މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ޓީމަކީ މެންޗެސްޓާ ސިޓީއާއި ބާސެލޯނާ ކަމަށް ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިޔާ ވޭން ރޫނީ ބުނެފި އެވެ.
އެމެރިކާގެ ޑީސީ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ރޫނީ އަކީ 2008 ވަނަ އަހރު މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ނެގި އިރު ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ. ރޫނީ ގަބޫލު ކުރާ ގޮތުގައި މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުން އެންމެ ގާތީ ޔުނައިޓެޑްއާއި އެންމެ ވާދަވެރި މެންޗެސްޓާ ސިޓީއާއި ސްޕެއިންގެ ބާސެލޯނާއެވެ.
މަޝްހޫރު ނޫހެއް ކަމަށްވާ ޑެޒަން އަށް މައުލޫމާތު ދެމުން ރޫނީ ބުނެފައި ވަނީ މިހާރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ކުލަބަކީ ބާސެލޯނާއާއި މެންޗެސްޓާ ސިޓީ ކަމަށެވެ. ވީމާ އެ ދެ ކުލަބު ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ބުންޏެވެ. އަދި އެ ދެ ކުލަބު ފައިނަލަށް ގޮސްފި ނަމަ މޮޅުވާނެ ކަމަށް އޭނާ "ބެޓް" ކުރާނީ ބާސެލޯނާ ކަމަށް އޭނަ ބުންޏެވެ.
ރޫނީ ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްއާ އެކު ހޭދަ ކުރި ދުވަސްތަކުގެ ތެރޭގައި ދެފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް ބަލިވެފަ އެވެ. ދެފަހަރު ވެސް ބާސެލޯނާ ކާމިޔާބު ކުރި އިރު ދެވަނަ ފަހަރު ކުޅުނު ފައިނަލުގައި ރޫނީ ވަނީ ހިއްގައިމު ގޯލެއް ޖަހައިދީފަ އެވެ.
ޗެމްޕިއަންސް ލީގުން ބަލިވުމުން ކުރެވުނީ ކޮންކަހަލަ އިހުސާސެއްތޯ ރިޕޯޓަރު ސުވާލު ކުރުމުން ރޫނީ ބުނީ ފުޓުބޯޅައިގައި ކުރިއަށް ދާން އެންމެ މުހިއްމު ފިލާވަޅުތައް ލިބޭނީ ބޮޑެތި މެޗުން ލިބިފައި ހުރި ބަލިތައް ބަލައި ދިރާސާ ކުރުމުން ކަމަށެވެ.
"އަހަރެން އިނގިރޭސި ޕްރިމިއާ ލީގު ވެސް އެތައް ފަހަރަކު ކާމިޔާބު ކުރިން. ޗެމްޕިއަންސް ލީގު ވެސް އެއް ފަހަރު ހޯދިން. އެކަމު އަހަރެން ފަސް އެނބުރި އަހަރެން ބަލާ މެޗުތަކަކީ ބޮޑެތި މެޗުތަކުން އަހަރެންގެ ޓީމު ބަލިވި މެޗުތައް." ރޫނީގެ ވާހަކަ ނިންމާލަމުން ބުންޏެވެ.