ބޮޑު މޮޅަކާ އެކު ބާސެލޯނާ ފައިނަލަށް، ތަރިޔަކަށް ވީ ވިނިޝަސް ޖޫނިއާ!

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

ސްޕެނިޝް ލީގު ކަޕް (ކޮޕާ ޑެލް ރޭ)ގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް ބޮޑު ބައްޔަކުން ބަލިކޮށް ބާސެލޯނާ ފައިނަލަށް ދަތުރު ކުރި ނަމަވެސް ރޭގެ މެޗުގެ ތަރިއަކަށް ވީ ރެއާލްގެ ޒުވާން ފޯވާޑް ވިނިޝަސް ޖޫނިއާ އެވެ.

ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމްގައި ކުޅެވުނު އެލް ކުލެސިކޯގެ ކުރިމަތިލުން ނިމިގެން ދިޔައީ 0-3 ގެ ނަތީޖާ އަކުން ބާސެލޯނާ ކުރި ހޯދައިގެންނެވެ. މި މޮޅާ އެކު ބާސެލޯނާ ވަނީ ވިދި ވިދިގެން ހަ ވަނަ އަހަރު މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ބާސެލޯނާ ވަނީ އެންމެ ފަހުން ފަސް އަހަރު މި މުބާރާތުގެ ފައިނަލުގައި ކުޅެ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

ބާސެލޯނާ ބޮޑު މޮޅަކާ އެކު ފައިނަލަށް ދަތުރު ކުރި ނަމަވެސް ރޭގެ މެޗުގައި އެންމެ ގިނަ ބަޔަކު ސަމާލުކަމަށް ގެނުވީ ރެއާލްގެ ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާގެ ހުނަރުން ފުރިގެން ވާ ކުޅުމަށެވެ. އުމުރުން އެންމެ 18 އަހަރުގެ ބްރެޒިލްއަށް ނިސްބަތްވާ ވިނިޝަސް ރެއާލް މެޑްރިޑްއަށް މި ސީޒަނަށް ގުޅުނު ހިސާބުން އަންނަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ.

ރެއާލް މެޑްރިޑްގެ ކޯޗް ސަންޓިއާގޯ ސޮލާރީ އޭނަގެ ފުލް އެގާރާގައި މާސެލޯ ވިއެރާ، އިސްކޯ އަދި މާކޯ އެސެންސިއޯ ފަދަ ކުޅުންތެރިން ބެންޗު ކުރުމަށް ފަހު 18 އަހަރުގެ ޒުވާން ކުޅުންތެރިއަކު ޓީމުގައި ގާވާއިދުން ހިމެނުމުގެ އަސްލު ރޭގެ މެޗުން ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ. މެޗު ފެށުނީއްސުރެން ވިނިޝަސް ދިޔައީ ބާސެލޯނާގެ ޑިފެންސް "ހާލި" ކުރަމުންނެވެ.

ލިބުނު ހުރިހާ ބޯޅައެއްމެ ކަހަލަ ގޮތަކަށް ހިފައިގެން ބާސެލޯނާގެ ޑިފެންޑަރުން ކައިރިން ފަސޭހަ ކަމާ އެކު ވިނިޝަސް ދިޔައީ ބީޓު ކުރަމުންނެވެ. ހަލުވި ކުޅުމެއްގެ ވެރި ވިނިޝަސްއަށް ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުމުގެ އިތުރުން އޭނާ ވަނީ އެ ޓީމު އެހެން ކުޅުންތެރިންނަށް ވެސް ގޯލި ޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސް ކޮށްދީފަ އެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާ -- ފޮޓޯ / ޖޯ ރައިޓް

ރެއާލް މެޑްރިޑްގެ ފޯވާޑުންގެ ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައި ބާސެލޯނާގެ ކީޕަރު، މާކް އެންޑާ ޓާ ސެޓެގަން ވަނީ ސާބިތުކަން ދައްކާ ބާސެލޯނާގެ ގޯލު ކުރިމަތީ ފާރެއް ފަދައިން ހުރިހާ ބޯޅައެއް ދިފާއު ކޮށްފަ އެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވި ބޭކާރުވުމާ އެކު އެކަމުގެ ފައިދާ ބާސެލޯނާ އިން މެޗުގެ ދެވަނަ ހާފު ވަނީ ނަގައިފަ އެވެ. ލުއިސް ސުއަރޭޒްގެ ދެ ގޯލުގެ އިތުރުން ރެއާލް މެޑްރިޑްގެ ޑިފެންޑަރު، ރަފައެލް ވެރޭން އަތުން ބައި ކޮޅަށް ވަތް ގޯލާ އެކު ރެއާލް މެޑްރިޑްގެ އުންމީދުތައް ފުނޑު ފުނޑުވި އެވެ.

ޖުމްލަ 1-4ގެ އެގްރިގެރޭޓް ސްކޯ އަކުން ބާސެލޯނާ ރެއާލްގެ މައްޗަށް ކުރި ހޯދާ ކޮޕާ ޑެލް ރޭގެ ފައިނަލަށް ދަތުރު ކުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ވެސް މި ދެ ޓީމުގެ ދެމެދުގެ ކުރިމަތި ލުމެއް އޮންނާނެ އެވެ. އެއީ ސްޕެނިޝް ލީގު މެޗެކެވެ.

comment ކޮމެންޓް