މިލިއަނެއްހާ ރުފިޔާގެ މުދަލާ އެކު އިންނަމާދޫ ފަޅުތެރެއަށް ބޯޓެއް އަޑިއަށް ހިނގައްޖެ

ރ. އިންނަމާދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ބޯޓު: އެ ބޯޓުގައި މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެ ކަމަށް ބެލެވޭ --- ފޮޓޯ: ފުލުހުން

މާލެ އިން މުދާ ހިފައިގެން ރ. އިންނަމާދުއަށް ދަތުރުކުރި 'މިހިރީ5' ނަމަކަށްކިޔާ ބޯޓެއް މިލިއަނެއްހާ ރުފިޔާގެ މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ އެ ބޯޓު އިންނަމާދޫ ފަޅުތެރެއަށް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 12:40 ގައި ކަމަށާއި އަދި ބޯޓު އަޑިއަށްދިޔައިރު މިލިއަނެއްހާ ރުފިޔާގެ މުދާ އޭގައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބޯޓު އަޑިއަށް ދިޔަ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު ބޯޓު ފެން މައްޗަށް ނެގުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި އެހެން ރަށް ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އެ ބޯޓު އަޑިއަށް ދިޔައިރު ބޯޓުގައި ހުރީ ކާޑުގެ ބާވަތްތަކާއި ގޭހާއި ހިލަވެލި އަދި ސިމެންތި ފަދަ މުދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
comment ކޮމެންޓް