ރިޔާސީ ކޮމިޝަންގެ ބިލާއި ޕެންޝަން ބިލް ލަސްވުމުން ރައީސްގެ ކަންބޮޑުވުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދޭ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ލަސްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ތިން ފަހަރެއްގެ މަތިން ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކުރިއެވެ. ނަމަވެސް އެ ތިން ފަހަރުވެސް އިސްލާޙު ފާސްކުރުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެމްބަރުން ހާޒިރު ނުވެގެން ވޯޓަށް އެހޭ ގޮތެއް ވަނީ ނުވެފައެވެ.

އެކަމާ ގުޅުގެން ރައީސް ސޯލިހްގެ ތަރުޖަމާނު ހޫދު "ސަން" އަށް ވިދާޅުވީ، ސަރުކާރުން މެޖޯރިޓީ އޮވެ، ރައްޔިތުންނާ ގުޅޭ އެފަދަ ކަމެއް ލަސްވުމަކީ ރައީސް ސޯލިހުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ސަރުކާރަށް މެޖޯރިޓީ އޮވެ، އެކަން ނުވުމަކީ ވަރަށް ދެރަކަމެއް. އިއްޔެ ކެބިނެޓް ޖަލްސާގައިވެސް ރައީސް މިނިސްޓަރުންނަށް އިލްތިމާސްކުރެއްވި އެކަން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށް،" ރައީސް ސޯލިހްއާ ހަވާލާދީ، ހޫދު ވިދާޅުވިއެވެ.

ދެ ބިލާ މެދު ގޮތެއް ނުނިމި ލަސްވަމުންދާއިރު، މިއަދުގެ ޖަލްސާގައި ދެ ބިލާ މެދު ގޮތެއް ނިންމުމަށް އަނެއްކާ ވެސް ވަނީ އެޖެންޑާކޮށްފައެވެ. އިއްޔެ ބޭއްވި ޖަލްސާގައި ވޯޓަށް ނޭހުނީ 11 މެމްބަރުން މަދުވެގެންނެވެ.

ރައްޔިތުން އޭގެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހެނީ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.

އެއީ މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ހާޒިރުވެގެންނެވެ.

ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދޭ ބިލަށް އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން ތާއީދެއް ނުކެރެވެެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އަދި ސަރުކާރު އެހާ އަވސް އަރުވާލައިގެން އެ ބިލް ފާސް ކުރުމަށް އުޅުއްވަނީ، މަޖިލިސް އިންތިހާބުގެ ކުރިން އިދިކޮޅު ކެންޑިޑޭޓުން ހައްޔަރު ކުރުމަށް ކަމަށް އެބޭފުޅުން ތުހުމަތު ކުރައްވައެވެ.

comment ކޮމެންޓް