ހުކުމެއް ނެތި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން: ރެޑްވޭވް ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް --- ފޮޓޯ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކުވެސް އަދި އެހެން މީހަކަށްވެސް ޝަރީއަތުން ހުކުމެއް ސާބިތު ނުވާ ހިނދަނު ޝަރީއަތް ނިމެންދެން ޖަލަަށް ލުމަކީ ކުރެވޭ ކަމެއް ކަމަށް ނުދެކޭ ކަމަށް މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިދާނެ ކަމަށެވެ. ނަމަވެސް ތުހުމަތުކުރެވުމުން ޖަލަށް ލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

" ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަފްސު ދިފާއު ކުރުމަކީ އެމީހެއްގެ މައްޗަށް އޮތް ވާޖިބެއް. ނަފްސު ދިފާއު ކުރުމަށްޓަކައި މައްސަލައެއްގެ ތެރެއިންވެސް އެމީހަކަށް ފުރުސަތު ނުލިބޭ ގޮތަކަށް އެމީހާގެ ހަތަރެސް ފައިގައި ވާ ޖަހާފައި ޖަލަށް ލީމަކާ އެމީހާއަކަށް ނޯންނާނެ މައްސަލައެއްގެ ތެރެއިންވެސް އެމީހަކަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް." ރެޑްވޭވް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ބަދަލުކުރީ މުއްދަތެއް ނެތް ގޮތެއް ޝަރީއަތް ނުނިމެނީސް މީހުން ބަންދުގައި ބެހެއްޓުމާއި، އިންސާފު ނެތް ކަމަށް ބުނެ ކަމަށެވެ.

ނަމަވެސް ސަރުކާުރު ބަދަލުވުމަށް ފަހުވެސް ކަންތައް ވަމުންދަނީ ހަމަ ކުރިން ކަންކަން ވަމުން ދިޔަ ގޮތަށް ކަމަށް ސަލީމް ވިދާޅުވި އެވެ. ހެކި ފޮރުވަފާނެ ކަމަށް ބުނެ އެމީހާ ޖަލަށް ލުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

" އެހެންވީމަ އަނެއްކާވެސް ކަމެއްގައި ޝައްކު ކުރެވޭ ހުރިހާ އެންމެން ދާންވީ ޖަލަށް. ހަމަ ޕްރޮސެކިއުޓަ ޖެނެރަލް ބުނަންވީ މީނަގެ ހެކި ފޮރުވަފާނެއޭ މިވެނި ކަމެއް ކޮށްފާނެއޭ. ބުނީމަ އޭނާ ޖަލަށް ހުކުމް އިއްވަންވީ." ރެޑްވޭވް ސަލީމް ވިދާޅުވި އެވެ.

ސަލީމް އެހެން ވިދާޅުވެފައިވާއިރު މަނީ ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ ދައުވާގެ ހެކި ފޮރުވަފާނެ ކަމަށް ބުނެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް