ސައުތަމްޓޮންއާ ވާދަކޮށް މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން މޮޅުވި މެޗުގައި އެލެކްސިސް ސަންޗޭޒް އަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް އޭނާ ބެލި ޗިލިީގެ ގައުމީ ޓީމުގެ ޑޮކްޓަރުން ބުނެފިއެވެ.
ޔުނައިޓެޑްގެ މުހިއްމު ކުޅުންތެރިން ތަކެއް މިވަގުތު އަނިޔާގައި ތިބުމުން ޓީމަށް ވަނީ ބޮޑެތި އުނދަގޫތަކެއް ކުރިމަތި ވެފައެވެ. އެގޮތުން ޓީމުގެ ފޯވާޑް ލައިންގެ ތިން ކުޅުންތެރިން ކަމަށްވާ ޖެސޭ ލިންގާޑްއާއި އެންތޮނީ މާޝިއާލްގެ އިތުރުން އެލެކްސިސް ސަންޗޭޒް މިވަގުތު އަނިޔާގައި ހުރުމުން އެ ޓީމުގެ ފޯވާޑް ލައިން ވަނީ ކޮންމެސް ވަރަކަށް ބަލިކަށި ވެފައެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި، ސައުތަމްޓޮންއާއ ވާދަކޮށް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސަންޗޭޒްއަށް އަނިޔާ ވެގެންް އޭނަ ބަދަލު ކޮށްފައި ވަނީ 52 ވަނަ މިނަޓުގައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޑޮކްޓަރުންގެ ފަރާތުން އޭނަގެ އަނިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.
ނަމަވެސް ޗިލީގެ ގައުމީ ޓީމުގެ ޑޮކްޓަރެއް ކަމަށްވާ ޕެޑްރޯ އޮނާޓޭ ބުނެފައިވަނީ ސަންޗޭޒްއަށް އަނިޔާވެފައިވަނީ އޭނަގެ ކަކުލުގެ ލިގަމެންޓަށް ކަމަށެވެ. އަދި އެފަދަ އަނިޔާ ތަކުން ސަލާމަތްވާން އާއްމު ގޮތެއްގައި ހަ ހަފްތާއާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އޭނަ ވަނީ ބުނެފައެވެ.
"ސަންޗޭޒްއަށް ލިބުނު އަނިޔާ މިއަހަރުގެ ކޮޕާ އެމެރިކާ ކުޅެން ވާއިރަށް ރަނގަޅު ވާނެ. އެކަހަލަ އަނިޔާތަކަށް އާއްމު ގޮތެއްގައި ދެ މަސް ވަރު ނަގާނެ އެއްކޮން ފިޓު ވާން. އޭގެ ކުރިން ވެސް ރަނގަޅު ވުމަކީ އެކަށީގެންވާ ކަމެއް. މިއީ ވަރަށް އާއްމުކޮށް ކުޅުންތެރިންނަށް ދިމާވާ ކަމެއް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން އޮނާޓޭ ބުންްނެވެ.
އަންނަ ހަފްތާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ޕީއެސްޖީއާއި ޔުނައިޓެޑް ވާދަ ކުރާ މެޗުގައި ސަންޗޭޒްއަށް ނުކުޅެވޭނެއެވެ. ފުރަތަމަ ލެގުގައި 0-2 އިން ޔުނައިޓެޑް ބަލިވުމުން ދެން އަންނަ މެޗުގައި އެ ޓީމު މޮޅުވާން ޖެހޭނީ ތިން ގޯލުގެ ފަރަގަކުންނެވެ.
ސަންޗެޒްއަށް މި ސީޒަނުގައި ޔުނައިޓެޑްއާ އެކު އެންމެ ރަނގަޅު ކުޅުމެއް ނުކުޅެވެއެވެ. މިއަހަރުގެ ސީޒަނުގައި ފުރަތަމަ އެގާރައިގައި އޭނާ ހިމެނިފައިވާނި އެއްމެ އަށް މެޗުގައެވެ. އަދި ލީގުގައި އޭނާއަށް މި ސީޒަނުގައި ޖެހުނީ އެއްމެ ގޯލެކެވެ.