މުހައްމަދު ބިން ސަލްމާން ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފި

ދިއްލީ އެއާޕޯޓްގައި ބިން ސަލްމާންއަށް މޯދީ މަރްހަބާ ވިދާޅުވަނީ

ނިއުދިއްލީ (ފެބްރުއަރީ 20) : ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައިފިއެވެ.

އިންޑިޔާގެ ނިއުދިއްލީއަށް ބިން ސަލްމާން ވަޑައިގަތުމުން އެއާޕޯޓުން އޭނާއަށް މަރްހަބާ ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާއި އޭނާގެ ކެބިނެޓްގެ ވަޒީރުންނާއި އިންޑިޔާ ސިފައިންގެ އިސް އޮފްސަރުންނެވެ.

ބިންސަލްމާން އާއި މޯދީގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ ދެގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމާބެހޭ ގޮތުންނެވެ. މިގޮތުން ސައޫދީ ގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިޔާގެ ކުންފުނިތައް މިހާރަށްވުރެ ބޮޑަށް ބައިވެރިކުރުމާއި ސައޫދީ ތެޔޮ އިންޑިޔާއިން ގަންނަ މިންވަރު އިތުރު ކުރުމާ އަދި ހަކަތައިގެ ދާއިރާގައި ސައޫދީން އިންޑިޔާގައި އިންވެސްޓް ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.

ބިން ސަލްމާން ގެ ދަތުރުފުޅުގައި މިކަންކަމާބެހޭ އެއްބަސްވުންތަކާ އަދި އެމްއޯޔޫތަކުގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިޔާއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ ގަންނަނީ ސައޫދީންނެވެ. ސައޫދީގެ ފަރާތުން އިންޑިޔާގެ ކިބައިން އެދޭ ކަންތައްތަކުގެ ތެރޭގައި ސައޫދީ ގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާން އެކަހެރިކޮށް އީރާން ނިކަމެތި ކުރުމުގައި އިންޑިޔާގެ އެހީތެރިކަން ހޯދުން ހިމެނެއެވެ. މިގޮތުން އިންޑިޔާއިން އީރާނުގެ ތެޔޮގަންނަ މިންވަރު މަދުކުރުން ނޫނީ ހުއްޓުމަކަށް ގެނައުމަށް ބިން ސަލްމާންގެ މިދަތުރުފުޅުގައި އިންޑިޔާގެ މަސްއޫލުވެރިންނަށް ބާރު އަޅުއްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ބިންސަލްމާން އިންޑިޔާއަށް ވަޑައިގެންނެވީ ދާދިފަހުން ކަޝްމީރުގައި ދިން ޙަމަލާތަކެއްގައި އިންޑިޔާ ސިފައިންގެ 44 މީހުން މަރުވި މައްސަލާގައި ޕާކިސްތާނާއި އިންޑިޔާގެ ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ބިންސަލްމާންގެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ސައޫދީ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު ޢާދިލްއަލްޖުބައިރު ވަނީ އިންޑިޔާއާއި ޕާކިސްތާނުގެ މެދުގައި ހޫނުވެފައިވާ މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރުމަށް ސައޫދީ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ސުލްޙަވެރިގޮތުގައި ކަޝްމީރުގެ މައްސަލަ ހައްލުކުރުމުގައި އެދެގައުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ސައޫދީ ތައްޔާރަށް އޮތްކަމަށްވެސް އާދިލްއަލް ޖުބައިރު ވަނީ ވިދާޅުވެފައެވެ.

ބިންސަލްމާން އޭޝިޔާގެ ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނާއި އިންޑިޔާގެ އިތުރުން ޗައިނާ، މެލޭޝިޔާ އަދި އިންޑޮނީޝިޔާއަށްވެސް ޒިޔާރަތް ކުރެއްވުން ކުރިން ހިމެނުނެވެ. ނަމަވެސް މެލޭޝިޔާއާއި އިންޑޮނީޝިޔާއިންވަނީ ބިން ސަލްމާންގެ ދަތުރުފުޅު ފަސްކުރުމަށް އެދިފައެވެ. އެހެންކަމުން ބިން ސަލްމާން ގެ މިދަތުރުފުޅުގައި އެދެގައުމު ޝާމިލް ވެފައެއް ނުވެއެވެ.

އިންޑިޔާގެ ދަތުރުފުޅަށްފަހު ބިން ސަލްމާން ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ. ބިންސަލްމާންގެ ދަތުރުފުޅާ ދެކޮޅަށް ދިއްލީގައި އެތައް ސަތޭކަ ބަޔަކު ވަނީ މުޒާހަރަކޮށްފައެވެ. މުޒާހަރަކުރި މީހުންވަނީ ސައޫދީގައި މަސައްކަތްކުރާ އިންޑިޔާގެ ރައްޔިތުންނާމެދު ސައޫދީން މުއާމަލާތްކުރާ އިހާނާތްތެރި ގޮތްތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ ވަރަށް ލާއިންސާނީ ގޮތަކަށް މަރާލި މައްސަލައާ ގުޅިގެންވެސް އިންޑިޔާގައި މުޒާހަރާކުރި މީހުންވަނީ ބިންސަލްމާން އާ ދެކޮޅަށް އަޑުއުފުލާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް