ބިންލާދިންގެ ދަރިކަލުންނާ ބެހޭ މައުލޫމާތު ދިން ފަރާތަކަށް އެއް މިލިއަން ޑޮލަރު ހުށައަޅައިފި

އެމެރިކާއިން އަވަހާރަކޮށްލާފައިވާ އަލްގާއިދާގެ ލީޑަރު އުސާމާ ބިންލާދިންގެ ދަރިކަލުން ހަމްޒާ ބިންލާދިން އާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ފަރާތަކަށް އެމެރިކާ އިން އެއް މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ހަވާލާދީ ބީބީސީ އިން ބުނީ ހަމްޒާ އަކީ އިސްލާމިކް މިލިޓަންޓް ގްރޫޕްގެ އެންމެ އިސް ލީޑަރު ކަމަށެވެ.

އަދި ބުނީ ހަމްޒާގެ ބައްޕަ އަވަހާރަކޮށްލި މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާ އާއި ހުޅަނގުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދިނުމަށް ހަމްޒާ، އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައިވާ ކަމަށެވެ.

ބިންލާދިން ޕާކިސްތާނުގައި ފިއްލަވައިގެން އުޅުއްވަނިކޮށް، 2011 ވަނަ އަހަރު އެމެރިކާގެ ސްޕެޝަލް ފޯސް އިން ވަނީ އަވަހާރަކޮށްލައިފަ އެވެ.

ނިއުޔޯކް ސިޓީގައި ހުރި ޓުވިން ޓަވަރު 2001 ވަނަ އަހަރު ގޮއްވާލީ ބިންލާދީންގެ އަމުރަށް ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ. އެ ހާދިސާގައި ވަނީ ގާތްގަނޑަކަށް 3،000 މީހުން މަރުވެފަ އެވެ.

ހަމްޒާގެ އުމުރަކީ މިހާރު ގާތްގަނޑަކަށް 30 އަހަރެވެ. އޭނާއަކީ ބައިނަލައަގުވާމީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ރަސްމީކޮށް ބުނީ މީގެ ދެ އަހަރު ކުރިންނެވެ.

ހަމްޒާ ކައިވެނިބައްލަވައިގެން އުޅުއްވަނީ ސެޕްޓެމްބަރު 11ގެ ހާދިސާގައި ޓުވިން ޓަވަރަށް ހަމަލާދިން އެއް މަތިންދާ ބޯޓު ހައިޖެކް ކުރި، މުހައްމަދު އަޓާގެ ދަރިއަކާ އެވެ.

comment ކޮމެންޓް