ސްޕެނިޝް ލީގުގައި ރޭ އަލްވާރޯ މޮރާޓާ ކާމިޔާބު ކުރި ދެ ގޯލާ އެކު ރެއާލް ސޮސިއެޑާޑް ބަލިކޮށް އެތްލެޓިކޯ މެޑްރިޑް އިން އެއްވަނައިގައި އޮތް ބާސެލޯނާއާ ހަތް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި އެވެ.
ސޮސިއެޑާޑް ގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު ބަލިވީ 0-2 ގެ ނަތީޖާ އަކުން އެތްލެޓިކޯ ކުރި ހޯދުމުންނެވެ. މި މޮޅާ އެކު އެތްލެޓިކޯއިން ވަނީ ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑްއާ ފަސް ޕޮއިންޓްއަށް ފަރަގު ބޮޑު ކޮށްފައެވެ. އަދި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ހަތް ޕޮއިންޓަށް ވަނީ ފަރަގު ކުޑަވެފައެވެ. މެޗުން ބަލިވި ސޮސިއެޑާޑް ތާވަލުގެ ނުވަވަނައަށް ވަނީ ވެއްޓިފައެވެ.
ރޭގެ މެޗުން އެތްލެޓިކޯ މޮޅުވި އިރު އެ ޓީމުގެ ތަރިއަކަށް ވީ ލޯނުގެ އެއްބަސް ވުމެއްގެ ދަށުން ޗެލްސީއިން އެ ޓީމަށް ދާދި ފަހުން ބަދަލުވި އަލްވާރޯ މޮރާޓާއެވެ. އޭނަ ވަނީ ރޭގެ މެޗުގައި އެތްލެޓިކޯއަށް ދެ ގޯލު ޖަހައިދީފައެވެ.
އެތްލެޓިކޯއަށް ބަދަލު ވުމަށްފަހު ނުވަ މެޗު ކުޅެ ގޯލު ނުޖެހި ހުރުމަށް ފަހު ވިލަރެއާލްއާ އެންމެ ފަހުން ބައްދަލު ކުރި މެޗުގައި މޮރާޓާ ވަނީ އޭނަގެ ފުރަތަމަ ގޯލު އެތްލެޓިކޯއަށް ޖަހައިދީފައެވެ. އަދި އެ ގޯލުގެ އިތުރުން ރޭގެ މެޗުގައި ޖަހައިދިން ދެ ގޯލާއި އެކު އޭނަ ވަނީ އެތްލެޓިކޯ މެޑްރިޑްއަށް އޭނަ އަކީ ބޭނުންތެރި ކުޅުންތެރިއެއްކަން ހާމަ ކޮށްދީފައެވެ.
މި މެޗުން ލިބުނު މޮޅާއި އެކު އަންނަ ހަފްތާގެ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ބައްދަލު ކުރާ އިރު އެތްލެޓިކޯއަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ދެ ގޯލުގެ ތަފާތަކުން އެތްލެޓިކޯ މޮޅުވި ނަމަވެސް ދެވަނަ ލެގު ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ އުނދަގޫ ތަކެއް ދިމާވާނެ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ވަނީ މީގެ ކުރިން ބުނެފައެވެ.