ނުހައްގުން މުއްސަނދިވުން ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް، ރައްޔިތުންގެ މަޖިލީހަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހެޅި އިސްލާހު ބަލައިގަނެފި އެވެ.
އެ އިސްލާހު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގަތް 54 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފައެވެ.
މުހަންމާ ހުށަހެޅުއްވި އެ ބިލްގައި ބުނެފައިވަނީ، ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހެޅީ ރާއްޖޭގެ ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ގޮތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާ ބަލާއިރު، އެ މީހުންނަށް ނުހޯދޭނެ ނުވަތަ ހޯދަން އެކަށީގެން ނުވާ ނުވަތަ ހޯދުނު ގޮތް ބަޔާންކޮށް ނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށް ކަމަށެވެ.
އެގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރެ، ލިބޭ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިިއިރު ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށް ދެމެހެއްޓުމަކީ ކުށެކެވެ.
ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ނުހައްގު މުއްސަނދިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ތާއީދުކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރާ އިރު، އެ ބިލު އިތުރަށް ފުރިހަމަ ކުރަން މެމްބަރުން ވަނީ އެދިވަޑައިގެންނެވިއެވެ.
ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވުމުގެ ވާހަކައަކީ އާންމުންގެ ތެރޭގައި ބާރަށް ދެކެވޭ ވަހަކައެވެ.
ނުހައްގު މުއްސަނދިވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަސްތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނުހައްގު މުއްސަނދިވުން ހޯދާ ފަރާތްތައް ހުޓުވުމަށް ގާނޫނެއް ހުށަހަޅާފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.