ވަރުގަދަ ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އަޔެކްސް ކުއާޓާއަށް

ރެއާލް މެޑްރިޑްއާއި އަޔެކްސް ބައްދަލު ކުރި މެޗުގައި އަޔެކްސްގެ ކުޅުންތެރިއަކު ރެއާލް ގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ/ ސަޗާ ޕިސަނީ

ވޭތުވެ ދިޔަ ތިން އަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ރެއާލް މެޑްރިޑް "ލަދުވެތި" ގޮތަކަށް ކަޓުވާލުމަށް ފަހު އަޔެކްސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފަހު ލެގުގައި ރެއާލް މެޑްރިޑްގެ މައްޗަށް އަޔެކްސް ކުރި ހޯދީ 1-4 ގެ ބޮޑު ނަތީޖާ އަކުންނެވެ. މިއީ 2015-2014 ވަނަ ސީޒަނުން ފެށިގެން ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުން އަލްވަދާއު ކިޔަން ޖެހުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ ލެގުގައި 1-2ގެ ނަތީޖާ އަކުން އަޔެކްސް ބަލިވި ނަމަވެސް ރޭގެ ބޮޑު މޮޅާ އެކު އެ ޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ރެއާލް މެޑްރިޑް އާއި އަޔެކްސް ބައްދަލު ކުރި މެޗުން އަޔެކްސް މޮޅުވެ ކުއާޓާއަށް ދަތުރު ކުރުމުން އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ ސަޗާ ޕިސަނީ

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރަމޯސް ސަސްޕެންޝަނުގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ލިބުނު ފަސޭހަމޮޅާ އެކު ކުއާޓާއަށް ދިއައީ ކަމަށް ބަލަައި އޭނާ ވަނީ އެ މެޗުގައި ގަސްތުގައި ރީންދޫ ކާޑެއް ހޯދައިފަ އެވެ. އޭގެ ސަބަބުން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ރަމޯސްގެ ބަދަލުގައި ރޭ ރެއާލްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ އެ ޓީމުގެ ތަޖުރިބާކާރު ސްޓްރައިކަރު ކަރިމް ބެންޒީމާ އެވެ.

މެޗު ފެށިގެން ފުރަތަމަ 20 މިނަޓު ތެރޭގައި އެންމެން ހައިރާން ކޮށްލުމަށް ފަހު އަޔެކްސް އިން ވަނީ ދެ ގޯލު ޖަހާ ރެއާލްގެ މައްޗަށް އަތް ގަދަ ކޮށްފަ އެވެ. އެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަން ފެނި ރެއާލްގެ މުޅި ޓީމު ތިބީ އާޝޯހު ވެގެން ކުޅި ބަލާށެވެ.

އަޔެކްސްގެ ދެ ގޯލާ އެކު ރެއާލްއަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ލޫކަސް ވަޒްކުއޭޒްއަށް ވަނީ އަނިޔާވެ ދަނޑުން ފައިބައިފަ އެވެ. ވަޒްކުއޭޒްގެ ބަދަލުގައި ކުޅެން ނުކުތް ގެރެތް ބޭލްގެ ފަރާތުން ރޭގައި ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ވަޒްކުއޭޒް އަނިޔާވެ ބޭލުވިތާ އިރުކޮޅެއް ތެރޭ ރެއާލްގެ ފޯވާޑް ލައިން ބަލަހައްޓަމުން ދިޔަ އެންމެ މުހިއްމު ކުޅުންތެރިޔާ، ވިނިޝިއަސް ޖޫނިއާ ވަނީ އަނިޔާވެ ދަނޑުން ފައިބަން ޖެހިފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މިދިޔަ ދެ ސީޒަނުގައި ރެއާލްއަށް މޮޅު ކުޅުމެއް ދައްކައިދީފައިވާ މާކޯ އެސެންސިއޯ އެވެ.

މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓް ކޮށް އަޔެކްސް ކުޅެމުން ދިއައީ އެއްވެސް ހާސްވުމެއް ނެތި އެވެ. ލީޑު ފުޅާ ކުރަން އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ރެއާލްގެ ކީޕަރު، ތިބައުޓް ކޯޓުއާ ވަނީ އެ ބޯޅަތައް ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ދިއައީ ރެއާލްގެ ކުޅުން ރަނގަޅުކޮށް ބޯޅަ ހިފަހައްޓައިގެން ގޯލެއް ޖެހުމަށް ޓީމު ކުރިއަށް ޖައްސައިގެންނެވެ. ނަމަވެސް ލިބުނު ކައުންޓާ އެއްގައި އަޔެކްސްއިން ވަނީ އެމީހުންގެ ތިންވަނަ ގޯލު ޖަހާ ރެއާލްގެ އުއްމީދުތައް ފުނޑު ފުނޑު ކޮށްލައިފަ އެވެ.

ރެއާލް މެޑްރިޑްއާއި އަޔެކްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ސަޗާ ޕިސަނީ

ތިން ގޯލުގެ ބޮޑު ލީޑެއް އަޔެކްސްއިން ނެގުމާ އެކު އެ ޓީމުން ދެން ފެށީ ޑިފެންސް ކުރާށެވެ. ކުރިއަށް ކުޅުނު ދެ ކުޅުންތެރިއަކު ބާލައި މެދުތެރެއަށް ކުޅޭ ކުޅުންތެރިއަކާއި ފަހަތައް ކުޅޭ ކުޅުންތެރިއަކު އަރުވާ ޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަ ކުރި އެވެ.

ނަމަވެސް ލިބުނު ބޯޅައަކުން މާކޯ އެސެންސިއޯ ވަނީ ރެއާލްއަށް ގޯލެއް ޖަހައިދީ ރެއާލްއަށް ކޮންމެސް ވަރެއްގެ ހިތްވަރެއް ހޯދައދީފަ އެވެ. އެ ގޯލާއި އެކު ރެއާލް ހުށިޔާރުވެ ޓީމު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ ވަގުތު އެ ހުރިހާ ކަމަކަށް ހުރަސް އެޅިގެން ދިއައީ ލިބުނު ހިލޭ ޖެހުމަކުން އަޔެކްސް އިން އެމީހުންގެ ހަތަރު ވަނަ ގޯލު ޖެހި ހިސާބުންނެވެ.

ވިދިވިދިގެން އަމިއްލަ ދަނޑުގައި ލިބުނު ތިން ބައްޔާ އެކު ރެއާލްގެ ކޯޗުގެ މުސްތަގުބަލާ މެދު ގިނަ ބަޔަކު ވަނީ ޝައްކު އުފައްދައިފަ އެވެ. ނަމަވެސް އެ ޓީމުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ ޓީމާ އެކު ކުރިއަށް ދާނެ ކަމަށާއި އުނދަގޫ ދުވަސްތަކުގައި ދޫ ނުދޭނެ ކަމަށެވެ.

comment ކޮމެންޓް