެވުމުން، ރަސްގެފާނަށް މަރުހަބާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި ވަލީއަހުދު ހިމެނިވަޑައިނުގަންނަވަ އެވެ.

މީގެ އިތުރުން، ސައުދީން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޕްރިންސެސް ރީމާ އައްޔަންކޮށް ޑިފެންސް މިނިސްޓަރު ކަމަށް ޚާލިދު ބިން ސަލްމާން، ވަލީއަހުދު އައްޔަން ކުރެއްވީ ރަސްގެފާނަށް އެންގެވުމަކާ ނުލައި ކަމަށް ގާޑިއަންގެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް އެމެރިކާގައި ހުންނަ ސައުދީ އެމްބަސީން ވަނީ ދެބޭފުޅުންގެ ގުޅުން ހީނަރުވެފައި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި މަރާލި ހާޝުގްޖީއަކީ ވަލީއަހުދަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ނޫސްވެރިއެކެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ވަނީ ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ވަލީއަހުދު ކަމަށް ވުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް