އެކުވެރި މަހާތިރުއާ ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި

ރައީސް މައުމޫންއާއި މަހާތިރު ބައްދަލުވުމުގެ ތެރެއިން: ރައީސް މައުމޫން ވަނީ މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މިރޭ ވަނީ މާލެ ވަޑައިގެންފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ގާތް އެކުވެރި، މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދާ ބައްދަލު ކުރެއްވުމަށް އެ ގައުމަށް ވަޑައިގަތުމަށްފަހު އެބުރި މާލެ ވަޑައިގެންފިއެވެ.

މަހާތިރުގެ ދައުވަތަކަށް ރައީސް މައުމޫން އެގައުމަށް ފުރާވަޑައިގަތީ މިދިޔަ ހަފްތާ ބުދަ ދުވަހުއެވެ.

މާލެ ވަޑައިގަތުމަށް ފަހު ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ، އެ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަހާތިރުއަށް ފޮނުއްވި ހާއްސަ ސިޓީފުޅު މަހާތީރަށް ރައްދުކޮށްދެއްވި ކަމަށެވެ. މި ސިޓީފުޅަކީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ޑރ. މަހާތީރަށް ދައުވަތު ދެއްވައި ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅެކެވެ.

އެ ދައުވަތާ ގުޅިގެން މަހާތިރާ ހަވާލާދީ، މައުމޫން ވިދާޅުވީ، ވަރަށް އަވަސް ފުރުސަތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ އެދިވަޑައިގަތުމަށް މަލޭޝީއާގައި ތިއްބަވާ ދިވެހިންނަށް ވިސާ ލިބުމުގައި ލުއިތަކެއް ހޯދުމާ ގުޅޭގޮތުންވެސް މަހާތިރާ މަޝްވަރާކުރެއްވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެކަމަށް ވަރަށް އަވަހަށް ހަލެއް ހޯދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަހާތިރު ވިދާޅުވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާއި ރައީސް މައުމޫން ކުރައްވާ ސިޔާސީ މަސައްކަތްތަކުގެ މައުލޫމަތުވެސް މަހާތިރަށް އެރުވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އުމުރުން 93 އަހަރުފުޅުގެ ޑރ. މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރު މެއި މަހުއެވެ. އޭރު ރައީސް މައުމޫން އޮންނެވީ ޖަލުގައެވެ.

އޭނާ އިންތިހާބުވީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވާދަކޮށެވެ. ކުރިން ސިޔާސީ މަސައްކަތުގައި އެކުގައި އުޅުއްވި ނަޖީބާ ދެކޮޅަށް މަހާތީރު ނުކުމެވަޑައިގަތީ ނަޖީބުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާއި އެހެނިހެން ކަންކަމާވެސް ހިތްހަމަޖެހިވަޑައިނުގެންނެވުމުގެ ސަބަބުންނެވެ.

މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ކުރެއްވީ ޖުލައި 1981 އިން އޮކްޓޫބަރު 2003 އަށެވެ. އޭރު ރައީސް މައުމޫންގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒު ހުޅުވި ރަސްމިއްޔާތަށް، އެމަނިކުފާނުގެ ދައުވަތުފުޅަކަށް މަހާތީރު ރާއްޖެވެސް ވަޑައިގެންނެވިއެވެ.

comment ކޮމެންޓް