ކުރީގެ ފަސްޓް ލޭޑީ ހުޅުމާލޭގައި އިމާރާތްކުރެއްވި މިސްކިތަށް މޯލްޑިވް ގޭހުން ހަރަދުކުރި

މަސްޖިދުލް ވާލިދައިން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ފަސްޓްލޭޑީ ހުޅުމާލޭގައި އިމާރާތްކުރެއްވި މިސްކިތުގެ މަސައްކަތަށް މޯލްޑިވް ގޭހުން ހަރަދު ކުރި ކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝަޒައިލް "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީގެ މެނޭޖުމެންޓުން ކުންފުނީގެ ފައިސާ އަދި މުދާ ހުޅުމާލޭގައި މިސްކިތެއް އެޅުމަށް ހަރަދުކޮށްފައިވާކަން ހާމަވާ ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ.

"ތިނަދޫގައި މޯލްޑިވް ގޭހުން އަޅަން ނިންމާފައިވާ ގޭސް ޕްލާންޓުގެ މަސައްކަތަށް ގެނެސްފައިވާ މެޓީރިއަލްސް މިސްކިތް އަޅަން ވަނީ ބޭނުން ކޮށްފައި. ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ކުންފުނީގެ ފައިދާއިން އެކަމަށް ވަނީ ހަރަދުކޮށްފައި،" ޝަޒައިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ފެންމަތިވުމުން ކުންފުނީގެ އިންޓާނަލް އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވް ގޭހުގެ ފައިސާ ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް އެޅުއްވި މިސްކިތަށް ހަރަދު ކުރިކަމަށް މިހާރުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ މޯލްޑިވް ގޭހުގެ ކޮރަޕްޝަން މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން އެ ކުންފުންޏާ ގުޅޭ ހަތަރު ފަސް މައްސަލައެއް އޭސީސީއިން ބަލަމުންދާ ކަމަށާއި އޭގެތެރޭގައި ގިނައީ ކުންފުނީގެ ޕްރޮޖެކްޓްތަކާގުޅޭ މައްސަލަތައް ކަމަށް އޭސީސީގެ ނައިބު ރައިސް މުއައްވިޒު ރަޝީދު މިރޭ "ސަން" އަށް ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ އެ މައްސަލަތައް އޭސީސީ އަށް ހުށަހެޅުނީ މިދިޔަ އަހަރު ތެރޭގައި ކަމަށެވެ.

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންއަކީ ކުރީގެ ފަސްޓްލޭޑީ ފާތުންނާ އަރިސް ކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ފަސްޓް ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މަސްޖިދުލް ވާލިދައިން 20 އޮގަސްޓް 2018 ގައި ހުޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

comment ކޮމެންޓް