ވީބީ ހަސަންގެ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް އަށް ފޯމު ހުށަހަޅުއްވަނީ ---

ސާބިތު ދަރަނީގެ މައްސަލައެއްް އޮތް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނެ އޮތް، ވީބީ ބްރަދާސްގެ މެނޭޖިންގް ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރިއަށް މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވުމަށް ހަސަން ހުށަހެޅި ފޯމު ބަލައި ނުގަތް މައްސަލަ މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގައިފި އެވެ.

ވީބީ ހަސަންގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސާބިތު ދަރަންޏެއް އޮވެ އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ އެވެ.

ހަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާގެ ވަކީލަކީ ކުރީގެ ނައިބް ރައީސް އަދި ވިލިމާލޭ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމުދެވެ. ޖަމީލަކީ ހަސަނުގެ ޅިޔަނެކެވެ.

އެ މައްސަލައިގަ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، ހަސަންގެ ކެންޑިޑެންސީ ފޯމް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ފުރިހަމަނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އަދި ހަސަން ހިމެނޭ ހުރިހާ މައްސަލައެއް ވެސް މަތީ ކޯޓުތަކުގައި އިސްތިއުނާފްކޮށްފައިވާކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އިންތިހާބުގައި ބައިވެރިނުވެވޭ ޝަރުތުތައް

  • އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  • ފަނޑިޔާރަކު ކަމުގައިވުން

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ވެސް ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް