ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވައުދުވެފައިވާ ކަންކަން ކުރުމަށް ބޭނުންވާ ގާނޫނުތައް ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ތިން ބިލަކަށް ވޯޓަށް އެހުން ހޯމަ ދުވަހުގެ އެޖެންޑާއަށް ތާވަލުކޮށްފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައިވަނީ ތިން ބިލަކަށް ވޯޓަށް އަހާށެވެ. އެގޮތުން އިންސާފުން ނުބަލާ ހުރި މަރުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށްވެސް ވަނީ ތާވަލުކޮށްފަ އެވެ.
އެ ދެ ކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި އެ ބިލު ފާސްކުރުމަށް އެންމެ ފަހުން ޖަލްސާ ތާވަލުކުރި ދުވަހު ކޯރަމް ހަމަވާ ވަރަށް މަޖިލީހަށް މެމްބަރުން ހާޒިރެއް ނުވެ އެވެ.
އޭގެ އިތުރުން ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާޙުގެ ބިލަށް ވޯޓަށް އެހުންވެސް ވަނީ ތާވަލުކޮށްފަ އެވެ. އަދި ބާ އެސޯސިއޭޝަން އުފެއްދުމަށް ބޭނުންވާ ގާނޫނީ ހިދުމަތުގެ ބިލަށް ވޯޓަށް އެހުންވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
އެކަންކަމުގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އަލަށް އަލަށް ދެ ބިލެއް ތައާރަފުކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ ގާނޫނުލްއުގޫބާތަށް އިސްލާޙު ހުށަހެޅުމުގެ ބިލާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެވެ. އެ ދެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހޯމަ ދުވަހުގެ އެޖެންޑާއަށް ވަނީ ތާވަލުކޮށްފަ އެވެ.