މެޖޯރިޓީ ބޭނުންވަނީ ކޯލިޝަނަށް، ވަކި ޕާޓީއަކަށް ނޫން: މައުމޫން

އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ޖަގަހަ ރައީސް މައުމޫން ހުޅުއްވައިދެއްވަނީ: މައުމޫން ވިދާޅުވަނީ، މަޖިލީހުގައި ވަކި ޕާޓީ އަކަށް މެޖޯރިޓީ މުހިންމު ނޫން ކަމަށް -- ފޮޓޯ/ އެމްއާރުއެމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިިންތިހާބުގައި ސިޔާސީ ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިންމު ނޫން ކަަމަށާއި މެޖޯރިޓީ ލިބެން ޖެހެނީ ސަރުކާރުގެ ކޯލިޝަނަށް ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ކޯލިޝަން ލީޑަރުންގެ މެދުގައި ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރުމަށް އެއްބަސް ނުވެވި، ކޯލިޝަންގައި ހިމެނޭ ތިން ޕާޓީ އާއި ރައީސް މައުމޫން ނިސްބަތްވާ އެމްއާރުއެމް އިން މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ ވަކި ވަކިންނެވެ. މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާ އެކު 24 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

ރައީސް މައުމޫންގެ ތާއީދާ އެކު މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ޖެހޭނީ ގައުމަށް އިޚްލާސްތެރި، ވަފާތެރި މެމްބަރުންތަކެއް ކަމަށާއި އެފަދަ މަޖިލީހެއް އިންތިހާބުވުމަކީ، އެމްއާރުއެމްގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

"ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިއްމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން މި ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުން ބޭނުންފުޅުވާ ކަންތައްތައް ކުރުމަށް މަގުފަހިވެގެން ދާނެ،" މައުމޫން ވިދާޅުވި އެވެ.

އިންތިހާބުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިންމު ނޫން ކަމަށް މައުމޫން ވިދާޅުވި އިރު، ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނަމުން ދަނީ އެއް ޕާޓީ އަކަށް މަޖިލިސް މެޖޯރިޓީ ދޭން "ހެޔޮނުވާނެ" ކަމަށެވެ.

ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އިން ބުނަމުން ދަނީ މެޖޯރިޓީ ލިބެން ޖެހޭނީ އެޕާޓީއަށް ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވަނީ އެމަނިކުފާނު ބޭނުން ވަނީ ސަރުކާރަށް މެޖޯރިޓީ އޮންނަ މަޖިލީހެއް އިންތިހާބުވުމަށް ކަމަށެވެ.

"ސަރުކާރުން ބޭނުވާ ކަންތައްތައް ލަސްވުމަކީ އެދޭ ކަމެއް ނޫން"

ސަރުކާރަށް މުހިންމު ބައެއް ބިލްތައް މަޖިލީހުން ފާސްވުން ލަސްވަމުން ދާތީ މައުމޫން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކަންތައްތައް ވެގެން ދިއުމަކީ، ރައްޔިތުން ވެސް އަދި އެމަނިކުފާނު ވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"[މަޖިލިސް ތެރެއިން] ސަރުކާރުން ބޭނުންފުޅުވާ ބައެއް ކަންތައްތައް ނުވެ ލަސްވަމުން މިދަނީ. ތަފާތު ސަބަބުތައް ދިމާވެގެން، މަޖިލިސް މެމްބަރުން ހަމަ ނުވެގެން، އެނޫން ގޮތަކުން ވެސް ވޯޓަށް ނޭހި ކަންތައްތައް ލަސްވަމުން މިދަނީ. މިއީކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން [އަދި] ރައްޔިތުން ވެސް ބޭނުންވާ ގޮތެއް ނޫން. މިގޮތަށް ކަންތައްތައް ހިނގައިގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ރައްޔިތުން ބާރުވެރިކުރުމަށް، ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރު، ޖަވާބުދާރީވާ މަޖިލީހަކަށް ހަދަން ޖެހޭ ކަމަށެވެ. މިހާރު އެގޮތަށް ކަންތައް ހިނގާ މަންޒަރު ވަރަަށް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ފޮނުވިޔަސް، އަމިއްލަ މެމްބަރުން ފޮނުވިޔަސް، ކޮންމެ ގާނޫނެއް ފާސްވާކަށް ނުޖެހޭނެ... ރަނގަޅު ގާނޫނަކަށްވާ ނަމަ ބަލައިގަންނަން ޖެހޭ. ރަނގަޅު ނޫން ގާނޫނެއް ނަމަ އަނބުރާ ފޮނުވާލަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖަލްސާތަކަށް ހާޒިރުވެ، ހުށަހެޅޭ ކަންކަމަށް ބަހުސްކޮށް ނަގާ ވޯޓުތަކުގައި މަޖިލިސް މެމްބަރުން ބައިވެރިވާން ޖެހޭ ކަމަށެވެ.

މައުމޫން އެފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ ކޮރަޕްޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރު ދޭ ބިލަށް ވޯޓަށް އެހުމަށް ހަތަރު ފަހަރެއްގެ މަތިން ތާވަލްކުރުމުން ވެސް ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވެގެން އެ ބިލަށް ވޯޓަށް ނޭހިގެން އުޅޭ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް