މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުނީގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާ ކުރި 100،000 ޑޮލަރަކީ ސަންގު ޓީވީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ފޮނުވި ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓު އާންމު ކުރި އިރު އޭގައި ވަނީ އެސްއޯއެފުން، ފައިސާ ޓްރާންސްފާ ކުރި 155 އެކައުންޓުގެ ވެރިފަރާތްތައް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި މޫސަގެ އެކައުންޓު ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން އޭސީސީގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވި ސިޓީއެއްގައި މޫސަ ވިދާޅުވީ އޭނާއަކީ 1989 ވަނަ އަހަރުން ފެށިގެން ވިޔަފާރިކުރަމުން އަންނަ މީހެއް ކަމަށާއި ބޭރު ފައިސާ ގަނެ ވިއްކައި ހަދާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ވިޔަފާރިއެއްގައި އެސްއޯއެފާ މުއާމަލާތްކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެސްއޯއެފް އިން އެއްލައްކަ ޑޮލަރު ޖަމާކޮށްގެން އޭސީސީ އިން ސުވާލު ވެސް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެފަދަ ރިޕޯޓެއް އޭނާއާ ސުވާލުނުކޮށް އާންމު ކުރި އިރު ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އޭނާގެ ނަން ބޭނުންކުރުމަކީ ގާނޫނު އަސާސީ އިން ލިބިދީފައިވާ އެތައް ހައްގެއް ގެއްލި އަމިއްލަ ދިިރިއުޅުމާއި ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގަ އެވެ.
މޫސަ ވިދާޅުވީ، އަސްވާޑާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު އަލަށް ހަދާ ޓީވީ ޗެނަލަކަށް ބޭނުންވާ އާލާތްތައް ސިންގަޕޫރުން ގެންނަން ބޭނުންވާތީ އެ ގައުމުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ދެ ބޭފުޅުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް އެދުމުން އެ ދެ ބޭފުޅުންނަށް މޫސަގެ ބީއެމްއެލް އެކައުންޓު ނަމްބަރު ދީފައިވާނެ ކަމަށެވެ.
"އެމީހުން އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެމީހުންނަށް ސިންގަޕޫރުން އެ އަދަދަށް ފައިސާ ދޭނެ ކަމަށް ބުނުމުން އަސްވާޑު ވަނީ 8 މާޗު 2015ގައި އަޅުގަނޑުގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާކޮށްދީފަ އެވެ." މޫސަގެ ސިޓީގައި ބުނެފައިވެ އެވެ.
އަދި އަސްވާޑުއަށް އެކައުންޓް ނަންބަރު ދީފައި އެއަށް ފައިސާ ޖަމާކުރުމަށް އޭނާ ގާތު ބުނުމުން އެ ފައިސާ ޖަމާކޮށްފައި ވަނީ އިންޓަނެޓް އިން ބޭންކް މެދުވެރިކޮށް ކަމަށްވާތީ އެ ފައިސާ މޫސަގެ އެކައުންޓަށް ޖަމާކުރީ އަސްވާޑުގެ އެކައުންޓުން ކަމަށް ހީކުރި ކަމަށް މޫސަ ވިދާޅުވި އެވެ.
"އަދި 8 މާޗު 2015ގެ ތާރީހުގައި އަޅުގަނޑުގެ އެޗްއެސްބީސީ ސިންގަޕޫރުގެ އެކައުންޓުގެ ހަތަރު ޗެކު [ޗެކު ނަމްބަރުތައް] އަޅުގަނޑު އިބްރާހިމް ވަހީދު (އަސްވާޑު) އާ ހަވާލުކުރުމުން އޭނާ ވަނީ ފައިސާ ނަގައިފަ އެވެ. މިއީ ރައްޓެހި ކުދިން ކަމަށްވެފައި މި ކުދިންނަށް ސިންގަޕޫރަށް އަވަހަށް އެ ފައިސާ ފޮނުވޭނެ ގޮތެއް ނެތުމުން އެހީތެރިވުމުގެ ގޮތުން އަޅުގަނޑު ކޮށްދިންކަމެކެވެ."
މޫސަ ވިދާޅުވީ، އޭނާ އަކީ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށްވާ އިރު އެފަދަ ކަމެއްގެ ތެރެއަށް ނަން އައުމަކީ ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރި 15 އަހަރު ތެރޭގައި ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ލަދުވެތިކަމެއް ކަމަށެވެ. އަދި ދުވަހަކު ވެސް އޭނާ ތަހުގީގަށް އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، އޭސީސީގެ މެމްބަރުން ޒިންމާދާރު ކަމާ އެކު އަމަލު ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މޫސަގެ އިތުރުން ދެން އެސްއޯއެފް އިން ފައިސާ ލިބުނު މަޖިލިސް މެމްބަރުންނަކީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި، ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ކަމަށް އޭސީސީގެ ރިޕޯޓްގައިވެ އެވެ.