ރައީސް ޔާމީން ހުންނެވީ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމުގެ އުންމީދުގައި: ވަކީލު

ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު: އޭނާ ވިދާޅުވަނީ ރައީސް ޔާމީން ހުންނެވީ ވަރަށް އަވަހަށް ސަޕޯޓަރުންނާ ބައްދަލުކުރުމުގެ އުންމީދުގައި ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުންމީދު ކުރައްވަނީ ވަރަށް އަވަހަށް އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅު ވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބަލައި ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ރައީސް ޔާމީންގެ ވަކީލް ޝިޔާޒު މިއަދު ވަނީ މާފުށީ ޖަލުގައި އެމަނިކުފާނާ ބައްދަލު ކުރައްވާފައެވެ. ބައްދަލު ކުރެއްވުމަށްފަހު، ޝިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި އެމަނިކުފާނު އުންމީދުކުރައްވަނީ ވީހާވެސް އަވަހަކަށް ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ކަމަށެވެ.

"ހުރިހާ ސަޕޯޓަރުންވެސް ހިތްވަރު އާ ކުރައްވައި، އަޒުމްވަރުގަދަކޮށް ސަފުތައް ބަދަހި ކުރައްވައިގެން ތިއްބެވުމަށް [ރައީސް ޔާމީން] އެދިވަޑައިގެންނެވި. އަދި އުންމީދަކީ އިންޝާﷲ ވީ އެންމެ އަވަހަކަށް ސަޕޯޓަރުންނާ ބައްދަލު ކުރެއްވުން ކަމަށް ވެސް ވިދާޅުވީ،" ޝިޔާޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމުން އެމަކިފާނު ނިސްބަތްވާ އިދިކޮޅު "ޕްރިގްރެސިވް ކޮންގްރެސް" އިން ބުނަނީ ރައީސް ޔާމީން ޖަލަށްލި ކަމުގައި ވީ ނަމަވެސް އެމަނިކުފާނު ގެންނެވި ތަރައްގީގެ ފިކުރެއް ޖަލަކަށް ނުލެވޭނެ ކަމަށެވެ.

މަނީ ލޯންޑަރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާގޮތުން މަނީ ލޯންޑާ ކުރުމުގެ އަދަބަކީ، އެއްލަކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރުމާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނަ އަށްވުރެ އިތުރު ނުވާ އަދަދަކުން ޖުރިމަނާ ކުރުމާއެކު، ފަސްއަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެއެވެ.

comment ކޮމެންޓް