ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ރަޝީދު އިދުރީސް އަށާއި އޭނާގެ އަނބިކަނބަލުން ވެސް ހިޔާ މަޝްރޫއުގެ ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ނަންތައް އާންމު ކޮށްފައިވާއިރު ރަޝީދަށް ފްލެޓު ލިބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީ އިންނެވެ. އޭނާގެ އަނބިކަނބަލުން އާމިނަތު ރިސާލާއަށް ފްލެޓު ލިބިފައިވަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކެޓަގަރީ އިންނެވެ.
ދެމަފިރިއަކު ފްލެޓު ލިބޭ ލިސްޓުގައި ހިމެނިއްޖެ ނަމަ، އެތަނުން ކޮންމެވެސް އެކަކު ފްލެޓު ދޫކޮށްލަން ޖެހޭނެއެވެ. ފްލެޓު ދޭނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށެވެ.
ރަޝީދުގެ ދެކަނބަލުންް ފްލެޓު އެނގުމުން ލިބޭ ލިސްޓުގައި ހިމެނޭކަން އެނގުމުން އެ ދެކަނބަލުން ނިސްބަތްވެލައްވާ ށ. ފޯކައިދޫގެ ރައްޔިތުން ދަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް އަނބިކަނބަލުން ރިސާލާ އަކީ ފެށުނީއްސުރެ ރަށުގައި ދިރިއުޅުއްވާ ފަރާތަކަށްވެފައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓެގަރީ އަށް އެ ދެކަނބަލުން ފިޓުވާ އެއްވެސް ސަބަބެއް ނެތް ކަމަށް ރަށުގެ މީހުން ބުނެއެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު މިރޭ "ސަން" އަށް ވިދާޅުވީ ރަޝީދުގެ ދެކަނބަލުންގެ އަމިއްލަ ގެ ފޯކައިދޫ ގައި ހުންނަ ކަމަށާއި އެ ގެ ހުންނަނީ ރަނގަޅު ފެންވަރަކަށް ދެ ބުރިއަށް ހަދާފައި ކަމަށެވެ. ރަޝީދަކީވެސް ވަރަށް ފަހަކާ ޖެހެންދެން ފޯކައިދޫގައި އުޅުނު މީހެއް ކަމަށާއި އެ ދެ ކަނބަލުންގެ ދަރިންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ހުންނަކަން "ނޭނގޭ" ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުރިހާ ކުދިންވެސް އުޅެނީ ރަށުގައި. ރަށު ސްކޫލުގައި. އޭނާގެ އަންހެނުންވެސް އުޅެނީ މި ރަށުގައި، އެއީ ފެށުނީއްސުރެ ރަށުގައި އުޅޭ މީހެއް،" ރާޝިދު ވިދާޅުވިއެވެ.
ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާހިދު ވިދާޅުވީ ރަޝީދަކީ ފާއިތުވި ދެ ދައުރުގައި އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަތް މެންބަރެއް ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ށ. އަތޮޅު ކައުންސިލަށް ރަޝީދު ހޮވިވަޑައިގެންނެވި ކަމަށާއި ޖެހިގެން އައި އިންތިހާބުގައިވެސް ކާމިޔާބުވެ ވަޑައިގެން ކައުންސިލްގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ކަމަށެވެ.
އަދި ރަޝީދު މާލެ ބަދަލުވެލެއްވީ 2017 ވަނަ އަހަރުގެ އިންތިހާބުން ނާކާމިޔާބުވެލެއްވުމުން، ކައުންސިލްގެ ދައުރު ހަމަވިފަހުން ކަމަށްވެސް ނާހިދު ވިދާޅުވިއެވެ.
"އޭގެ މާފަހުން 2018 ވަނަ އަހަރުގެ ކުރީކޮޅު ނޫނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ރަޝީދު މާލެ ބަދަލުވީ އެޑިއުކޭޝަން މިނިސްޓްރީގެ ވަޒީފާއެއް ލިބިގެން،"
ރަޝީދަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އިން ފްލެޓު ލިބިލެއްވީތީ ހައިރާންވާކަމަށްވެސް ނާހިދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރަޝީދުގެ ބަހެއް ހޯދާލަން "ސަން" އިން މިރޭ ގުޅާލުމުން އޭނާ ވިދާޅުވީ "އޭގައި އޮންނަ ގަވައިދު ސަން އޮންލައިންއަށް އެނގޭތޯ؟" އެވެ. އަދި ރަޝީދަށް ފްލެޓު ލިބުނީ ހައްގުން ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ވިދާޅުވީ އޭނާ އަށް ފްލެޓު ލިބުނީ ގަވައިދުން ކަމަށެވެ.
"ގަވާއިދުގެ އިމުގެ ތެރެއިން އަޅުގަނޑަށް ފްލެޓު ލިބިފައި ހުންނާނީ އިނގޭތޯ. އެއީ އަޅުގަނޑު މިކޮޅުގައި ވަޒީފާގައި ހުއްޓާ، 41 އަހަރާ 18 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލީ [ފްލެޓަށް ލާން]. އެ ގަވާއިދުގައި އޮންނާނެ މިކޮޅުގައި ވަޒީފާއެއްގައި ހުންނަ މީހެއްގެ އަނބިމީހަގެ ނަމުގައި ލެވޭނެ ކަމަށް. [މާލޭގައި] ވަޒީފާގައި ހުންނަ މީހެއްގެ އަނބިމީހާގެ ނަމުގައި ހުށަހަޅައިގެން އަޅުގަނޑުގެ އަނބިމީހާއަށް ލިބުނީ،" ރަޝީދު ވިދާޅުވިއެވެ.