މިދިޔަ ހުކުރު ދުވަހުގެ ރޭ، ލ. ކައްދޫ އިން އެ އަތޮޅު މާމެންދު އަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ގާދޫ ކަނޑަށް ބަންޑުން ޖަހާލައި، އައިމިނަތު ޝިމާ ނާފިޒު، 19، ވަނީ ގެއްލިފަ އެވެ. އޭނާއާ އެކު ޑިންގީގައި ދަތުރު ކުރި އިބްރާހިމް ފަޒީލް، 24، އެ ހާދިސާގައި ވަނީ ސަލާމަތްވެފަ އެވެ.
ފަޒީލް ބުނެފައި ވަނީ އޭނާ އަށް އެންމެ ފަހުން ޝިމާ ފެނުނީ ހުދު ޕެޓްރޯލް ހަމެއްގައި އެލިގެން އޮއްވާ ކަމަށާއި ޝިމާ ދޫކޮށްލާފައި ދިޔައީ އެހީ ހޯދުމަށް ކަމަށެވެ. ފަޒީލް ސަލާމަތްވީ އޭނާ އެތަނުގެ ކައިރީގައި އޮންނަ ސިކްސް ސެންސެސް ލާމު ރިސޯޓަށް ފަތާފައި ގޮސްގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނާ ގޮތުން އޭނާ އެ ރިސޯޓަށް ދިޔައީ ގާދޫ ކަނޑު ހުރަސްކޮށް ފަތައިފަ އެވެ.
އެހެން ނަމަވެސް ގާދޫ ކަނޑަކީ ގަދަ ކަނޑެކެވެ. އޮއި ބާރު ކަނޑެކެވެ. އެހެން ކަމުން އެ ކަނޑު ހުރަސްކޮށް ފަތާފައި ދެވޭނެތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.
ނުރައްކާތެރި، އޮއި ބާރު ކަނޑެއް!
ލ. މާމެންދޫ ކައުންސިލުގެ ރައީސް އަބްދުލްމުހުސިން މުހައްމަދު ވިދާޅުވީ، ޝިމާ ގެއްލުނު ކަމަށް ބުނާ ސަރަހައްދަށް އެންމެ ފުރަތަމަ ދެވުނީ އެ ރަށުގެ ކައުންސިލަރުންނަށް ކަމަށެވެ. އެއީ ފޮނަދޫއަށް ކުރި ޒިޔާރަތަކަށް ފަހު އެނބުރި ރަށަށް ދަނިކޮށް، އެ ކުއްޖާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުލްމުހުސިން ވިދާޅުވީ އެ މައުލޫމާތު ލިބުމުން، ލޯންޗުގައި އެ ސަރަހައްދު ބެލި އިރު އޭރު އެތަނުގެ އޮއި ހުރީ ވަރަށް ބާރުކޮށް ކަމަށެވެ. އަދި އޮއި ހުރީ އަތޮޅުން ބޭރަށް ކަމަށް އޭނާ ބުންޏެވެ.
އާންމުކޮށް ގާދޫ ކަނޑު ހުރަސްކޮށް ލޯންޗު ދަތުރު ކުރާ ލޯންޗު ކެޕްޓަނެއް ކަމަށްވާ އަލީ ރަޝީދު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ގާދޫ ކަނޑުގައި އާންމުކޮށް ދުއްވާ އުޅެނީ ލޯންޗުފަހަރާއި ފެރީތައް ކަމަށެވެ. އެ ކަނޑުގައި ދުއްވާ ލޯންޗުތަކުގެ ތެރޭގައި ދެ އިންޖީނު ލީ ލޯންޗާއި އެއް އިންޖީނުލީ ލޯންޗު ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ބައެއް މީހުން ކުޑަ ޑިންގީތަކުގައި ވެސް އެ ސަރަހައްދުގައި ދަތުރު ކުރާ ކަމަށް އޭނާ ބުންޏެވެ.
"އެކަމެއް ހިނގި ރޭގައި އަޅުގަނޑު މާމެންދޫއިން ފުރައިގެން ފޮނަދޫއަށް ދަތުރު ކުރިން. އަޅުގަނޑަށް އެނގޭނެ އަޅުގަނޑުގެ ލޯންޗަށް އަރުވާލާ ވަރު. މިއީ ފަންސަވީސް ފޫޓުގެ ލޯންޗެއް. އެއީ 10 ވަރަކަށް ފޫޓުގެ ޑިންގީއެއް،"
ޝިމާ ގެއްލުނު ރޭގައި، ފުލުހުންގެ އެދުމުގެ މަތިން އަލީ ވަނީ އޭނާގެ ލޯންޗުގައި ޑިންގީ ހޯދުމަށް 45 ވަަރަކަށް މިނެޓު އެ ސަރަހައްދުގައި ދުއްވައިފަ އެވެ. އޭރު ވެސް ކަނޑު އޮތީ ގަދަކޮށް ކަމަށް އޭނާ ކިޔައިދިނެވެ.
ގާދުއާއި ސިކްސް ސެންސަސް އާ ދެމެދު ހަތަރު ކިލޯ މީޓަރު ހުރެ އެވެ. އެދޭ ތެރެ މެދުން ސިކްސް ސެންސަސް އާ ހަމައަށް ވެސް ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ހުންނާނެ އެވެ.
އަލީ ބުނީ، ޝިމާ ގެއްލުނު ރެޔަކީ މި މަހުގެ ތެރޭގައި ވެސް އެ ސަރަހައްދުގައި އެންމެ އޮއި ބާރުވި ރޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އޮއި ހުންނާނީ އަތޮޅުން ބޭރަށް ކަމަށް އޭނާ ބުންޏެވެ.
"ހުކުރު ދުވަހުގެ ރޭ އެއީ މި މަހުގެ އެންމެ އޮއި ބާރު ރެޔަކީ. ސަތޭކަ ޕަސެންޓު ބޭރަށް އޮއި އިންނާނީ،"
އަލީ ބުނި ގޮތުގައި ގާދޫ ކަނޑަކީ އަބަދު ވެސް ގަދަ ކަނޑެކެވެ. އެ ކަނޑު ގަދަވާ ފަހަރު ފަސް ފޫޓުގެ ރާޅު ނަގާ ކަމަށް އޭނާ ބުންޏެވެ. އެ ކަނޑުގައި ލޯންޗުފަހަރު ދަތުރު ކުރަން ވެސް އުނދަގޫވާ ފަހަރު އަންނަ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އޭނާ ގަބޫލު ކުރަނީ އެ ކަނޑުގައި ޑިންގީގައި ދަތުރު ކުރުމަކީ އެއްވެސް ވަރަކަށް ރައްކާތެރި ކަމެއް ނޫން ކަމުގަ އެވެ.
"އެއްގޮތަކަށް ވެސް ރަނގަޅު ކަނޑެއް ނޫން ޑިންގީ ދަތުރު ކުރަން އެއީކީއެއް. އަބަދު ވެސް ކޮންމެވެސް އެއް އަތަކަށް އޮއި އިންނާނެ. ކޮންމެވެސް ވަރަކަށް ރާޅެއް އޮންނާނެ،"
"މިހާރު އިރުވައިތާގައި ވައި މިހިރީ ދެއްތޯ. އިރުވައިތާގެ ވައި ހުންނަ އިރު ގާދޫ ކަނޑަށް ވާނީ ހަމަ ފައްސަ. [ވަޔާ އެއްކޮޅު] ދެން ބޭރު އޮއެއް އަޅައިފިއްޔާ ވައިގެ ފައްސާ އާއި އޮއިގެ ފައްސާ އިނީމާ ކިހާ ބާރަށް ދާނެތޯ،"
"އޮއި ހުރަސްކޮށް ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން"
އަލީ ބުނީ، ޑިންގީ ބަންޑުން ޖަހާލި ކަމަށް ލަފާ ކުރެވޭ ހިސާބުން ރިސޯޓުގެ ބޭރުގައި އޮންނަ ފުއްޓަރާ ހިސާބަށް ގާތްގަނޑަކަށް ދޮޅު މޭލު ހުންނާނެ ކަމަށެވެ. އެހެން ކަމުން، އެ ދުރުމިނަށް އިންސާނަކަށް އޮޔާ ދެކޮޅަށް ފަތާފައި ރިސޯޓަށް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރާނަން އެ ކަނޑުގައި އެ އޮންނަ އޮއި ހުރަހަށް އެއްވެސް މީހަކަށް އެހާ ދުރަށް ފެތޭނެ ކަމަކަށް އެއްވެސް އެއްޗެއް ބޭނުން ނުކޮށެއް،" އަލީ ބުންޏެވެ.
އޭނާ ބުނީ އެތަނުގެ އޮއި ހުރި ގޮތުން އަތޮޅަށް ބޭރަށް ދަމައިގަތުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި އޮއި ހުރި ގޮތުން ގާދުއަށް ވެސް ލެއްގުމުގެ ފުރުސަތެއް ނޯންނާ ކަމަށް އޭނާ ބުންޏެވެ.
ގާދޫ ކައިރިއަށް ފީނަން ދާ މީހަކު ބުނީ، އެތަނަކީ ފިންސް ޖަހައިގެން ވެސް ފީނަން އުނދަގޫ ތަނެއް ކަމަށެވެ. އޭނާ ބުނީ އެ ސަރަހައްދަށް ފައިބާ އިރު ކަނޑު އަޑީގައި އޮއި ހުންނަ ގޮތުން މައްޗަށް އެރެނީ ފައިބާ ހިސާބަށް ވުރެ މާ ދުރުން ކަމަށެވެ.
އޭނާ ވެސް ބުނީ ގާދޫ ކަނޑު ހުރަސްކޮށް، އޮޔާ ދެކޮޅަށް ފަތާފައި ސިކްސް ސެންސެސް ރިސޯޓަށް ފަޒީލްއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޝިމާ ގެއްލުނު މައްސަލާގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވާހަކަ ދެކެވޭތީ އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.
ޝިމާ ހޯދުމުގެ މަސައްކަތް އަދި ވެސް އެމްއެންޑީއެފްްގެ ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ. ޑައިވަރުންނާއި ރޮބޮޓުތައް ބޭނުންކޮށްގެން އެ ސަރަހައްދު ދަނީ ބަލަމުންނެވެ. އެހެން ނަމަވެސް، އަދިވެސް އޭނާގެ ހިލަމެއް ނުވެ އެވެ. ޑިންގީގައި އޮތް އޭނާގެ ދަބަސް ވެސް އަދި ފެނިފައެއް ނުވެ އެވެ.