މީޑިއާ ކައުންސިލްގެ އިންތިހާބު ނާއިފް ކާމިޔާބުކޮށްފި

އެމްއެމްސީ އިންތިހާބުގައި ވާދަކުރި ނާއިފް (ކ) އަދި ނައުޝާދު --- ފޮޓޯ: އަވަސް

މިއަދު ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބު އަވަސް އޮންލައިންގެ އަހުމަދު ނާއިފް ކާމިޔާބުކޮށްފި އެވެ.

މީޑިއާ ކައުންސިލްގައި ހިމެނުނު މީޑިއާތައް ތަމްސީލު ކުރާ މެންބަރެއްގެ ދައުރު ހަމަވެ، އާ މެންބަރަކު އިންތިހާބު ކުރުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި އިންތިހާބުގައި ނާއިފްއާ ވާދަކުރީ ނޫނު އިންފޯގެ ފަރާތުން ވާދަކުރި އަހުމަދު ނައުޝާދެވެ.

ނައުޝާދަކީ މީގެ ކުރިން ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރި، ނޫސްވެރިކަމުގެ މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑު ވެސް ހާސިލްކޮށްފައިވާ ފަރާތެކެވެ.

މިއަދުގެ އިންތިހާބުގައި 72 މީޑިއާ އަކުން ވޯޓު ލާފައިވާއިރު ނާއިފް އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ 63 ވޯޓުންނެވެ. ނައުޝާދު އަށް ލިބުނީ ނުވަ ވޯޓެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.

ނާއިފް އާ އެކު ދެން މީޑިއާ ކައުންސިލްގައި މިހާރު ހިމެނޭ މެންބަރުންނަކީ

މީޑިއާ ތަކުން

  • އަހްމަދު އާޒިފް (ސަން އޮންލައިން)
  • ޝިފްޒާ މުސްތަފާ (ވީޓީވީ)
  • އަހްމަދު ޖަދުވާން (ޕީއެސްއެމް)
  • އަޒްމީ އަލީ (މިދުވަސް އޮންލައިން)
  • ހިދާޔަތުﷲ (ހަފްތާ)
  • އަލީ އަހްސަން (ދި އިސްލާމް)
  • އަލީ ރިފްޝާން (ފެންވަރު އޮންލައިން)

އާންމުންގެ ތެރެއިން:

  • އަބްދުއްލަތީފް އަހްމަދު
  • ހިސާން ހަސަން
  • އަހްމަދު އަމީން މުހައްމަދު
  • ފާތިމަތު ސައުޒަން ހުސައިން
  • އާތިފް އަބްދުލްހަކީމް
  • ރިފާޢަތު ރަޝީދު
  • ޝީރީން ނާހިދާ ލަތީފް
comment ކޮމެންޓް