ދާހިލީ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމަކީ ގައުމަށް ލިބޭ ދެރައެއް: ރައީސް

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގ ޕީސް އެންޑް ސެކިއުރިޓީ" ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމައަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގް ޕީސް އެންޑް ސެކިއުރިޓީ" ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަނގުރާމަތަކުގައި ދިވެހިން ބައިވެރި ވުމަކީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސުލްހައަށް، އަދި މުޅި ގައުމުގެ އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

" މުޖްތަމައުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ފަދަ، ހަރުކަށި އަމަލުތަކަށް ހިތްވަރު ދިނުމަކީ، އެއްވެސް ބައެއްގެ މަސްލަހަތު ހުރި ގޮތެއް ނޫން. އެހެންކަމުން، ހަރުކަށިކަން އިސްނުކުރުމަށާއި، ގައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގް ޕީސް އެންޑް ސެކިއުރިޓީ" ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައީސް ސޯލިހު ވިދާޅުވީ ދިވެހިންނަށް ގަބޫލުކުރެވިފައި އޮންނަނީ، އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުންނުދާ ކޮންމެ ތަނަކީ، ސުލްހަ ގާއިމުވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ހަގީގީ ސުލްހައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެންމެން ވެސް އެދެނީ، ސުލްހަ މަސަލަސްކަމާ އެކު ހަމަޖެހިގެން ދިރިއުޅެން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ ވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުކޮށްދިނުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ނަމަވެސް، އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ގާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން. އިސްލާމީ ސައްހަ އަގީދާގެ މަތީގައި، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި." ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިންގ ޕީސް އެންޑް ސެކިއުރިޓީ" ފެށުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެކަމުގެ ސަބަބުން ސައްހަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ބައެއް ފަހަރު ކަމުގެ ނުރައްކާތެރިކަމާ މެދު ވިސްނައިލުމެއް ނެތި، އިސްލާމްދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލުތައް ފާޅުކުރާކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިިހު ވިދާޅުވީ ޒުވާނުންނާ މެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. ތައުލީމީ މަރުހަލާތައް ފުރިހަމަކުރަމުން އަންނައިރު، ކޮންމެ ޒުވާނަކީ ވެސް އިސްލާމީ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވާ، ހުލްގު ހެޔޮ ޒުވާނެއް ކަމުގައި ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް